Support Us

ހުރާ ރަޝީދުގެ އަދަބީ ޚަޒާނާއިން ކާށިދޫ މަރާ ބެހޭ ފަރިހި 

މި ޒަމާނުގައި ވަ ޅިފަދަ ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުން މެރުމަކީ ދިވެހީންގެ ތެރޭގައި މާބޮޑު ކަމެއް ނޫން ކަހަލައެވެ. އެކަމަކު އެ ޒަމާން ތަފާތެވެ. އެހެންކަމުން ކ. ކާށިދޫގައި ކަތިވަޅިއަކުން މީހެއްގެ ކަރުގައި ޖަހައި މަރާލި ހާދިސާގެ ވާހަކަ މުޅި ރާއްޖެއަށް ފެތުރުނީ ވަރަށް އާދަޔާޚިލާފު އަދި ވަރަށް ބިރުވެރި ޚަބަރެއްގެ ގޮތުގައެވެ.

ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި އެ ޒަމާނުގައި ހުރި ދަތިތަކާއެކު ވެސް އެ ޚަބަރު އެއްރަށުން އަނެއް ރަށަށް، ތުންތުންމަތިން ފެތުރެމުން ދިޔައެވެ. މި ހާދިސާގެ ޚަބަރު މުޅި ރާއްޖެއަށް ތާޒާކަމާއެކު ފެތުރިގެން ދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް މަސްދަރަކީ ހުރާ ކަލޭފާނުގެ މުޙައްމަދު ރަޝީދު (ކަތީބު ރަޝީދު) ހެއްދެއްވި ފަރިއްސެވެ. އެއީ މީހުން ހިތުދަސްކޮށް މި ޖީލަށް ވެސް އެ ހާދިސާ އެންމެ އަސަރާއެކު ވާސިލުކޮށްދީފައިވާ މަސްދަރެވެ.

އޭރު ހުރާ ރަޝީދު ހުންނެވީ ކާށިދޫ ކަތީބުކަމާ ހަވާލުވެ ވަޑައިގެން އެ ރަށުގައެވެ. މި ބޮޑު މަރުގެ މައްސަލައިގެ ތަޙުޤީޤުގައި ރަޝީދު ވެސް ހަރަކާތްތެރިވެވަޑައިގަތެވެ. އެ ހާދިސާ އެހާ ފުރިހަމައަށް ސިފަކޮށްދެއްވުމަށް ރަޝީދަށް ފަސޭހަފުޅުވި ސަބަބަކީ އެއީއެވެ.

އިބްރާހީމް ނާޞިރުގެ ޒަޢާމަތުގެ ދުވަސްވަރު ކާށިދޫގައި ހިނގައިދިޔަ މި އަނިޔާވެރި މަރުގެ ހާދިސާގެ ޝިކާރައަކަށްވި އިބްރާހީފުޅަކީ ކާށިދޫއާއި ކާފު އަތޮޅުގެ ވެސް ގިނަ ބަޔަކު ދަންނަ ބޭފުޅެކެވެ. އެއީ ކާށިދޫއާއި ހުރާގެ ވެސް ނާއިބު ނުވަތަ ޤާޟީއެވެ. އެއީ ކުރިން ސިފައިންގެ ސީނިއަރ އޮފިސަރަކަށް ހުންނަވަނިކޮށް އަވަހާރަވި އަލްމަރުޙޫމް ކާނަލް ޙުސައިން އިބްރާހީމްފުޅު (ކާށިދޫ ޙުސައިން ފުޅު) ގެ ބައްޕައެވެ.

ކަތިވަޅިން ކަރުގައި ޖެހުމަށް މަޅާލި ވަގުތު އިބްރާހީމް ފުޅަށް ނިދިން ހޭލެވޭގޮތް ވީއެވެ. އެހެންވެ ސީދާ ކަރުގައި ޖަހަން މަޅާލި ބާރު އެތިފަހަރު ކަރާ ހަމައަށް ދިޔައީ ދަތްދޮޅީގައި ޖެހިފައެވެ. ވަގުތުން ޒަޚަމުގައި ބާލީހެއް އަޅައިގެން އިބްރާހީމްފުޅު ދުރުވީ އަންހެން ކޮއްކޮއެއްގެ ގެއަށެވެ. ރަޝީދުގެ ޅެން ފައްޓަވާފައި ވަނީ އެ ހިސާބުންނެވެ.

 

ޝަހީދެކޭ ތިޔަ ކުރީ އެ އަމުދުން، ވަނީ ދެލޯ މެރި އެ ފޮނި ނިދީގައި

ވަކީލުކޮށްގެން އެ މާތް ވި ﷲ ށް، ހިތާ ހަށިގަނޑާ އެކީގައި

 

އެރޭ އެ ހިނދު މާ ހިތާމަ އަޑަކުން، ގެއެއްގެ ކައިރިން ގޮވާލަނިއްޔޭ

މާރައިފިޔޭ ބޭބެ ހަމަ އެ ކަތިލާ، ނިދާފަ ވަނިކޮށް އަމިއްލަ ގޭގައި

 

އެހެން ގޮވާ އަޑު އެ ގޭގެ ވެރިޔާ، އަހާފަ ތެދުވެވި ބަލާލުމާއެކު

މިހެން ބުނުއްވީ މަގޭ މި ދަތްދޮޅި، ވަނީ މި ކެނޑިފާ ހިފާ މިތާނގައި

 

މިހާރު ގޭތެރެ އެކަށް ފުރިއްޖޭ، ރަށަށް އެކީގައި ޚަބަރު ލިބިއްޖޭ

އެހާ އެ ގިނަ މީސްތަކުން ވެ ފެންކަޅި، ރޮނީ އަޑުން އެކި އެތާ އެ ގޭގައި

 

އަނހާ އެ ސަހަރޯ ވި މާތް އަޚުންނޭ، ވަނީ ޒަޚަމު ކަރުގައޭ ހިނގާފައި

މިނަށް އެ ދިގު އިންޗި ތިން ދެ ސޫތާ، ދެ އިންޗި ފުންމިން ވަނީ ޒަޚަމުގައި

 

އަޅާ އެ ދުނި ހަމަ އެ ލޭ ބުރައިގެން، ދަނީ ޖަހާ ބޮކި އެ ހިނދު އެކީގައި

ވުމަށް އެލޭގަނޑު ހިފާލުމާއެކު، ފުރާނަޔަށް ދަތިވަނީ އެކީގައި

 

އެރޭގެ ފަސްގަޑި ވިހީގަ ދެން ހަމަ، އެ ރޫޙު ނަފްސާއި ވަކިވެވިއްޖޭ

އެރޭ އެ މަރުޙޫމް ޝަހީދު ލިބިގެން، ދަނިއްޔެ ހަމަ ޖަންނަތަށް އުފަލުގައި

 

ގެނެސްފި ހާރިސް އަތޮޅު އޮފީހަށް، ކުރަން އެ ތަޙުޤީޤު ކަށިދޫގައި

ބިރެއް ލަދެއްނެތި ބުނީ އަހަންނޭ، މެރީ ވަޅިން ކަތި ޖަހާ އެރޭގައި

 

ބުނީ އެ ހާދިމް ސަލީމް ވެރިޔާ، ޖެހީ އެ ހާރިސް އެ ކަތިވަޅިންނޭ

ހުރީ ބަލަން ފާރަޔަށް އަހަންނޭ، މެރީ އަހުރެމެން އެދޭ ގޮތަށްށޭ

 

އެއީ އެފަދަ ކާފު އަލިފު ފާފުގެ، ވިދާ އުޖާލާ ވި މެންބަރޭ ބަލަ

އެއީ ދެރަށު ނާއިބު އަދި ޚަޒާންދާރު، ވަނީ މުޅިން ފެވި އެ ލޭ އެކީގައި

 

ލަވައިފި ފަސްދާނު ބިން ވެލީގައި، ހުކުރު އެ މިސްކިތު ކަނާތް ފަޅީގައި

ފަވައިފި އާދިއްތަ ރަންކުލައިން އަދު، ގަޑިން އެ ބާރައިގެ ދޭއް ދެމެދުގައި

 

ހުރާ ރަޝީދު ހެއްދެވި ފަރިހި އަޅުގަނޑަށް ފުރަތަމަ އަޑު އިވުނީ "ޒުވާން މަސްވެރިޔާ"ގެ ފޭސްބުކް ޕޭޖުގައި ހދ. ނޮޅިވަރަމް، ޖަމީލާ ޤާސިމް، 66، ގެ އަޑުން ގެނެސްދިނުމުންނެވެ. ހުރާ ރަޝީދަކީ ދިވެހި ޅެންވެރިކަމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ހުރާ ސްކޫލުގެ ލަވަފަދަ އެތައްއެތައް ލަވައަކާއި ޅެމަކާއި ފަރިއްސެއް ހައްދަވާފައިވާ ބޭފުޅެކެވެ. މި ޚިދުމަތްތެރި ޅެންވެރިޔާއަށް އަޅުގަނޑު އެދެނީ ފުރިހަމަ ޞިއްޙަތަކާއި ބާއްޖަވެރި ހަޔާތެއް މިންވަރުކޮށްދެއްވުމެވެ.

 

މައުލޫމާތު: ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

ފޮޓޯ: ފާތި ރަޝީދު

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *