މޮޔަ މޮހޮދޭއަކީ ރަށު އެންމެންގެ އެކުވެރިއެކެވެ. އޭނާއާ ދިމާއަށް މީހުން މޮޔައެކޭ ކިޔަސް، އޭނާއަކީ މޮޔައެއް ނޫނެވެ. ބުއްދިވެރިއެކެވެ. ކޮންމެއަކަސް އެއްދުވަހު މޮޔަ މޮހޮދޭ ރަސްގެފާނުންގެ ދަރުބާރަށް ގޮސް ރަސްގެފާނާ ބައްދަލުކުރިއެވެ. އަދި، ރަސްގެފާނުންގެ ކިބައިން، މަސްދުވަސް ވަންދެން ރަށުގެ ރަސްކަން އޭނައާ ހަވާލު ކުރުމަށް އެދުނެވެ.
ރަސްގެފާނު އެންމެ ފުރަތަމަ މިކަމާ އިންކާރު ކުރެއްވި ކަމުގައި ވިޔަސް، އެންމެފަހުން، މޮޔަމޮހޮދޭއާ ރަސްކަން ހަވާލުކުރައްވަން ނިންމެވިއެވެ. ނަމަވެސް، އެންމެ ދުވަހަކަށެވެ. އަދި، އެއްވެސް މީހަކަށް އަނިޔާވެރި ނުވުމަށް ޝަރުތުކޮށްފައެވެ.
ދެން ރަސްގެފާނު، މޮޔަ މޮހޮދޭއާ ރަސްކަން ހަވާލުކުރެއްވުމަށް ފަހު، ރަށް ބޭރުގައި އޮންނަ ރަސްގެފާނުންގެ އަމިއްލަފުޅު ބަގިޗާއެއްގައި އެ ދުވަސް ހޭދަކޮށްލަން ވަޑައިގަތެވެ.
ރަސްގެފާނު ބަގީޗާގައި އިންވަނިކޮށް، ތަންކޮޅެއް ދުރުން، މޮޔަ މޮހޮދޭ އަންނަތަން ދެކިވަޑައިގަތެވެ. އަދި އޭނާގެ ފަހަތުގައި ދެތިން ސަތޭކަ ހިމާރު އޮތެވެ. މޮޔަ މޮހޮދޭ ރަސްގެފާނުންގެ ބަގީޗާއަށް ވަނުމުން، ރަސްގެފާނު އޭނައާ ސުއާލުކުރެއްވިއެވެ.
"މޮހޮދޭއެވެ! ތިޔަހާ ބައިވަރު ހިމާރުތަކެއް ފަހަތުގައި ލައިގެން ތިއުޅެނީ ކީއްވެ ހެއްޔެވެ؟" ޖަވާބުގައި މޮޔަ މޮހޮދޭ ދެންނެވިއެވެ. "ބައްލަވާ ރަސްގެފާނެވެ! އަޅުގަނޑުގެ ރަސްކަމުގައި މިއަދު ކުރިކަމަކީ ރަށުތެރޭ ހިނގާލައި ރަށުގެ ގޭގެއަށް ޒިޔާރަތްކުރީއެވެ. އަދި، ކޮންމެ ގެއަކަށް ވަދެފައި އަޅުގަނޑު ބެލީ އެގޭގެ ފިރިހެނާގެ މައްޗަށް އަމަރު ހިންގަނީ އޭނާގެ އަންހެނުންތޯއެވެ. އެހެން ކަމަށް ސާބިތު ވެއްޖެ ނަމަ، ކޮންމެ މީހެއްގެ ކިބައިން ހިމާރެއް އަތުލަނީއެވެ. ދެން، ރަށުގެ އެންމެންހެން އަޅުގަނޑަށް ހިމާރެއް ދޭން ޖެހުނީއެވެ. އެއްވެސް މީހަކަށް އަޅުގަނޑު އަނިޔާވެރިއެއް ނުވަމެވެ!"
އަދިވެސް، މޮޔަމޮހޮދޭ ރަސްގެފާނަށް ދެންނެވިއެވެ. "ރަސްގެފާނެވެ. ރަށު އެންމެންގެ ޚަބަރު ބެލިއިރު ރަސްގެފާނުންގެ މައްޗަށް އަމުރުފުޅު ހިންގަވަނީ ރަސްގެފާނުންގެ ރާނީ ކަމެއް އަދި ނޭނގެއެވެ. މިކަން ދެނެގަތުމުގެ ކުރިން އެހެން ވާހަކައެއް ދަންނަވަން އެބަޖެހެއެވެ. ރަށުތެރޭގައި ހިނގައި ގޭގެއަށް ވަންނަމުން ދިޔައިރު، ރަށުގެ އެންމެ ދެކުނު ފަރާތުގައި ހުރި ގެއެއްގައި ވަރަށް ވެސް ރީތި ޒުވާން އަންހެން ކުއްޖަކު އިނެވެ. އޭނާގެ ރީތިކަން ފެނިފައި ހަނދު ވެސް ލަދުން މޫނު ފޮރުވައެވެ. ދެން، އަޅުގަނޑު ހިތަށް އެރީ އެފަދަ ރީތި ކުއްޖަކާ ކައިވެނި ބައްލަވައިގަންނަން އެންމެ އެކަށީގެންވާ ބޭފުޅަކީ ރަސްގެފާނު ކަމެވެ."
އެ ވަގުތު ރަސްގެފާނު ވިދާޅުވިއެވެ. "މޮހޮދޭއެވެ! ތަންކޮޅެއް މަޑުން ތިި ވާހަކަ ދައްކަބަލާށެވެ! ތި ވާހަކައިގެ އަޑު ރާނީއަށް އިވިވަޑައިގެންފި ނަމަ ތިކަން ވާނޭހެނެއް ހިޔެއް ނުވެއެވެ."
ދެން މޮޔަ މޮހޮދޭ ދެންނެވިއެވެ. "ރަސްގެފާނެވެ. އާދައިގެ މީހަކު އެއް ހިމާރު ދޭންޖެހޭ ކަމަށް ވަންޏާ ރަސްކަލަކު، މަދުވެގެން ދެ ހިމާރު ދެއްވަން ޖެހޭނެ ނޫންތޯއެވެ! އެހެންވެ، އަވަހަށް ދެ ހިމާރު ދެއްވާށެވެ!"
