Support Us

ރަޝިޔާއިން ބަޚްމޫތަށް ވަރުގަދަ ޙަމަލާތަކެއް

ޔުކްރޭނިޔާގެ އިރުމަތީފަރާތުގެ ހަނގުރާމަމަތީ މައިދާނުގެ ސަހަރުތަކަށް ރަޝިޔާއިން މިސައިލާއި ބޮޑުބަޑިން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

ޔުކްރޭންގެ ޗީފް އޮފް ސްޓާފުގެ އިދާރާއިން ބުނާގޮތުގައި އިރުމަތީ ޑޮނެސްކް ސަރަޙައްދުގެ ބަޚްމޫތާއި ލީމާނާއި މެރިންކާއާއި އެފްޑްޔީކާ ފަދަ މުހިއްމު ސަހަރުތަކަށް ރަޝިޔާއިން ދިން ޙަމަލާތަކުގެ ތެރެއިން 52 ޙަމަލާއަކަށް ހުރަސްއެޅުނެވެ. މި އިދާރާ ބުނާގޮތުގައި ބަޚްމޫތު ސަހަރު އެކަށް ހިފުމަށް ޓަކައި ރަޝިޔާ ސިފައިން ދަނީ ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.

ރަޝިޔާ ބުނާގޮތުގައި ޚަރްސަން ނާރެހުގައި ޔުކްރޭންގެ 10 ސިފައިން މަރައިލިއެވެ. އަދި ގްވަޒްޑިކާ މަރުކާގެ އޮޓޮމެޓިކް ބޮޑުބަޑީގެ ދެ ނިޒާމެއް ހަލާކުކޮށްލިއެވެ.

އިދިކޮޅު ޙަމަލާ

އަނެއްކޮޅުން ޔުކްރޭންގެ ދިފާޢީ ވަޒީރު އެލެކްސީ ރިޒްނިކޯވް ވިދާޅުވާ ގޮތުގައި ޔުކްރޭނުން ދަނީ އެ ޤައުމުގެ އިރުމައްޗާއި ދެކުނު ސަރަޙައްދުގައި ރަޝިޔާއާ ދެކޮޅަށް ވަރުގަދަ ޙަމަލާއެއް ދިނުމަށް ތައްޔާރުވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ވަގުތު އޮތީ ޔުކްރޭނާ އެއްކޮޅަށެވެ. ރޫސީ ސިފައިންނަށް ޙަޤީޤީ އެއްވެސް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.އޭނާ ވިދާޅުވި ގޮތުގައި ބަޚްމޫތުގައި ދުވާލަކު ރަޝިޔާ ސިފައިންގެ 500 ސިފައިން މަރައިލައެވެ.

އެހެނަސް ޔުކްރޭންގެ އެއްގަމު ސިފައިންގެ ވެރިޔާ ވިދާޅުވާ ގޮތުގައި ރަޝިޔާއިން ދަނީ ބަޚްމޫތުގެ ޢިމާރާތްތަކާއި މަގުތައް ހަލާކުކުރަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ބަޚްމޫތުގެ ޙާލަތު ވަރަށް އުނދަގުލެވެ.

ޑޮނެސްކްގެ ގަވަރުނަރު ޑެނިސް ބޮޝްލިން ވިދާޅުވާ ގޮތުގައި ބަޚްމޫތުގެ 75% އޮތީ ރަޝިޔާ ސިފައިން ހިފައިފައެވެ.

ރަޝިޔާގެ ޢަސްކަރީ ތަމްރީނުތަކެއް

އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި އުތުރު ތަނޑީގެ ބަރޫދުގެ ރަޝިޔާ ސަރަޙައްދުގައި ޢަސްކަރީ ތަމްރީނުތަކެއް މިއަދު ފެށިއްޖެއެވެ. މި ތަމްރީނުތަކުގައި 1800 ސިފައިންނާއި 10 މަނަވަރާއި 40 ހެލިކޮޕްޓަރު ބައިވެރިވެއެވެ. މި ތަމްރީނުތަކުގެ އަމާޒަކީ ރަޝިޔާގެ އިރު އުތުރު މަގުތައް އަމާންކަން މަތީ އޮތްކަން ކަށަވަރު ކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *