Support Us

އުރްދުޣާންގެ ކޯލިޝަންގެ އިސްވާރުންނާއެކު

ކާމިޔާބީގެ ޚިޠާބުގައި އުރްދުޣާން އުފުއްލެވީ "ތުރްކީގެ ސައްތަވަންތަކަމު"ގެ ޝިޢާރު

"ޤައުމީ ލަނޑުދަޑިތަކާއި ހުވަފެންތައް" ޙަޤީޤަތަށް ހެދުމަށް ޓަކައި ތުރްކީގެ ރައްޔިތުން އެއްބާރުލުމަށާއި އެކަތިގަނޑަކަށް ވުމަށް ތުރްކީގެ ރައީސް އުރްދުޣާން ރޭ ގޮވައިލައްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލެއްވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި  ލިބިވަޑައިގަތް ކާމިޔާބީ ފާހަގަކުރައްވާ ރޭ ދެއްވި ނަޞްރުގެ ޚިޠާބުގައެވެ.

މި ޚިޠާބު ދެއްވީ އަންކަރާގެ ރިޔާސީ ގަނޑުވަރުގެ ބެލްކަނީގައި ހުންނަވައިގެންނެވެ. އޭނާގެ މި ޚިޠާބު އަޑުއެހުމަށާއި ތަހްނިޔާ ދެންނެވުމަށް 320 ހާސް މީހުން ގަނޑުވަރުގެ ބޭރުގައި މަގުތައް މަތީގައި ތިއްބެވެ.

އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި ކުރިއަށް އޮތް ފިޔަވަހިތަކުގައި އޭނާގެ ކޯލިޝަނުން ތުރްކީގެ ސައްތަވަންތަކަމުގެ ޝިޢާރު ކުރިއަށް ގެންދާނެއެވެ. މި ފަހަރުގެ އިންތިޚާބު މި ބޭއްވުނީ ތުރްކީގައި އޮތް އިސްލާމީ ޚިލާފަތު ފުހެލެއްވުމަށް ޓަކައި ކަމާލް އަތާތުރްކު ގެންނެވި އިންޤިލާބަށް ސަތޭކަ އަހަރު ފުރުމުގެ "ހިތި" ހިތާމައިގެ ތެރޭގައެވެ.

އުރްދުޣާން ވިދާޅުވިއެވެ. "ޢަދްލުވެރިކަމަކީ އަޅުގަނޑުމެންގެ ވެރިކަމުގެ އަސާސެވެ. މި އުޞޫލަށް އަޅުގަނޑުމެން ބަދަލެއް ނުގެންނާނަމެވެ."

އުރްދުޣާން ވިދާޅުވިއެވެ. "ތުރްކީއަށް ވަނީ ޤައިދުތަކާއި ހުރަސްތަކާއި މުއާމަރާތަކާއި ދޭތެރެޖެއްސުންތަކުން އަރައިގަނެވިފައެވެ. ތުރްކީ ރައްޔިތުން ކަށަވަރުކޮށްދީފައި މި ވަނީ އެބައިމީހުންނަކީ ދޮންވެ ފައްކާވެފައިވާ ބައެއް ކަމެވެ."

އޭނާ ވިދާޅުވިއެވެ. "މިހާރު މި އޮތީ އިންތިޚާބު ނިމިފައެވެ. މިއަދު އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އުފެއްދުންތެރިކަމަށާއި ރައްޔިތުންނަށް ޚިދްމަތްތައް ތަނަވަސްކޮށްދިނުމަށާއި ޒަލްޒާލުތަކުގެ ސަބަބުން މުޞީބާތްތަކާ ކުރިމަތިވެފައިވާ މީހުންގެ ޒަޚަމުތަކުގައި ބޭސްއަޅައިދީ އެމީހުންނަށް ދުޅަހެޔޮކަން ގެނެސްދިނުމަށް ޓަކައި އަތުކުރިއޮޅައިލައިގެން މަސައްކަތް ފެށުމަށެވެ."

އޭނާ ވިދާޅުވި ގޮތުގައި ޒަލްޒަލާތަކުން ލިބުނު ނުބައި އަސަރުތައް ފުހެލުމާއި ލާދައާ ކުރިމަތިލުމަކީ ބުރަކަމެއް ނޫނެވެ. ރައީސް އުރްދުޣާން ވިދާޅުވިގޮތުގައި ތުރްކީން ބައިނަލް އަޤްވާމީ ފަންޑުފޮށިން (އައިއެމްއެފުން) އެއްވެސް ދަރަންޏެއް ނުނަގައެވެ. އެހެނަސް އިދިކޮޅު ޕާޓީން ގޮވައިލަނީ ދަރަނި ނަގަން ފެށުމަށެވެ. 

ތުރްކީގެ ރިޔާސީ ޙަމަލާތަކުގައި އެންމެ ބޮޑު އިސްކަމެއް ދެވިފައިވާ ސޫރިޔާގެ ރެފިޔުޖީންގެ މަސްއަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ސިޔާސަތުގައި އޮތީ އެމީހުން އަމާންކަމާއެކު އެމީހުންގެ އަމިއްލަ އިޚްތިޔާރުގައި އަނބުރާ ދިޔުމެވެ. ގަދަކަމުން ބޭލުމެއް ނެތެވެ. އެއީ އިންސާނިއްޔަތުކަމެއް ނޫނެވެ."

އޭނާ ހާމަކުރެއްވި ގޮތުގައި ޤަޠަރުގެ އެހީގައި ސޫރިޔާގެ މިލިޔަނެއްހާ ރެފިޔުޖީން ސޫރިޔާގައި އަލުން ވަޒަންވެރިކުރުމަށް ޓަކައި އައު މަޝްރޫޢެއް ހިންގޭނެއެވެ. 

އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ނުރަސްމީ ނަތީޖާތައް ބުނާގޮތުގައި އުރްދުޣާނަށް ވަނީ 52.2% ވޯޓު ލިބިވަޑައިގަތްފައެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު "ހަ މޭޒުގެ" ކޯލިޝަންގެ ޒަޢީމު ކަމާލް ކުލެޖްދާރު އޫޣުލޫއަށް ލިބިވަޑައިގަތްފައި ވަނީ 47.86% ވޯޓެވެ. މި އިންތިޚާބުގައި 52.5 މިލިއަން މީހުން ވޯޓުލައިފައި ވެއެވެ. އެއީ ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 85% އެވެ. 

ރައީސް އުރްދުޣާނަށް އެންމެ ބޮޑަށް ތާއީދު ލިބިވަޑައިގަންފައި ވަނީ އަނާޟޫލު ސަރަޙައްދާއި އުތުރު ތުރްކީގެ ސްޓޭޓްތަކުގައެވެ. ބިންހެލުމުގެ ސަބަބުން ގެއްލުން ލިބުނު ސަރަޙައްދުތަކުން ވެސް އޭނާއަށް ވަރަށް ފުރިހަމަ ތާއީދެއް ލިބިވަޑައިގަތްފައި ވެއެވެ. އޭނާއަށް ތާއީދު ކުޑަވެފައި ވަނީ ކުރްދީންގެ ސަރަޙައްދުތަކުންނެވެ. 

އިދިކޮޅު ޒަޢީމު ކަމާލް ކުލަޖްދާރު އޫޣުލޫ މި އިންތިޚާބާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ކުރިއަށް އޮތްތާނގައި އޭނާގެ ޤައުމާ "ޖެއްސުންކުރުންތަކާއި ދަތިކުރުންތަކާ ކުރިމަތިލާންޖެހޭނެތީ" ވަރަށް ދެރަފުޅުވެއެވެ.

އޭނާ ވިދާޅުވިގޮތުގައި މި އިންތިޚާބުގައި ރައްޔިތުން ޤައުމުގެ ކަންތައްތައް ބަދަލުކުރަން އެދޭކަން ހާމަކޮށްފިއެވެ. އޭނާ ތުރްކީއަށް ދިމުޤްރާޠިއްޔަތު ގެންނެވުމަށް މި ފެށްޓެވި މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި އިންތިޚާބަކީ އިންސާފުވެރި އިންތީޚާބެއް ނޫނެވެ. އޫޣުލޫގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޒަޢީމުން ބަލި ޤަބޫލުކުރައްވާ އުރްދުޣާނަށް ތަހްނިޔާ ދެންނެވި ނަމަވެސް އޫޣުލޫ ތަހްނިޔާއެއް ނުދަންނަވައެވެ.

މި ކޯލިޝަންގައި ހިމެނޭ ޖައްޔިދު ޕާޓީގެ ޒަޢީމާ މީރާލް އެކްޝިނާރު އުރްދުޣާނަށް ތަހްނިޔާ ދަންނަވަމުން ނޫސްވެރީންނަށް ވިދާޅުވިއެވެ. "އިންތިޚާބުގެ ސަބަބުން ޤައުމި އޮތީ ތަނޑިތަކަކަށް ބައިބައި ވެފައެވެ. މި ވަގުތަކީ މި މަސްއަލަ ޙައްލުކޮށް އެކަތިގަނޑަކަށްވެ ޤައުމަށް ޓަކައި މަސައްކަތް ފަށަންވީ ވަގުތެވެ."

 މި އިންތިޚަބުގައި ހުޅަނގުގެ ގިނަ މީޑިޔާތައް ތާއީދުކޮށްފައި ވަނީ އިދިކޮޅު އޫޣުލޫއަށެވެ. އެއީ އުރްދުޣާންގއ އިސްލާމީ ފިކްރުނހުޅަނގަށް ބަލައިނުގަނެވޭތީއެވެ. އެއް ޖިންސުން ގުޅުން ހުންގުމުގެ މިނިވަންކަމާ އުރްދުޣަން ދެކޮޅު ހައްދަވާތީއެވެ. އުރްދުޣާން ޔުކްރޭންގެ މަސްއަލައި ޕޫޓިނާ ދެކޮޅުނަހައްދަވާތީއެވެ. 

ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގެ ޒަޢީމުން ވަގުތުން ރައީސް އުރްދުޣަނަށް ތަހްނިޔާ ދެންނެވިއެވެ. އެންމެ ފުރަތަމަ އޭނާއަށް ތަހްނިޔާ ދެންނެވީ ޤަޠަރުގެ އަމީރު ޝައިޚު ތަމީމު ބިން ޙަމަދެވެ.

ރައީސް ޕޫޓިންގެ ތަހްނިޔާގައި ރަޝިޔާއާއި ތުރްކީ ގުޅިގެން ހިންގުމަށް ރާވައިފައިވާ ތެލުގެ ބޮޑު މަޝްރޫޢު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤިންކަން ދެއްވިއެވެ. މި މަޝްރޫޢު 2024ގައި ފެށޭނެއެވެ. މި މަޝްރޫޢުގެ ސަބަބުން ތުރްކީ މެދުވެރިކޮށް ރަޝިޔާގެ ތެޔޮ ޔޫރަޕަށް އެތެރެކުރެވޭނެއެވެ.   

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *