ސިފައިންގެ މިއުޒިކު ގުރޫޕުގެ ނަމުގައި 1979 ވަނަ އަހަރުގެ ފެބުރުވަރީމަހުން ފެށިގެން ހިންގަމުން އައި މިއުޒިކު ގުރޫޕު 11 އަހަރަށްފަހު ހުއްޓުމަކަށް އައި މައިގަނޑު ސަބަބަކީ ކޮޕްސް ބޭންޑް އުފެދުމެވެ. އެއީ ސިފައިންގެ މިއުޒިކު ގުރޫޕުގައި އޭރު ތިބި ހަރު މީހުންނާއި ޒުވާން ފަންނާނުންނާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ނަތީޖާއެވެ. ސިފައިންގެ ތެރޭގައި ޒަމާނީ ޕޮޕް ބޭންޑެއް އޮތުމަކީ ރަނގަޅު ކަމެއް ކަމަށް ސިފައިންގެ ލީޑަރޝިޕުން ނިންމުމުގެ ނަތީޖާއަކީ ސިފައިންގެ މިއުޒިކު ގުރޫޕް އެކަކާއި ދޭއް އުފެދުނެވެ. މީގެ ތެރެއިން ސިފައިންގެ މިއުޒިކު ގުރޫޕް ދޭއް ވީ މަޝްހޫރު ކޮޕްސް ބޭންޑަށެވެ. އަހަރުގެ ސެޕްޓެންބަރު 1990 ގައި ބޭއްވި ޓޫރިޒަމް ޝޯގައި ބޭންޑުގެ ލީޑަރ ކޯޕްރަލް އަޙްމަދު ޢާތިފާ ވާހަކަ ދެއްކެވުމަށްފަހު ކޮޕްސް ބޭންޑުގެ ނަމުގައި އެ ބޭންޑް ތަޢާރަފުކުރެއްވީ އެ ޝޯގެ ޕްރެޒެންޓަރ އޮގަރު އިބްރާހީމް ވަޙީދެވެ.
ކޮޕްސް ބޭންޑް އުފެދުމާ ހަމައަށް ސިފައިންގެ މިއުޒިކު ގުރޫޕުގައި 23 މެންބަރުން ހަރަކާތްތެރިވިއެވެ. އޭރު ބޭންޑް ލީޑް ކުރެއްވީ ސާރޖެންޓް ޢަބްދުﷲ އަނީސެވެ. އެ ބޭންޑުގެ 11 އަހަރުގެ މާޒީގައި އެކި ދުވަސްވަރު އެހާތަނަށް މަސައްކަތްކުރި މިއުޒިކް ގުރޫޕުގެ މެންބަރުންނަކީ:-
- ޢަބްދުﷲ އަނީސް– ގިޓަރރިސްޓް/ ގުރޫޕް ލީޑަރ
- ޙަސަން ޔޫސުފް– ސެކްސަފޯން
- މުޙައްމަދު މަނިކު (ރެޖީނާ)– ކީބޯޑް
- އިބްރާހީމް ރަޝީދު (ހިރިދޫލަ)– ޑްރަމަރ/ ވޯކަލިސްޓް
- މޫސާ ރަޝީދު– ބޭސް
- މުޙައްމަދު މުމްތާޒް– ރިދަމް
- މުޙައްމަދު ޚަލީލް (ފެންތަށި)– ވޯކަލިސްޓް/ ސެކްސަފޯން
- މަސްއޮޑި ޙަސަން ޚަލީލް– ވޯކަލިސްޓް
- ސަރަނގު ޢައްބާސް މުޙައްމަދު– ވޯކަލިސްޓް
- ރީނދޫ އަޙްމަދު މަނިކު– ޑޯލަރ/ ޑްރަމަރ
- މަސްއޫދު މޫސާ ދީދީ– ވޯކަލިސްޓް
- ޙަސަން ފިރާޒް (އޮގަރޭ)– ޑަރަމަރ/ ވޯކަލިސްޓް
- އަޙްމަދު ރާޝިދު– ލީޑް ގިޓަރިސްޓް/ ވޯކަލިސްޓް
- އަޙްމަދު ނިލާމް– ބޭސް ގިޓަރިސްޓް/ ވޯކަލިސްޓް
- އަންނާރުމާ މުޙައްމަދު ރަޝީދު– ސެކްސަފޯން/ ވޯކަލިސްޓް
- މުޙައްމަދު މޫސާ (މިލަން)– ކީބޯޑް
- އިބްރާހީމް ރަޝީދު (ސޫރަޖް)– ޑޯލަރ ޑްރަމަރ
- ޢަބްދުﷲ ވަޙީދު (ކޮޓުން)– ބޭސް
- ޢަބްދުﷲ ޝަމާލް– ލީޑް ގިޓަރިސްޓް/ ވޯކަލިސްޓް
- މުޙައްމަދު ޝުހައިލް– ޑްރަމަރ/ ވޯކަލިސްޓް
- އަޙްމަދު ޢާޠިފް– ކީބޯޑް/ ވޯކަލިސްޓް
- ޢަބްދުﷲ ނާފިޒް– ކީބޯޑް/ ވޯކަލިސްޓް
- މަރުދާނާ މުޙައްމަދު މަނިކު

ކޮޕްސް ބޭންޑް އުފައްދައި އިންސްޓްރޫމަންޓް ހޯދައި ޕްރެޓިސް ފަށައިގަތުމާއެކު ސިފައިންގެ މިއުޒިކު ބޭންޑް ފޭޑުވަމުން ގޮސް ހުއްޓުމަކަށް އައީއެވެ. ކޮޕްސް ބޭންޑް އުފެއްދުމުގައި އިސްކޮށް އުޅުއްވީ އޭރު ސިފައިންގެ މިއުޒިކް ގުރޫޕުގައި ހަރަކާތްތެރިވި މުހިންމު ޒުވާން ތިން ފަންނާނުންނެވެ. އެއީ ކޯޕްރަލް އަޙްމަދު ޢާޠިފާއި ކޯޕްރަލް ޢަބްދުﷲ ޝަމާލް (މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް) އަދި ލާންސް ކޯޕްރަލް މުޙައްމަދު ޝުހައިލެވެ. ފަހުން ލާންސް ކޯޕްރަލް މުޙައްމަދު އިކްރާމާއި ލާންސް ކޯޕްރަލް ޢަލިމަނިކާއި، ސަލީމާއި ޝުޢައިބާއި ޝަފީޢު ފަދަ ފަންނާނުން ކޮޕްސް ބޭންޑާ ގުޅިލެއްވިއެވެ.
ސިފައިންގެ މިއުޒިކު ގުރޫޕެކޭ އެއްގޮތަށް ކޮޕްސް ބޭންޑަކީ ވެސް ސިފައިންގެ އެކިއެކި ޔުނިޓްތަކުގައި މަސައްކަތްކުރާ މިއުޒިކީ ފަންނާނުންގެ މައްޗަށް އެކުލަވާލެވުނު ބޭންޑެކެވެ. ކޮޕްސް ބޭންޑް އުފެއްދުމަށް މަސައްކަތް ކުރަންފެށި ހިސާބުން ސިފައިންގެ މިއުޒިކު ގުރޫޕު ހުއްޓުމަކަށް އައެވެ. މިގޮތުން 1990 ވަނަ އަހަރުގެ ޖުލައި 26 ގައި ބޭއްވި ފަންނާނުންގެ މިއުޒިކީ ޝޯއަށްފަހު ސިފައިންގެ މިއުޒިކު ގުރޫޕު ފެނިގެންނެއް ނުދިޔައެވެ. ދެން އައީ ކޮޕްސް ބޭންޑުގެ ރަން ދުވަސްވަރެވެ.

ކޮޕްސް ބޭންޑުން ޝޯތައް ދޭން ފެށުމާއެކު އާންމުންނާއި ސިފައިންގެ ވެސް ވަރަށް ބޮޑު ތަރުހީބެއް އެ ބޭންޑަށް ލިބެންފެށިއެވެ. ކުރީގައި ސިފައިންގެ މިއުޒިކު ގުރޫޕު ޝޯތަކަށް އެރުމުން ފޫހިވެގެން އަނބުރާލާފައި ދާ ދެ ޖިންސުގެ ޒުވާނުން ކޮޕްސް ބޭންޑަށް އިންތިޒާރުކޮށް ތަރުހީބުދީ ފޯރި ނެގިއެވެ. އެ ބޭންޑުގެ ލަވަތައް ރާއްޖޭގައި ވަރަށް ބޮޑު މަޝްހޫރު ކަމަކާއި މަގުބޫލުކަމެއް ހޯދިއެވެ.
ދެން ކުރެވުނުތަން ފެނުނީ ސިފައިންގެ މިއުޒިކު ގުރޫޕު އަލުން އާ ރޫޙެއްގައި ވުޖޫދަށް ގެނައުމަށް އާ ފޯމިއުލާއެއްގައި ރީބްރޭންޑްކުރަން ކުރެވުނު މަސައްކަތްތަކެވެ. އާ ފޯމިއުލާއަކީ ހަމަައެކަނި ސިފައިންގެ މިލިޓަރީ ބޭންޑުގައި މަސައްކަތްކުރާ މިއުޒިޝަނުންގެ މައްޗަށް އެ ގުރޫޕު އެކުލަވާލުމެވެ. އެންއެސްއެސް ބޭންޑުގެ އޮފިސަރ އިންޗާޖް ލެފްޓިނަންޓް ކާނަލް އަޙްމަދު ނަޢީމް މުޙައްދުގެ އިރުޝާދުގެ މަތިން ބޭންޑުގެ ނަމަކަށް ހަމަޖެއްސީ "ދަ ޕްލެޓޫން" އެވެ. މި ބޭންޑުގެ ލީޑަރަކީ އެންއެސްއެސް ބޭންޑުގެ އެންސީއޯ އިންޗާޖް ކޯޕްރަލް ފެންތަށި މުޙައްމަދު ޚަލީލެވެ. މެނޭޖަރަކީ ބޭންޑް މާސްޓަރ، ވޮރަންޓް އޮފިސަރ ގްރޭޑް 1 ޙަސަން ޔޫސުފެވެ. "ދަ ޕްލެޓޫނު" މި ނަން އެޕްރޫވް ކުރުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އަށް ފޮނުއްވީ 14 އޯގަސްޓް 1993 ގައެވެ.
އަނެއްކާ ވެސް ސިފައިންގެ ދެ މިއުޒިކު ބޭންޑް އުފެދުނީއެވެ. އޭރު ދެ ބައިމީހުން ޕްރެކްޓިސް ކުރަން ހުރީ ޕާޓިޝަނަކުން ވަކިކުރެވިފައި ހުރި ތަނެކެވެ. ސައުންޑް ޕްރޫފް ނުވާތީ އެއް ބަޔަކު ޕްރެކްޓިސް ކުރަންޏާ އަނެއް ބަޔަކަށް ޕްރެކްޓިސް ކުރެވޭނެ ގޮތެއް ނެތެވެ. އެ މައްސަލަ ޕްރެކްޓިސް ޝެޑިއުލެއް ހަދައިގެން ހައްލު ކުރެވުނަސް ސިފައިންގެ މިއުޒިކު ގުރޫޕު ރީބްރޭންޑްކޮށް، ދަ ޕްލެޓޫނުގެ ނަމުގައި ނިކުންނަން ކުރި މަސައްކަތް ވެސް މާ ކާމިޔާބު މަސައްކަތަކަށް ނުވިއެވެ. ހުރިހާ ވެސް ސަބަބަކީ ކޮޕްސް ބޭންޑުން ޒުވާނުންނާއި މިއުޒިކަށް ލޯބިކުރާ މީހުންގެ މެދުގައި ހޯދާފައިވާ މަޤާމެވެ. އޭރު އެ ބޭންޑު ހޯދާފައިވާ މަޝްހޫރުކަމާއި މަޤުބޫލުކަމެވެ.
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން



advertisment