ސޫރިޔާގެ މަސްއަލައަށް އޮތް ހަމައެކަނި ޙައްލަކީ ސިޔާސީ ޙައްލުކަމަށް ގަލްފުގެ ޤައުމުތަކާއި މިޞްރާއީ ޢިރާޤާއި އުރްދުނުގެ ޚާރިޖީ ވަޒީރުން ޖިއްދާގައި އެއްބަސްވެވަޑައިގަންނަވައިފިއެވެ.
އަދި ސޫރިޔާގެ މަސްއަލަ ޙައްލުކުރުމަށް ޓަކައި ޢަރަބި އިސްވާރިއްޔަތެއް އޮންނަން ޖެހޭނެ ކަމަށާއި މި ކަމަށް ޓަކައި ކުރެވޭ މަސައްކަތް ކާމިޔާބު ކުރުމަށް ޓަކައި ޢަރަބިންގެ މެދުގައި މަޝްވަރާކުރުމަށް ވެސް އެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ.
ސުޢޫދީ ޚާރިޖީ ވަޒީރު އިސްނަންގަވައިގެން އިއްޔެ ޖިއްދާގައި ބޭއްވުނު ބައްދަލުވުމުގައި ގަލްފުގެ އެއްބާރުލުމުގެ މަޖިލީހުގެ މެންބަރު ހަ ޤައުމާއި މިޞްރާއި ޢިރާޤާއި އުރްދުނުގެ ޚާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުމުގައި ސޫރިޔާގެ މަސްއަލަ ޙައްލުކުރުމަށް ޓަކައި ކުރެވެމުންދާ މަސައްކަތްތަކާމެދު އެ ބޭފުޅުން މަޝްވަރާކުރައްވާ ޚިޔާލު ބަދަލުކުރެއްވިއެވެ.
މި ބައްދަލުވުމާ ބެހޭގޮތުން ސުޢޫދީ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި ސޫރިޔާގެ އިންސާނީ މަސްއަލަތައް ޙައްލު ކުރުމަށް ޓަކައި އިސްކަންދިނުން މުހިއްމެވެ. އަދި ސޫރިޔާގެ ހުރިހާ ސަރަޙައްދުތަކަކަށް އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވެށި ފަހިކޮށްދެވެން ޖެހޭނެއެވެ. އަދި ސޫރިޔާގެ ރެފިޔުޖީން އެމީހުންގެ ރަށްރަށަށް އަމާންކަމާއެކު އެނބުރި ދިއުމަށް ބޭނުންވާ ޙާލަތު ތަނަވަސްކޮށްދިނުމަށާއި އެމީހުންގެ އިންސާނީ ބަރުދާސްތުތައް ނިމުމަކަށް ގެނައުމަށް ޓަކައި މަސައްކަތްކުރުމަށާއި ސޫރިޔާގެ ބިމަށް ހަމަޖެހުން ގެނައުމަށް ބޭނުންވާ އިޖްރާއާތުތައް ތަނަވަސްކޮށް ދިނުމަށް ޓަކައި މަސައްކަތްކުރަން ޖެހިފައިވާ ކަމަށް ވެސް އެ ބޭފުޅުން އެއްބަސްވެ ވަޑައިގަތެވެ.
މި ބަޔާން ބުނާގޮތުގައި އިސްރާއީލުން ދެ ދައުލަތުގެ ޙައްލު ނައްތައިލުމަށް ޓަކައި އަޅަމުންދާ ޣައިރު ޤާނޫނީ އެންމެހާ ފިޔަވަޅުތައް ޖިއްދާގެ ބައްދަލުވުމުގެ ބައިވެރީން ކުށްވެރި ކުރެއްވިއެވެ.
ހަމަ އެފަދައިން އަލްމަސްޖިދުލްއަޤްޞާއަށް އިސްރާއީލުން ދެމުންގެންދާ ޢުދްވާނީ ޙަމަލާތަކާއި އެ މިސްކިތުގެ ޙުރްމަތް ކަނޑަމުންދާދިޔުން ވެސް މި ބައްދަލުވުމުން ކުށްވެރި ކުރިއެވެ. އަޤްޞާ މިސްކިތަކީ މުސްލިމުންނަށް އަޅުކަންކުރުމަށް ހުރި ޚާއްޞަ ތަނެއް ކަމަށާއި މި މިސްކިތް ބެލެހެއްޓުމުގެ އެންމެހާ ބާރުތައް ލިބިގެން ވަނީ މި މިސްކިތާ ބެހޭ އުރްދުންގެ ޚާއްޞަ އިދާރާއަށް ކަމަށް ވެސް މި ބަޔާނުގައި އައިސްފައި ވެއެވެ.
މުރާޤިބުން ވިދާޅުވާ ގޮތުގައި ސޫރިޔާ ޢަރަބީންގެ ދާއިރާ ތެރެއަށް އަލުން އިޢާދަކުރުމަކީ ސޫރިޔާގެ ދާޚިލީ މަސްއަލައަށް އަވަސް ނިމުމެއް ގެނެސްދޭނެ ކަމެކެވެ. އަދި އެއީ ސޫރިޔާގެ ރެފިޔުޖީން އެމީހުންގެ ވަޠަނަށް އެނބުރި އައުމަށް ވެސް އެހީވެދޭނެ ކަމެކެވެ. ސޫރިޔާއާއި ޢަރަބި ޤައުމުތަކުގެ އަމްނާއި ސަލާމަތް ބިރުވެރިކަމަށް ހާސާކުރާ ނިރުބަވެރި ޙަރަކާތްތައް ނައްތައިލުމަށް ކުރެވޭ މަސައްކަތްތައް މި ކަމުގެ ސަބަބުން ވަރުގަދަވެގެންދާނެއެވެ. މީގެ އިތުރަށް މިއީ ސޫރިޔާގެ ބިމުގައި ތިބި މިލިޝިޔާ ބާރުތަކުގެ ވުޖޫދު ނައްތައިލުމަށާއި ސޫރިޔާގެ ދާޚީލި ކަންތައްތަކާ ބޭރުގެ ބެހުންތައް ބެހުން ނިމުމަކަށް ގެނައުމަށް އެހީވެދޭނެ ކަމެކެވެ.



advertisment