ރާއްޖެ ކުޑަޔަސް ގައުމު މަދަކަސް ދިވެހިބަސް ފުރިހަމަމެޔޭ
ރާއްޖެ އަށް ފަޚްރެއް ބަހާ އަދަބީ ރޮނގުން ލިބިގެންވެޔޭ
ދިވެހި އަދަބިއްޔާތުގައި ދިވެހީން ނުހަނު ކުރިޔޭ މޮޅޭ
ރިވެތި އެންމެ ފަށުވި ޢިބާރާތުން މުޚާޠަބު ކޮށްލަޔޭ
ފަންނުގައި ފެންނަން އެހެރަ އެކި ޅެންތަކާ މޮޅު ރައިވަރުން
އަންތަރީސް ވާވަރުގެ ޚިދުމަތްތައް ވަރަށް ކޮށްފައިވެޔޭ
ޅެން، ފަރިހި، ބަންޖާއި، އަންބާ، ކާ، ގެ އިތުރުން ލަވަތަކުން
ގެންނަ ވަޖިދާ ފޯރި ކަންކަމުގައި ވަނީ ނެރެދީފަޔޭ
ގަސްގަހުގެ ފަތްފަތް ވަޔާ ހެލި، ރާޅު ބީހޭ އަޑުތަކުން
ބަސްމަގުން ވަޒަނުން ހިތަށްއެރި ކޮންމެ އެއްޗެއް ބުނެލަޔޭ
ބަސްތަކުގެ ޖާދޫގެ އަސަރުން ގަސްގަހަށް ލިބިގެން ދިރުން
ލަސްވުމެއް ނެތި ވަގުތުގައި ހެން ފަރިވި މާތަށް ފޮޅުވަޔޭ
ދިވެހި އަދަބިއްޔާތު ދިރިދިރި ގައުމުގައި އޮންނާނެހެން
ދިވެހިބަސް އަދަބާ ވަނީ ހުރިހައި ރޮނގުން ދިރުވާފަޔޭ
