މި އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަހަކަށް ވާނީ މި އަންނަ ހުކުރު ދުވަސް ކަމަށް ޖިއްދާގެ ފަލަކީ ސުޢޫދީ ޖަމްޢިއްޔާއިން މިއަދު ސާފުކޮށްދީފިއެވެ.
މި ޖަމްޢިއްޔާއިން ހާމަކުރި ގޮތުގައި ހަނދު އިޤްތިރާނު ވާނީ (އެއްތެދުވާނީ) 20 އެޕްރީލް ދުވަހު ހެނދުނު މައްކާ ގަޑިން 07:12 ގައެވެ. ޝައްވާލު މަހަށް ހަނދު ބެލުން އޮންނާނީ ރަމަޟާން މަހުގެ 30 ވިލޭރޭގައެވެ.
ސުޢޫދީ ފަލަކީ ޖަމްޢިއްޔާގެ ރައީސް އިންޖިނިޔަރ މާޖިދު އަބޫ ޒާހިރާ ވިދާޅުވާގޮތުގައި ހަނދު ބަލާ ރޭ (ހުކުރު ވިލޭރޭ) މައްކާއަށް އިރު އޮއްސޭނީ ރޭގަނޑު 06:42 މިނެޓްގައެވެ. އެ ވަގުތު ހަނދު ހުންނާނީ ހަތަރު ދަރަޖަ މަތީގައެވެ. މި ހަނދު އަލިކަން ހުންނާނީ 0.2% ގައެވެ. ހަނދު އޮއްސޭނީ 07:06 ގައެވެ. އެއީ އިރު އޮއްސޭތާ 24 މިނެޓު ފަހުންނެވެ. އެހެންކަމުން ފަލަކީގޮތުން އެ ހަނދު ލައްވާނެއެވެ.
އެހެނަސް އަބޫ ޒާހިރާ ވިދާޅުވާ ގޮތުގައި މި ހަނދު ހަމަ ލޮލަކަށް ނުފެންނާނެއެވެ. ސީސީޑީ ކެމެރާއިން ފެންނާނެއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހޮނިހިރު ވިލޭރޭ ހަމަ ލޮލަށް ވަރަށް ސާފުކޮށް ހަނދު ފެންނާނެއެވެ.



advertisment