ރަޝިޔާގެ 30 މިސައިލަކާއި ޑްރޯނެއް ވައްޓައިލައިފި ކަމަށް ޔުކްރޭންގެ މަސްއޫލުވެރީން ހާމަކުރައްވައިފިއެވެ. ރަޝިޔާގެ ވައިގެ ޙަމަލާތަކެއް މިއަދު ދީފާނެ ކަމަށް ބުނެ ކިޔީވުން ވަނީ މުޅި ޤައުމު ތައްޔާރަށް އޮތުމަށް އަމުރުކޮށްފައެވެ.
ކިޔީވްގެ މޭޔަރ ކްލިޗްކޯ ވިދާޅުވާ ގޮތުގައި "ސަހަރުގެ އެކި ތަންތާނގައި އެއްޗެހިތައް ގޮވަމުން އެބަދެއެވެ. ވައިގެ ދިފާޢުތައް އެބަ މަސައްކަތް ކުރެއެވެ." އޭނާ ވިދާޅުވި ގޮތުގައި ޑްރޯންގެ އައު ރާޅެއް ކިޔީވާ ދިމާއަށް އެބަ އާދެއެވެ.
ކިޔީވްގެ ޢަސްކަރީ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި ކިޔީވްގެ ވައިގެ ސަރަޙައްދު ތެރެއިން 30 އަމާޒަކަށް ވަނީ ޙަމަލާދީ ވައްޓައިލައިފައެވެ.
ކިޔީވުން އިއްޔެ ބުނިގޮތުގައި ރަޝިޔާގެ މިސައިލް ޙަމަލާތަކުގެ ސަބަބުން ތިން މީހަކު މަރުވެ 14 މީހަކު ޒަޚަމުވިއެވެ. ކިޔީވްގެ ޢަސްކަރީ އިދާރާ ބުނާގޮތުގައި ޑްނިޕްރޯ އަވަށަށް ވެއްޓުނު މިސައިލެއްގެ ބައިތަކެއްގެ ސަބަބުން އެ އަވަށުގައި ވަނީ އަލިފާން ރޯވެފައެވެ. ޔުކްރޭނުން ބުނާގޮތުގައި ރަޝިޔާއިން ދަނީ ބަޚްމޫތަށައި އެވްޑޮޔީވްކާއަށް ވައިގެ ޙަމަލާތައް ދެމުންނެވެ.
ޔުކްރޭނުން ބުނާގޮތުގައި ރަޝިޔާއިން މިއަދު ޔުކްރޭންގެ ތަފާތު ސަރަޙައްދުތަކަށް ވައިގެ ޙަމަލާތަކެއް ދިނެވެ. މި ޙަމަލާތަކުގެ ސަބަބުން އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމުވެފައިވާ ކަމަށް ޔުކްރޭނުން ބުންޏެވެ.
ޔުކްރޭން ސިފައިން ބުނާގޮތުގައި އެމީހުން ރޫސީ ސިފައންނަށް ދިން ޙަމަލާތަކުގައި މިސައިލްގެ ހަތަރު ނިޒާމާއި ބޮޑުބަޑީގެ ހަތަރު ޔުނިޓާއި އުންޑަ ގުދަނެއް ހަލާކުކޮށް ނައްތައިލިއެވެ.
ނޭޓޯގެ މެންބަރުކަން
އަނެއްކޮޅުން ބަލާއިރު ޔުކްރޭންގެ ރައީސް ޒިލެންސްކީ އޭނާގެ ޤައުމު ނޭޓޯއަށް އަވަހަށް ވެއްދުމަށް ރޭ އެދިވަޑައިގަތްފިއެވެ. އަވަށްޓެރި މޯލްޑާވާގައި ބޭއްވުނު ސަމިޓުން ޔުކްރޭނަށް ހުޅަނގުގެ އެކުވެރީންގެ ފަރާތުން މަދަދު ލިބޭނެކަން ކަށަވަރުވެ ވަޑައިގަތްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޒިލެންސްކީ ވިދާޅުވި ގޮތުގައި ޔުކްރޭނުން ދަނީ ވައިގެ ދިފާޢާއި ބިމުގެ ދިފާޢީ ބާރުތަކާ ބެހޭގޮތުން ދިފާޢީ ޙައްލުތަކެއް ތައްޔާރުކުރަމުންނެވެ.
ޔޫރަޕްގެ ސަމިޓްގައި ރޭ ބައިވެރިވެ ވަޑައިގަތުމަށް ފަހު ޔުކްރޭނަށް ވަޑައިގެން ޒިލެންސްކީ ވިދާޅުވި ގޮތުގައި ޔޫރަޕްގެ އިއްތިޙާދަށް ޔުކްރޭން ވަނުމުގެ މިހާރު އޮތީ ނިމިފައެވެ. މި ކަމާބެހޭ ސިޔާސީ ޤަރާރު އެކަށައެޅުމަށް ޓަކައި ޔުކްރޭނުން ގަދައަޅައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާއަށް ބަލާއިރު ރައީސް ބައިޑްން ވިދާޅުވާ ގޮތުގައި ޔުކްރޭން ޙިމާޔަތްކޮށްދިނުމަށް ޓަކައި އެމެރިކާއިން މިހާރު ވަނީ ފަންސާހަކަށް ޤައުމުގެ ތާއީދު ހޯއްދަވައިފައެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާގެ "ޢުދްވާނުގެ ސަބަބުން" ދުނިޔެ ވަނީ ވަރަށް ބޮޑަށް ގަޑުބަޑުވެފައެވެ.



advertisment