ނަޞީބުގެ ކަންފުޅެއް ހުއްޓަސް ނަރަކަވެރި ޢަމަލު ނުކުރާނޭ
ޚަޞީލަތުގައި ނުބައި އެއްވެސް ކަމެއް ސިފައެއް ނުހުންނާނޭ
ފަނާވެ މިދުނިޔެ ދޫކޮށްފައި ޖެހޭކަން ދާދި އަވަހަށް ދާން
މަނާވެގަތުން އެކަމުގައި ނެތްކަމެއް ނުދަނެމެ ނުހުންނާނޭ
މުދާ ހޯދައި ޖަމާ ކުރުމަށް ހިތަށް އެރިޔަސް ނުބައި މަގަކުން
ނުދާން ޖެހިލުންވެ ފަސްޖެހުމުގެ ޠަބީޢަތު ނުހުރެ ނުމެދާނޭ
ކަރާމާތްތެރި ފުރާނަ ތިމާގެ ނިކަމެތި ޖިސްމުގައި ވާތީ
ޙަރާން ކަމަކުން ތަކެތި ހޯދައި އަރުން އެތެރަށް ނުއެއްލާނޭ
ތިމާފަދަ އަނެކުނަށް ގެއްލުން ދިނުން ކުރެވޭ ކުށެއްކަންދަނެ
ޙިމާޔަތް މީސްތަކުންނަށްދޭ އަތުގެ ވެރިއެއް ކަމަށްވާނޭ
މަރާ ބައްދަލުވުމުގެ ކުރިޔަށް ލަފާ ޞާލިޙް އަޅުންގެތެރޭ
ޤަރާރުވެހުރި ރަނގަޅު އަޅަކަށް ވުމުގެ ފުރުޞަތު ނުގެއްލޭނޭ
އަޅެއްގެ ހިތުގެ ރުހުން ހޯދައި މަޢާފު އެދޭން ޖެހޭ ކުށްވެރި
އަޅެއް ކަމުގައި ތިމާ ވާފަދަ ކުށަށް އަރައެއް ނުގަންނާނޭ
ޤިޔާމަތް ދުވަހު فُجَّارُ ން ތެރޭގައި ނުހިމެނޭ މަތިވެރި
ވިޔާދާ ހެޔޮވި أَبْرَارُ ން ތެރޭ ނުވެއެއް ނުހުންނާނޭ
