Support Us

ގަނޑުކޮށްފައި ހުރި އީރާނުގެ ފައިސާތަކެއް ޢިރާޤުން ދޫކޮށްލައިފި

ޢިރާޤުގެ ބޭންކްތަކުގައި ހިފަހައްޓައިފައި ހުރި އީރާނުގެ ފައިސާތަކުން ތިން ބިލިއަން ޑޮލަރު ދޫކުރުމަށް ބަޣްދާދުން މިއަދު ވަރަށް ކުއްލި ގޮތަކަށް ނިންމައިފިއެވެ.

މި ފިޔަވަޅާ އީރާނުގެ ނިޔުކްލިއަރ ފައިލާ އެއްވެސް ގުޅުމެއް އޮތްކަމާމެދު ސުވާލު އުފެދެއެވެ. އީރާނުން ބުނާގޮތުގައި އީރާނާ ދެކޮޅަށް އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލުމާ ބެހޭގޮތުން އެއްވެސް އެއްބަސްވުމަކާ ހަމައަށް އަދި އާދެވިފައެއް ނުވެއެވެ. އަދި އީރާން ބުނާގޮތުގައި ނިޔުކްލިއަރ އެއްބަސްވުމުގެ ބަދީލެއް ވެސް ހުށައެޅިފައެއް ނުވެއެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ މަޝްވަރާ މަޖިލީހުގެ ކުރީގެ މެންބަރެއް ކަމުގައިވާ ޖޯޒިފް ސެރެންސިއޯނީ ވިދާޅުވާ ގޮތުގައި ޢިރާޤު ވަނީ އީރާނަށް 2.7 ބިލިއަން ޑޮލަރަށް ދަރައިފައެވެ. އެއީ ޢިރާޤަށް ދައްކަން ޖެހޭ އީރާނުން ގަނެފައިވާ ހަކަތައިގެ ބިލްތަކުގެ ފައިސާއެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޢިރާޤަށް ވަނީ މި ފައިސާ ނުދެއްކިފައެވެ. ޢިރާޤުން މި ބިލްތައް އަދާކުރެވޭނެ މަގުތަނަވަސްކޮށްދިނުމަށް އެމެރިކާގެ ކިބައިން އެދެމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. އިއްޔެ އޭނާ "ޚަބަރުގެ ފަހަތް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި މި ބިލްތައް އަދާނުކުރާތީ އީރާނުން ވަނީ ޢިރާޤުގެ ދެކުނުގެ ރަށްތަކަށް ކަރަންޓް ދިނުން މަދުކޮށްފައެވެ. ވޮޝިންގްޓަނުން މި ބިލްތައް އަދާކުރުމަށް ބަޣްދާދަށް ހުއްދަ ދިނީ މިހެންވެގެންނެވެ. ޚަބަރުތައް ބުނާގޮތުގައި ދެކުނު ކޮރެޔާއިން ވެސް މި ފަދަ ފިޔަވަޅެއް އަޅާނެއެވެ.

ބަދީލީ ރޭވުމެއް

އެހެނަސް ސަރަޙައްދީ މަސްއަލަތަކާ ބެހޭ ދާރިސެއް ކަމުގައިވާ ޙުސައިން ރުވައިވުރާން ވިދާޅުވާ ގޮތުގައި ވިއެނާ ވާހަކަދެއްކުންތައް ބެދިފައިވާ މަގެއް މައްޗަށް ނުކުތުމާއި އީރާނާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅެއް އެޅުމުގެ މަސްއަލަ ބޮޑު ކޯޅުމަކަށް ވެއްޓިގެން ހިނގައިދާނެތީ އެމެރިކާއިން ބަދީލީ ރޭވުމަކާ މެދު ދަނީ ވިސްނަމުންނެވެ. ބޭރުގެ ބޭންކްތަކުގައި ގަނޑުކޮށްފައި ހުރި އީރާނުގެ ފައިސާތައް ދޫކުރުމުގެ ރޭވުމަކީ ބަދީލެކެވެ.

އޭނާ ވިދާޅުވާ ގޮތުގައި އީރާނުން ބައިނަލްއަޤްވާމީ ޒައްރާ އޭޖެންސީއާއެކު އެއްބާރުލާން ފެށުމާއި ޔޫރޭނިއަމް މުއްސަނދިކުރުން ހުއްޓައިލުމަށް އެއްބަސްވެފައިވާތީ އެމެރިކާއިން ވެސް ދޫތަކެއް ދެނީއެވެ. ރުވައިވުރާން ވިދާޅުވާ ގޮތުގައި އީރާނުން އެމެރިކާއަށް ގޮވައިލަނީ 2015 ގެ އެއްބަސްވުމާ ހަމައަށް ދިޔުމަށެވެ. މިއީ އެމެރިކާއިން އެކަމާ ދެކޮޅުހަދާ ކަމެކެވެ. މީގެއިތުރަށް އީރާނުން އެދެނީ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވައިލުމަށެވެ.

ދިރާސާތައް ބުނާގޮތުގައި ބޭރުގައި ގަނޑުކޮށްފައި ހުރި އީރާނުގެ 24 ބިލިއަން ޑޮލަރު ވަރަށް އަވަހަށް ދޫކޮށްލާނެއެވެ. ދޫކޮށްލުމަށް ހަމަޖެހިފައިވާ ފައިސާތަކުގެ ތެރޭގައި ދެކުނު ކޮރެއާގައި ހުރި ހަތް ބިލިއަން ޑޮލަރުވެއެވެ. އީރާނުގެ ދާޚިލީ މީޑިޔާތައް ބުނާގޮތުގައި ޢިރާޤުން 10 ބިލިއަން ޑޮލަރުގެ ފައިސާ އީރާނަށް ދޭނެއެވެ.މީގެއިތުރަށް ބައިނަލްއަޤްވާމީ ފައިސާގެ ފަންޑުން ވެސް ވަނީ އީރާނަށް ހަތް ބިލިޔަން ޑޮލަރު ދިނުމަށް އެއްބަސްވެފައެވެ. މި ފައިސާވެސް ދެވޭނީ އެމެރިކާގެ ރުހުން ލިބިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *