ތިރީގައި އެވަނީ އިރާގުގެ މަޝްހޫރު ލިއުންތެރިޔާ އަހުމަދު މަތަރުގެ ޅެމެކެވެ. މި ޅެމުގައި އޭނަގެ ގައުމުގެ ހާލަތާ މެދު ހައިރާންވެ އަންތަރީސްވާކަމުގެ އިހުސާސް ފާޅުކުރެވިފައި ވެއެވެ. ރަނގަޅު ނުރަނގަޅު އޮޅިފައި އޮތުމެވެ. ހެވައި ނުބައި ވަކިކުރުން ނޭނގިގައި އޮތުމެވެ. އެހެންވެ، ރަނގަޅު ނުރަނގަޅަށްވެ، ނުރަނގަޅު ރަނގަޅަށް ވެދެއެވެ. ހަމަ އެހެންމެ، ހެޔޮ ނުބަޔަށްވެ، ނުބައި ހެވަށް ވެދެއެވެ. ފަސާދައާއި ވައްކަމަކީ އެންމެން ވެސް ކުރާކަމެކޭ ބުނެ އެކަން ކުރަންވީއެވެ. ދެން، ފަސާދައާއި ވައްކަމުގެ ވާހަކަ ދެއްކައި އެއީ ނުބައި ކަމެކޭ ބުނެފި ނަމަ އެ ބުނުން ވާނީ ފިތުނަ ފަތުރަން އުޅުމަކަށެވެ. ސިޔާސީ ވެރިންގެ އަމަލުތަކުގެ ސަބަބުން، ސިއްރު ގޮތްގޮތަށް ބޭރުގެ ފަރާތްތަކާ އެއްބަސްވާ އެއްބަސްވުންތަކުގެ ސަބަބުން، ތަނުގެ ސިޔާދަތާ މިނިވަކަމަށް ބުރޫއަރާފާނޭ ބުނެފި ނަމަ، އެ ބުނުން ގޯސްވެ އެވެސް ފިތުނަ ފެތުރުމުގެ އަމަލަކަށް ހަދާލައެވެ.
އާދެ މި ދަރަޖައަށް ކަންތައް ދިޔުމުން، ޚުދް އަޖާއިބުތައް ވެސް ތަނުގެ ހާލަތު ފެނިފައި އަޖައިބު ވެއެވެ. ނާދިރު ވުން ދުރު ކަންކަން ވެސް، މި މަންޒަރު ފެނިފައި ހައިރާންވެ އަންތަރީސްވެއެވެ. އެއަށް ގައުމުގެ މީސްތަކުން ފެންނަނީ ކިހިނެއް ހެއްޔެވެ؟ ޒަމީރެއް ނެތް، އެހެންވެ، މަރުވެފައިވާ ބައެއްގެ ގޮތުގައެވެ. ފުރާނަ ލިބިގެންވީ ކަމުގައި ވިޔަސް ވެހެވެ. އެހެންވެ، ދޭސީން ބިދޭސީންނަށްވެ ރައްޓެހިން ބީރައްޓެހިންނަށްވީއެވެ. އަދި، މުސީބާތް ވެސް މުސީބާތަކީ ތަނުގެ އަހުލުވެރިންކަމުގައި ދުށީއެވެ! އާދެ، ދެން، ޅެމާއި ޅެމުގެ މާނަ ހުށަހަޅާލަމެވެ.
عجبتْ لمرآنا العجائبْ
އަހަރުމެން ފެނުމުން، އަޖާއިބުތައް ވެސް އަޖާއިބުވިއެވެ.
واستغربتْ منَّا الغرائبْ !
އަދި، ނާދިރު ކަންތައްތައް ވެސް ހައިރާން ވިއެވެ.
لا نحنُ أحْياءٌ ولا موْتى
އަހަރުމެންނަކީ ދިރިތިބީ ބަޔަކު ކަމުގައި ވެސް ނުވެއެވެ. އަދި މަރުވެފައި ތިބި ބަޔަކު ކަމުގައި ވެސް އަހަރުމެން ނުވެއެވެ.
ولا أهْلُ البلادِ ولا أجانبْ !
އަހަރުމެންގެ ރަށުގައި ރަށުގެ އަހުލުވެރި ދޭސީންނަށް ވެސް އަހަރުމެން ނުވެއެވެ. އަދި ބީރައްޓެހި ބިދޭސީންނަށް ވެސް އަހަރުމެން ނުވެއެވެ.
تهْوي المصائبُ فوقَنا
މުސީބާތްތައް އަހަރުމެންގެ ބޯމަތިން ފައިބައެވެ.
وتسُوقنا من كل جانبْ
އަދި، ހުރިހާ ދިމާއަކުން ވެސް ލަވާފައި އަހަރުމެން ގެންދެވެއެވެ.
لكنَّنا لسْنا هُنا
ނަމަވެސް، އަހަރުމެން ވަނީ މި ތަނަކު ނޫނެވެ.
فكأنَّما هي نفسُها ابْتُلِيتْ بنا
އަހަރުމެން މެދުވެރިކޮށް އިމްތިހާނުކޮށްލެވުނީ އެ މުސީބާތްތައް ފަދައެވެ.
وكأنَّما نحنُ المصائبْ!
މުސީބާތަކީ އަހަރުމެންހެން ހީވާ ކަހަލައެވެ!