ޖަރްމަނުން ޔުކްރޭނަށް ޕޭޓްރިއެޓް މިސައިލް ދީފިއެވެ.
އެއީ ރަޝިޔާގެ މިސައިލް ޙަމަލާތަކުން ޔުކްރޭން ޙިމާޔަތް ކުރުމަށް ޓަކައެވެ. ޕެޓްރިއެޓް މިސައިލާ ބެހޭ ތަމްރީނުތައް ޔުކްރޭން ސިފައިންނަށް ދީފައި ވަނީ ޖަރްމަނާއި އެމެރިކާގައެވެ.
އަނެއްކޮޅުން ޔުކްރޭނުގެ އޮޑީސާ ސަހަރަށް ރަޝިޔާއިން ޑްރޯން ޙަމަލާތަކެއް ވަނީ ދީފައެވެ. އޮޑީސާ ސަރަޙައްދުގެ ޢަސްކަރީ މައި މަރްކަޒުން ބުނާގޮތުގައި އިއްޔެ ރޫސީ ސިފައިން ދިން ޑްރޯން ޙަމަލާތަކުގެ ސަބަބުން މުހިއްމު ބިނާރެއްގައި ރޯވެ އެ ތަނަށް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ. އެހެނަސް ޔުކްރޭނުން ބުނާގޮތުގައި މި ޙަމަލާގެ ސަބަބުން މީހަކަށް ގެއްލުމެއް ނުލިބެއެވެ.
އޮޑީސާގެ ޢަސްކަރީ އިދާރާއިން ބުނާގޮތުގައި ރަޝިޔާއިން 10 ޑްރޯން މި ޙަމަލާގައި ފޮނުވައިލިއެވެ. މި ޑްރޯންތަކުގެ ތެރެއިން އަށް ޑްރޯނަކީ އީރާނުގެ ޝާހިދު 136 މަރުކާގެ ޑްރޯންތަކެކެވެ.
މީގެ އިތުރަށް ޔުކްރޭން ސިފައިން ބުނާގޮތުގައި ރަޝިޔާއިން އިއްޔެ މިސައިލްގެ ހަތަރު ޙަމަލާއަކާއި ވައިގެ 60 ޙަމަލާދިނެވެ.
ބަޚްމޫތު މައިދާން
ޔުކްރޭނުގެ އެއްގަމު ސިފައިންގެ ވެރިޔާ އިއްޔެ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން ބަޚްމޫތު ސަރަޙައްދުގައި ޙަމަލާތައް ދެމުންދަނީ ބޮޑު ބަޑިންނާއި ވައިގެ މަގުންނެވެ. މި ކަމުގެ ސަބަބުން ބަޚްމޫތުގެ ޢިމާރާތްތައް ބިމާ ހަމަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.ވެގްނަރ ހަނގުރާމަވެރީން ބުނާގޮތުގައި ބަޚްމޫތުގެ ބިމުގެ 80% މިހާރު އޮތީ އެމީހުންގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުގައެވެ.
އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ ބުނާގޮތުގައި އިރުމަތީ ޔުކްރޭނުގެ ޑޮންބާސް މައިދާނުގައި ވަރަށް ވަރުގަދައަށް ހަނގުރާމަ ހިނގަމުން އެބަދެއެވެ. މި އިދާރާ ބުނާގޮތުގައި ރޫސީ ސިފައިންނާއި ވެގްނަރ ހަނގުރާމަވެރިން މަޑުމަޑުން ނަމަވެސް ދަނީ ކުރިއަރަމުން ޔުކްރޭން ސިފައިން ބަލިކުރަމުންނެވެ.
ދެކުނު ކޮރެޔާއިން ކިޔީވަށް އެހީވަނީ
އަނެއްކޮޅުން ދެކުނު ކޮރެއާގެ ރައީސް ޔުން ސޮކް ޔޫލް ވިދާޅުވާ ގޮތުގައި އެ ޤައުމުން ކިޔީވަށް ދޭ އެހީތައް އިންސާނީ އަދި އިޤްތިޞާދީ މައިދާން ފަހަނަޅައި ކުރިމަގުގައި ދާނެއެވެ. އޭނާ އިޝާރާތް ކުރައްވާ ގޮތުގައި ޔުކްރޭނުގެ ޢާންމުންނަށް ރަޝިޔާއިން ޙަމަލާދެމުންދާނަމަ ސޯލުން ކިޔީވަށް ހަތިޔާރު ދިނުމާމެދު ވިސްނާނެއެވެ.
ރައީސް ޔުން މި އަންނަ ހަފުތާގައި އެމެރިކާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ވަގުތެއްގައި ސޯލްގެ ސިޔާސަތަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް އިޝާރާތް ކުރައްވާ ވަހަކަފުޅު ދެއްކެވުމަކީ އެމެރިކާގެ ތާއީދު އިތުރު ކުރެއްވުމަށް ޓަކައި އެޅުއްވި ފިޔަވަޅެއް ކަމަށް ފެނެއެވެ. ކޮރެޔާ ހަނގުރާމަޔާ ވިދިގެން ދެކުނު ކޮރެޔާއަކީ އެމެރިކާ ގެ ފަލަކުގައި ބުރުޖަހާ ޤައުމެކެވެ. ދެކުނު ކޮރެޔާއަކީ ބަޑީގެ އުންޑަ އުފައްދާ ޤައުމެކެވެ. ޔުކްރޭން ހަނގުރާމައިގައި ދެކުނު ކޮރެޔާއިން މިހާތަނަށް ގެންގުޅެމުން ދިޔައީ މޮސްކޯ ރުޅިނާންނާނެފަދަ ސިޔާސަތެކެވެ. ބައިނަލްއަޤްވާމީ ދާއިރާތަކުގައި ރަޝިޔާ ކުށްވެރި ކުރަމުން ދިޔަނަމަވެސް ދެކުނު ކޮރެޔާއިން ކިޔީވަށް ހަތިޔާރު ދިނުމާ ވަނީ ދުރުހެލިވެފައެވެ. އެއީ މި ކަމުގެ ސަބަބުން ރަޝިޔާ ދެކުނު ކޮރެޔާ ވިޔަފާރިއަށް ގެއްލުން ލިބިދާނެތީއާއި ރަޝިޔާއާ ގުޅުންބޮޑު އުތުރު ކޮރެޔާއިން ދެކުނާ ދެކޮޅަށް ފިޔަވަޅު އަޅައިފާނެތީއެވެ.
ޕެޓްރިއެޓް މިސައިލް
އަނެއްކޮޅުން ޖަރްމަނަށް ބަލާއިރު އެ ޤައުމުން ޔުކްރޭނަށް ޕެޓްރިއެޓް މިސައިލް ދީފިކަމަށް އެ ޤައުމުން ބުނެފިއެވެ. އެއީ ރަޝިޔާގެ މިސައިލް ޙަމަލާތަކުން ޔުކްރޭން ޙިމާޔަތް ކުރުމަށް ޓަކައެވެ. ޕެޓްރިއެޓް މިސައިލާ ބެހޭ ތަމްރީނުތައް ޔުކްރޭން ސިފައިންނަށް ދީފައި ވަނީ ޖަރްމަނާއި އެމެރިކާގައެވެ.



advertisment