Support Us

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދްވާނު މިއަދު ވެސް ކުރިއަށް

އިސްރާއީލުގެ ބާރުތަކުން ޣައްޒާގެ އިރުމަތީ ނާބްލުސްގައި އޮންނަ ބަލާޠާ ފޭލިގެއަވަށަށް މިއަދު ހެނދުނު އަރައި ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ އިތުރު ދެ މީހަކު ޝަހީދުކޮށްލައި ތިން މީހަކު ޒަޚަމުކޮށްލައިފިއެވެ.

އިސްރާއީލުން ޣައްޒާއަށް މިއަދު ދިން ވައިގެ ޙަމަލާތަކުގައި ދެ ޢިމާރާތެއް ވައްޓައިލައިފައިވެއެވެ. މި ޙަމަލާތަކަށް ފަލަސްޠީނުގެ މުޖާހިދުން ރައްދުދިނުމުގެ ގޮތުން ޔަހޫދީ އާބާދީތަކަށާއި އިސްރާއީލުގެ ބައެއް ރަށްތަކަށް ރޮކެޓުތަކެއް އޮއްސައިލިއެވެ. ޣައްޒާ ދާއިރާތެރޭގައި ހިމެނޭ އިސްރާއީލުގެ އާބާދީތަކާއި ޢަސްޤަލާނުގައި އިންޒާރުގެ ކަށިގަނޑުތައް އެޅުނެވެ.

މި މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި މިއަދު ހެނދުނު އިސްރާއީލުގެ ޢަސްކަރީ ބާރުގެ ފައުޖެއް ޢަސްކަރީ އާލާތްތަކާއި އުޅަނދުތަކާއެކު ވަގަށް ވަދެ ޖަމާސީން އަވަށުގެ ގެއެއް ޙިޞާރުކުރިއެވެ. މިކަމާ ވިދިގެން ފަލަސްޠީނު މީހުންނާ އިސްރާއީލު ސިފައިންނާ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގިއެވެ.ފަލަސްޠީނުގެ ރެޑް ކްރެސެންޓް ބުނާގޮތުގައި އިސްރާއީލު ސިފައިން އެ ޖަމާޢަތުގެ އެހީތެރިން އެ އަވަށަށް ވަނުން ވެސް މަނާކުރިއެވެ.

އިސްރާއީލުގެ ޗެނެލް 13 ހާމަކުރިގޮތުގައި ފުރަތަމަ ފަހަރަށް ޣައްޒާއިން މިއަދު އާޓިލަރީ ހަތިޔާރަށް ޙަމަލާދޭ ބާވަތުގެ ރޮކެޓެއް އިސްރާއީލަށް ފޮނުވައިލިއެވެ.

އިސްރާއީލުގެ ޗެނެލް 12 ޓީވީ ބުނާގޮތުގައި ޣައްޒާއާ ފަރަލިކޮށް އޮންނަ ޔަހޫދީ އާބާދީތަކުގެ މީހުންނަށް ގެއިން ބޭރަށް ނުނުކުތުމަށް މިހާރު ވަނީ އިރްޝާދުދީފައެވެ.

އިސްރާއީލު ސިފައިން މިއަދު ނެރުނު ޢަސްކަރީ އެންމެ ފަހު ބަޔާން ބުނާގޮތުގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދު ހެނދުނާ ހަމައަށް 1099 ރޮކެޓް ޣައްޒާއިން ވަނީ އިސްރާއީލުގެ ސަރަޙައްދުތަކަށް ފޮނުވައިލައިފައެވެ. މީގެ ތެރެއިން 340 ރޮކެޓަށް ވަނީ ދަގަނޑު ޤުއްބުން ހުރަސްއަޅައި ވައްޓައިލައިފައެވެ.

އިސްރާއީލު ސިފައިން ބުނާގޮތުގައި އެމީހުންގެ ޙަމަލާތަކުގައި ރެއާއި މިއަދުގެ އަމާޒަކީ އިސްލާމީ ޖިހާދު ޖަމާޢަތުގެ ރޮކެޓް ހަރުތަކާއި އޮޕަރޭޝަން މަރްކަޒުތަކާއި ބިމު އަޑީގައި ހުރި ރޮކެޓް އަރުވާ ތަންތަނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *