Support Us

ޖެނީން ރެފިއުޖީ ކޭމްޕް- ޝަހީދުންގެ ވެރިރަށް

ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅެމުންދާ ޖެނީން ރެފިއުޖީ ކޭމްޕަކީ ހުޅަނގު އައްސޭރީގެ އުތުރުގެ ޖެނީން އަވަށުގައި ހުންނަ ކޭމްޕެކެވެ. މި ކޭމްޕަކީ 1953 ވަނަ އަހަރު ރަސްމީކޮށް ޤާއިމުކުރެވުނު ކޭމްޕެކެވެ. މި ކޭމްޕުގެ އާބަދީގެ ގިނަ ބަޔަކީ 1948 ވަނަ އަހަރު ގަދަބާރުން ފަލަސްތީނުގެ ބިމުގައި ޔަހޫދީންގެ އިޒްރޭލު އުފައްދައި، އަމިއްލަ ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާއި އެމީހުންގެ ދަރިފަސްކޮޅެވެ. އޭގެފަހުން ވެސް އިސްރާއީލުގެ ސިފައިންގެ އަނިޔާވެރިކަމުގެ ސަބަބުން އަމިއްލަ ގެދޮރުން ނިކުންނަން މަޖުބޫރުވި ފަލަސްތީނުގެ ގިނަ ރައްޔިތުންތަކެއް މި ރެފިއުޖީ ކޭމްޕުގައި ދިރިއުޅެއެވެ.

މި ކޭމްޕް ހުންނަ ޖެނީން ސިޓީގެ އުތުރުގައި ޖިޒްރީލް ވާދީ އޮންނައިރު، އިރުމަތީގައި އޮތީ އުރުދުން ވާދީއެވެ. މި ސަރަހައްދު، 1950 ވަނަ އަހަރު އޮތީ އުރުދުންގެ ކޮންޓްރޯލްގެ ދަށުގައެވެ. މިހާރު މި ސަރަޙައްދު ކޮންޓްރޯލް ކުރަނީ އަނިޔާވެރި އިޒުރޭލުންނެވެ.

ބައި އަކަ ކިލޯމީޓަރަށްވުރެ ކުޑަ ޖެނީން ރެފިއުޖީ ކޭމްޕުގައި ސާދަ ހާހަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުންދެއެވެ. އަލްޖަޒީރާއިން އަންދާޒާ ކުރާގޮތުގައި މިއަދަދު ބާވީސް ހާހަށްވުރެ މަތިވާނެއެވެ. މި ކޭމްޕަކީ ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތައް ފުއްދުމަށް ވެސް ދަތިތައް ހުރި ތަނެކެވެ. އިޒުރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން މި ކޭމްޕުގެ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް އަދި ބޮޑެވެ. ހުޅަނގު އައްސޭރީގެ އެހެން ހިސާބުތަކާ އަޅާބަލާއިރު ވަޒީފާ ނެތް މީހުންގެ ނިސްބަތް މި ސަރަހައްދުގައި މައްޗެވެ. މި ކޭމްޕުގައި ގިނަ ރެފިއުޖީން ދިރިއުޅެނީ ފެންވަރު ދަށް ހިޔާވަހިތަކުގައެވެ. ނަރުދަމާއާއި ފެނާއި ކަރަންޓުގެ ހާލަތު ވެސް ވަރަށް ދަށެވެ. މި ކޭމްޕަކީ މި ހާލަތުގައި އޮއްވައި ދޭތެރެދޭތެރެއިން އިޒުރޭލުގެ އަނިޔާވެރި ޔަހޫދީން ހަނގުރާމައިގެ އަމާޒުފަތްގަނޑަކަށް ހަދާ ތަނެކެވެ. ފެނާއި ކަރަންޓް ކަނޑާލާ ތަނެކެވެ. ރަޙުމެއްނެތި ވައިގެމަގުންނާއި އެއްގަމު މަގުން ދޭތެރެދޭތެރެއިންދޭ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުކޮށްލައެވެ. ދިރިއުޅޭ ތަންތަން ބިމާ ހަމަކޮށްލައެވެ.

އިޒުރޭލުގެ އަނިޔާވެރި ސިފައިންގެ ޢަމަލުތަކުގެ ސަބަބުން ރެފިއުޖީންގެ ތެރޭގައި ވަރަށް ވަރުގަދަ ވަޠަނީ ރޫހެއް އުފެދިފައިވެއެވެ. އަމިއްލަ ޤައުމުގެ މިނިވަންކަމަށް ޓަކައެވެ. އަނިޔާވެރިކަމާއި ލާއިންސާނިއްޔާ ދެކޮޅަށެވެ. އަމިއްލަ ޖާނުގެ ދިފާޢުގައެވެ. އާއިލާގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ. މި ރޫޙުގައި ތަފާތު ގުރޫޕުތައް އުފަންވިއެވެ. ހިތްވަރުގަދަ އެތައް ޒުވާނުންނެއް މި ކޭމްޕަށް ވިހާ ބޮޑުވިއެވެ. އެހެންކަމުން ޖެނީން ވެގެން ދިޔައީ މުޖާހިދުންގެ ވަރުގަދަ ކިއްލާއަކަށެވެ. މަރަށް ބިރުނުގަންނަ ޝަހީދުންގެ ވެރިރަށްކަމުގައެވެ. އިޒުރޭލު ސިފައިންނަށް ހުރި ބިރުވެރި ކަށްވަޅެއް ކަމުގައެވެ. ދޭތެރެދޭތެރެއިން ޖެނީން ރެފިއުޖީ ކޭމްޕަށް އިޒުރޭލުން ދެމުންދާ އަނިޔާވެރި އަދި ލާއިންސާނީ ނުބައި ނުލަފާ ޢަމަލުތަކުން ވެސް މަރާނުލެވި އޮތް ރޫޙަކީ އެ މުޖާހިދުންގެ ހިތްތަކުގައި އޮތް ވަރުގަދަ ޣީރަތްތެރިކަމެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *