Support Us

ޔުކްރޭނުން ރަޝިޔާއާ ދެކޮޅަށް ރާވައިފައިވާ އިދިކޮޅު ޙަމަލާތަކުގެ ލަނޑުދަނޑިތައް

ޔުކްރޭނުން ރަޝިޔާއާ ދެކޮޅަށް ފަށަން އުޅޭ އިދިކޮޅު ޙަމަލާތަކާމެދު ކިޔީވް ހެޔޮ ފާލެއްގެ މަތީގައި އޮތަސް އެކަމާމެދު ހުޅަނގުގެ ޖެހިލުވުން ވަރަށް ބޮޑެވެ. އެއީ ޔުކްރޭނުން އިންދައިފައިވާ ބިންމައިންގެ ދަނޑުތަކާއި އިދިކޮޅު ފައުޖުތައް ބޮޑުބަޑީގެ އަލިފާނުގެ އަނދަވަޅުތަކަށް ވައްޓައިލުމަށް ޓަކައި ރަޝިޔާއިން ހަދައިފައިވާ ވަރުގަދަ މައިތިރިތަކާއި ދަފަރާތަކާހެދިއެވެ. 

ހުޅަނގުގެ ރިޕޯޓުތައް ބުނާގޮތުގައި ޔުކްރޭން ސިފައިންނަށް ބަޚްމޫތުގައި ލިބުނު ބޮޑެތި ގެއްލުންތަކާއި ނާކާމިޔާބީގެ ސަބަބުން ޔުކްރޭން ސިފައިންގެ މާނަވީ ރޫޙު ވަނީ އެލިފައެވެ. އެ މީހުންގެ ހިތްވަރު ވަނީ ކަންފަތިވެފައެވެ. 

 އިނގިރޭސިވިލާތުގެ އެކްސްޕްރެސް ދުވަހު ނޫހުގައި ޔުކްރޭންގެ ޙަމަލާތައް ފަށާނެގޮތާއި ފުރަތަމަ ޙަމަލާގެ އަމާޒާބެހޭގޮތުން ހުރި ޚިޔާރުތަކާ ބެހޭގޮތުން ވާހަކަދައްކައިފައި ވެއެވެ.

ޙާލަތު މިގޮތަށް އޮތްކަމުގައި ވިޔަސް ހޮނިހިރު ދުވަހު ރައީސް ޒިލެންސްކީ ހާމަކުރެއްވި ގޮތުގައި ޔުކްރޭން އޮތީ ބިންތައް އަލުން އިޢާދަކުރުމަށް ޓަކައި ހަމަލާތައް ފަށަން ތައްޔާރުވެގެންނެވެ. ވޯލް ސްޓްރީޓަށް އޭނާ ދެއްވި ބަޔާނެއް ބުނާގޮތުގައި "މި ކަމުގައި އަހުރެމެންނަށް ކާމިޔާބުވާނެއެވެ."

ކިޔީވް އުންމީދުކުރަނީ މި ޙަމަލާގެ ސަބަބުން ހަނގުރާމައިގެ ރާސްތާ ބަދަލުވެގެންދާނެ ކަމަށެވެ. 

ހުޅަނގުން ވަނީ ހުރިހާ ބޭނުންތަކެއް ފުއްދައިދީފާ

ވައިޓްހައުސްގެ ތަރްޖަމާން ޖޯން ކަރބީ ވިދާޅުވާގޮތުގައި ވޮޝިންގްޓަނުން ވަނީ އިދިކޮޅު ޙަމަލާއަށް ބޭނުންވާ ކަމަށް ކިޔީވުން ބުނާ ހުރިހާ އެއްޗެއް ތަނަވަސްކޮށްދީފައެވެ. އޭނާ ވިދާޅުވިގޮތުގައި މި ޙަމަލާގެ ވަގުތު ކަނޑައަޅާނީ ޔުކްރޭނުންނެވެ އެމެރިކާއާއި އެމެރިކާގެ ބައިވެރީން ވަނީ ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކަންތައްތައް ކޮށްދިނުމަށް އޮތީ ތައްޔާރަށެވެ.

އިދިކޮޅު ޙަމަލާގެ ލަނޑުދަނޑިތައް

ޔުކްރޭންގެ ދިފާޢީ ވަޒީރު ޒިރްނިކޯވް ވިދާޅުވާ ގޮތުގައި ހޫނު މޫސުމުގައި ޢަދުއްވުންގެ ސަފުތައް ފޫއަޅުވައިލުމުގެ ފުރްޞަތު ކިޔީވަށް ލިބިގެންދާނެއެވެ. އިދިކޮޅު ޙަމަލާގެ ލަނޑުދަނޑިއާ ބެހޭގޮތުން ވެސްޓް ފްރާންސް ނޫހާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "މި ލަނޑުދަނޑިތަކަކީ ރޫސީންގެ ޢަޒްމު ބަލިކަށިކޮށް އެމީހުންނަށް ހަނގުރާމަ ކާމިޔާބު ނުކުރެވޭނެކަން ހާމަކޮށްދިނުމާއި 1991 ވަނަ އަހަރުގެ ސަރަޙައްދީ ރޮނގާ ހަމައަށް ވާޞިލުވުމެވެ. އޭގެތެރޭގައި ކްރިމިޔާ ސަރަޙައްދު ހިމެނެއެވެ."

ފުރަތަމަ ޙަމަލާ 

އިނގިރޭސިވިލާތުގެ ރިޓަޔަރޑް ކާނަލެއް ކަމުގައިވާ ސްޓެވަރޓް ކްރެފޯޑް ވިދާޅުވާގޮތުގައި ޔުކްރޭނަށް ތިން ޚިޔާރެއް ލިބިގެން ވެއެވެ. އެއީ ޒަބަރޯޖިޔާ ސަރަޙައްދުން ފަށައިގެން މިލިޓޮޕޯލާ ދިމާއިން ކުރިއަރައި އާޒޯވް ކަނޑުގެ އުތުރު އައްސޭރިފަށަށް ދިޔުމެވެ. މި ކަމުގައި ކާމިޔާބު ލިބިއްޖެނަމަ ރަޝިޔާއާއި ކްރެމިޔާ  ގުޅުވައިދޭ ފާލަން ހަލާކުކޮށްލެވޭނެއެވެ. ނަތީޖާއަކަށް ވާނީ ދެކުނު ޔުކްރޭނުގައި ތިބި ރޫސީ ސިފައިން ބައިބައިވުމެވެ. މި ކަމުގެ ސަބަބުން ރޫސީ ސިފައިން ކުރިމަތިލާނީ ހުޅަނގަށެވެ. ޚަރސަނަށެވެ. އެ ހިސާބުގައި ތިބެގެން ކްރެމިޔާއަށް ޙަމަލާތައް އަމާޒުކުރާން ފަށާނެއެވެ. ބަޚްމޫތުގެ ވަށައިގެންނާއި ޑޮންބާސްއަށް ޙަމަލާތައް ދީގެން ރޫސީ ސިފައިންނަށް އޮޅުވައިލެވިދާނެއެވެ. މި ކަމުގެ ސަބަބުން ޔުކްރޭން ސިފައިންނަށް ރޫސީ ސިފައިން ވަށައިލައި ބަލިކޮށްލެވޭނެއެވެ. އަދި ރޫސީން އަތުން ބައެއް ބިންތައް މިނިވަން ކުރެވޭނެއެވެ. ޔުކްރޭން ސިފައިން ވާތްފަރާތުން ކުރިއަށް ގޮސް ބެލްގޯރޯޑަށް ޙަމަލާދިނުމަށްފަހު ދެކުނަށް ދެވޭނެއެވެ. ނަވާރަސަތޭކަ ސާޅީހުގައި ދެވަނަ ބޮޑުހަނގުރާމައިގައި ޖަރްމަނުން ޢަމަލުކުރީ މި ގޮތަށެވެ. 

މާނަވީ ރޫޙުގެ ދަށްކަން

ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫސް ބުނާގޮތުގައި ޔުކްރޭންގެ އިދިކޮޅު ޙަމަލާއާ ވަރަށް ގިނަ ހުރަސްތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ބައެއް ހުރަސްތަކަކީ ޔުކްރޭނުން އަމިއްލައަށް ކުރިމަތިކޮށްފައިވާ ހުރަސްތަކެކެވެ. ރޫސީ ސިފައިންނަށް ހުރަސްއެޅުމަށް ޓަކައި ޔުކްރޭނުން ވަނީ ބިންމައިންގެ ދަނޑުތައް އިންދައިފައެވެ. މި ބިންމައިންތައް ނެގުމަކީ ޔުކްރޭނުންނަށް ކުރެވޭނެ ކަމެއް ނޫނެވެ.

މި ބިންމައިންތައް ހުރަސްކޮށް އެތެރެއަށް ވަދެވޭއިރު އެމީހުންނަށް ކުރިމަތިލާން ޖެހޭނީ ރޫސީ ވަރުގަދަ ދިފާޢުތަކާއި ދަފަރާތަކާއެވެ. މިއީ ރޫސީ ބޮޑުބަޑީގެ އަލިފާނުގެ ބޮޑު ދަންތުރަތަކެކެވެ. އިދިކޮޅު ޙަމަލާ ފެށުމުގެ ކުރިން އެކަމަށް ހުރަސްއެޅިގެން ހިނގައިދާނެއެވެ. ރޫސީ ދިފާޢުތައް ފަހަނަޅައި ދެވޭނީ ލޭގެ ބިލިގާތަކަކަށް އެރިގެންނެވެ.

އެމެރިކާގެ މަޖައްލާއެއް ކަމުގައިވާ ނޭޝްނަލް ރިވިއު ބުނާގޮތުފައި ޔުކްރޭނުންގެ މާނަވީ ރޫޙު ދަށަށްގޮސްފައިވާތީ މި ޙަމަލާއަށް ހުރަސްއެޅިގެން ހިނގައިދާނެއެވެ. ބަޚްމޫތުގައި ޔުކްރޭނުންނަށް ލިބުނު ނާކާމިޔާބުގެ ސަބަބުން އެމީހުންގެ މިޒާޖު ވަނީ ވަރަށް ބޮޑަށް ގަޑުބަޑުވެފައެވެ.   

ރަޝިޔާގެ ޢަސްކަރީ ތަޖްރިބާކާރެއް ކަމުގައިވާ ވްލެޑްމީރު އީގޯރު ވިދާޅުވާ ގޮތުގައި ކިޔީވްގެ ކުރިމަތީގައި ވަރަށް ގިނަ ހުރަސްތަކެއް އެބަ ހުށްޓެވެ. ރަޝިޔާގެ ވައިގެ ޙަމަލާތަކުގެ ސަބަބުން ޔުކްރޭނުގެ ޢަސްކަރީ އެތައް އިސްވާރުންތަކެއް ވަނީ ޚިދްމަތުން އެލައިފައެވެ. މީގެ އިތުރަށް ރޫސީ ފަޒާއީ ޖައްވީ ބާރުތަކުން ވަނީ ޔުކްރޭންގެ ހަތިޔާރު ގުދަންތަކާއި ހުޅަނގުން ދިން ހަތިޔާރު ކޮށާރުތައް ފުޑުފުޑުކޮށް ނައްތައިލައިފައެވެ.ތިންވަނަ ކަމަކަށް ބަލާއިރު ޔުކްރޭނުގައި ތަމްރީނު ލިބިފައިވާ ހުނަރުވެރި ހަނގުރާމަވެރީން ވަރަށް މަދެވެ. ވަރަށްގިނަ ބަޔަކުވަނީ މަރުވެފައެވެ. ނުވަތަ ޒަޚަމުވެ ނުކުޅެދުންތެރިވެފައެވެ. ހަތަރުވަނަ ކަމަކަށް ބަލާއިރު ޔުކްރޭންގެ އިރުމަތީ ސަރަޙައްދުތަކުގައި އޮތް ރޫސީ ސިފައިންގެ ބާރާއި އެ ސަރަޙައްދުތަކުގެ ޢަންމު ރައްޔިތުންގެ ބޮޑު ތާއީދުގެ ސަބަބުން ޔުކްރޭންގެ ޙަމަލާތަކުގެ ރާޅުތައް އެ ރަށްތަކުގެ ބޭރުތޮށްޓާ ހަމައިން ބިއްދައިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *