Support Us

ސޫރިޔާ ބައިވެރިކޮށްގެން ޢަރަބި ޚާރިޖީ ވަޒީރުން ބައްދަލުވުމެއް ބާއްވަނީ 

މިއަންނަ ހޯމަ ދުވަހު ޢަރަބި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް އުރްދުންގެ ވެރިރަށް ޢައްމާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އުރްދުންގެ މަސްއޫލުވެރީން ހާމަކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިޞަލުލް މިޤްދާދު ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ވެސް ޢައްމާނުން ބުނެއެވެ. މިއީ ސޫރިޔާގެ މަސްއަލައަށް ސިޔާސީ ޙައްލެއް ގެނައުމަށް ޓަކައި ކުރެވޭ މަސައްކަތުގެ ގިއުގަނޑުގެތެރޭގައި ސޫރިޔާ އަނބުރާ ޢަރަބިލީގަށް ގެނައުމާ ބެހޭގޮތުން ބަޙުސްކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިޞްރާއި ޢީރާޤާއި ސުޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާނެކަން ޢައްމާނުން ކަށަވަރުކޮށްދިނެވެ. މި ބައްދަލުވުމުގައި އެ ވަޒީރުން ބަޙުސްކުރައްވާނީ ސޫރިޔާގެ މަސްއަލަ ޙައްލުކުރުމަށް ޓަކައި އުރްދުނުން ތައްޔާރުކޮށްފައިވާ ކަރުދާހަކާ ބެހޭގޮތުންނެވެ.

އުރްދުންގެ ޚާރިޖިއްޔާގެ ތަރްޖަމާނު ސިނާނުލް މަޖާލީ ވިދާޅުވާގޮތުގައި މިއީ ސުޢޫދީ ޢަރަބިއްޔާއިން މެހެމާންދާރީ އަދާކޮށްގެން މި ދިޔަ އެޕްރިލް މަހުގެ މެދެއްހާތާނގައި ޖިއްދާގައި ބޭއްވުނު ގަލްފުގެ ޤައުމުތަކާއި މިޞްރާއި ޢިރާޤާއި އުރްދުންގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ފުރިހަމަކުރުމަށް ޓަކައި ބޭއްވޭ ބައްދަލުވުމެކެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ސޫރިޔާގެ މަސްއަލައަށް ސިޔާސީ ޙައްލެއް ގެނައުމަށް ޓަކައި އުރްދުނުން އިސްނަގައިގެން ހުށައަޅާ ކަރުދާހަކާމެދު މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވާ ގިނަ ޤައުމުތަކުން ސޫރިޔާ އަނބުރާ ޢަރަބި ލީގަށް ވެއްދުމަށް ތާއީދުކުރެއެވެ. ސޫރިޔާގެ ޢަރަބިލީގުގެ މަންބަރުކަން ވަގުތީގޮތުން ގަނޑުކުރެވުނީ 2011ގައެވެ.

ސޫރިޔާގެ އަހްލީ ހަނގުރާމައިގެ ސަބަބުން އަވަށްޓެރި ޢަރަބި ޤައުމުތަކަށް ވެސް ދަނީ ގެއްލުންތައް ލިބެމުންނެވެ. ޢަރަބިންގެ އެއްބައެއްވަންތަކަން ދަނީ ބަލިކަށިވަމުންނެވެ. މި މަހު 19ގައި ބޭއްވޭ ޢަރަބި ސަމިޓްގައި ސޫރިޔާ ބައިވެރިކުރެވިދާނެތޯ ނުވަތަ ނޫންތޯ އެނގޭނީ އުރްދުން ބައްދަލުވުމުން ނުކުންނަ މޭވާގެ ފޮނިހިތިކަމުންނެވެ.

އުރްދުންގެ ކަރުދާހުގައި ސޫރިޔާގެ ރެފިޔުޖީންގެ މަސްއަލައާއި ގެއްލިފައިވާ އެތައް ހާސް ބަޔަކާއި ޖަލުތަކުގައި ތިބި އެތައް ހާސް ބައެއްގެ މަސްއަލައާއި މަސްތުވާތަކެތީގެ ވަގުފާރީގެ މަސްއަލައާއި ސޫރިޔާގައި ތިބި އީރާނުގެ މިލީޝިޔާ ބާރުތަކުގެ މަސްއަލަފަދަ މަސްއަލަތަކަށް ސިޔާސީ ޙައްލެއް ގެނެއުން ވެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *