Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ދަރިވަރުގެ ސުއާލު

މުދައްރިސު، އޭނާގެ ތިން ވަނަ، ކިލާހަށް ވެދެވަޑައިގެންނެވި އިރު، ކުދިން ސަކަރާތް ޖަހަނީއެވެ. ދެން، މުދައްރިސު ވަރަށް ހަރުކަށި ރާގެއްގައި އަދި، އަޑު ވެސް އެހެންޏާއަށް ވުރެ ތަންކޮޅެއް ބާރަށް، ކުދިންނާ މުޚާތަބުކޮށް ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއްގެ ގޮނޑީގައި އިށީނުމަށް ވިދާޅުވިއެވެ. އަދި، އިތުރަށް ހަލަބޮލިވެގެން އުޅުނު ބައެއް ކުދިން، އެ ކުދިން އާންމުކޮށް އިށީނދެގެން ތިބޭ ތަން ނޫން އެހެން ތަންތަނަށް ބަދަލުކުރެއްވިއެވެ. ދެން، އިރުކޮޅެއް ފަހުން، ކިލާސްތެރެ ހަމަހިމޭންވެ، ކޮންމެ ކުއްޖަކު ވެސް އެ ދުވަހުގެ ފިލާވަޅު އަޑުއަހައި ކުރަން ޖެހޭ މަސައްކަތުގައި މަޝްޣޫލުވިއެވެ.

ދެން، ގަޑި ނިމުމުން، އެއް ކުއްޖަކު މުދައްރިސުގެ އަރިހަށް އައިސް ސުއާލެއް ކުރިއެވެ. "މުދައްރިސެވެ! މިއަދު މުދައްރިސުގެ ކިބައިން އަޅުގަނޑުމެންނަށް ފެނުނީ ކުރިން ނުފެންނަ މަންޒަރެކެވެ. މުދައްރިސު މާބޮޑަށް ހިތްޕުޅާ ހަމަ ނުވެ، ކޯފާވެފައި ހުންނެވި މަންޒަރެވެ. އަނެއްކާ ރޭ، އަޅުގަނޑު ބައްޕަ ފަދައިން، ކޮޓަރިން ބޭރުގައި، ސިޓިން ރޫމުގެ ސޯފައިގައި އަވަހާރަލައްޕަވަން ޖެހިވަޑައިގަތީތޯއެވެ؟"

މުދައްރިސު ނޫނެކޭ ފިޔަވައި އިތުރު އެއްޗެއް ވިދާޅު ނުވެ، އަމިއްލަ ހިތްޕުޅުގައި ނޯޓުކޮށްލެއްވިއެވެ. "މި ދަރިވަރަށް ވެސް އަދި ފެންނަންނުވާ މަންޒަރުތައް ފެނި، އެނގެންނުވާ އެއްޗެހި އެނގެނީތާއެވެ!"