ޙައްދު ފަހަނަޅައިފައިވާ ޔަހޫދީންތަކެއް އަޤްޞާ މިސްކިތް ތެރޭގައި
އިސްރާއީލުން އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑަމުންދާތީ އެކަން ހުއްޓުވުމަށް އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ ދަށުގައި އޮންނަ އެ ޤައުމުތަކުގެ ބަރްލަމާނުތަކުގެ އިއްތިޙާދުން ރޭ ސަލާމަތީ މަޖިލީހަށް ގޮވައިލައިފިއެވެ.
މި ކަމަށް ގޮވައިލީ 54 މެންބަރުންގެ އިއްތިޙާދުގެ ކުއްލި ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނުގައެވެ. ދާދިވަރުކޮށް ބޭއްވި މި ބައްދަލުވުމުގައި އަޤްޞާ މިސްކިތުގައި އަޅުކަންކުރަން ތިބޭ މީހުންނަށް ހަރުކަށި ޔަހޫދީން ދެމުންގެންދާ ޙަމަލާތަކާއި ފަލަސްޠީނުގެ ރަށްރަށުގައި ޔަހޫދީ ވަޒަންވެރިން ދެމުންގެންދާ ޢުދްވާނީ ޙަމަލާތައް އިތުރުވުމުގެ ސަބަބުން އެ މާޙައުލު ވަރަށް ނުރައްކާތެރި ޙާލަތަކަށް ވެއްޓިފައިވާ ކަމަށް ބުނެފައި ވެއެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޖަޒާއިރުގެ ބަރްލަމާނުގެ ރައީސް އިބްރާހީމު ބޫ ޣާލީއާއި ތުރްކީގެ ބަރްލަމާނުގެ ރައީސް މުޞްޠަފާ ޝަންޠޫބާއި ފަލަސްޠީނުގެ ޤައުމީ މަޖިލީހުގެ ރައީސް ރޫޙީ ފައްތޫޙާއި ބަޙްރައިނުގެ ޤައުމީ މަޖިލީހުގެ ރައީސް އަޙްމަދުލް މުސްލިމާއި އިމާރާތުގެ ޤައުމީ އިއްތިޙާދީ މަޖިލީހުގެ ރައީސް ޞަޤްރު ޣައްބާޝާއި އީރާނުގެ ބަރްލަމާނުގެ ރައީސް މުޙައްމަދު ބާޤިރު ޤާލޫބާފެވެ.
މި ބައްދަލުވުމުގައި އިންޑޮނޭޝިޔާއާއި ޢިރާޤާއި އުރްދުނާއި ކުވައިތާއި ސުޢޫދީ ޢަރަބިއްޔާއާއި މަޣްރިބާއި ލުބްނާނު ބައިވެރިވިއެވެ.
މި ބައްދަލުވުމުން ނެރުނު ބަޔާނުގައި މި ބަރަކާތްތެރި ރަމަޟާންމަހުގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޢުދްވާނީ ޙަމަލާތައް ހުއްޓުވުމަށް ޓަކައި ތެދުވުމަށް ދުނިޔެއަށް ގޮވައިލައިފައި ވެއެވެ.
ޖަޒާއިރުގެ ބަރްލަމާނުން ވަކިން ނެރުނު ބަޔާނެއްގައި އިސްރާއީލުގެ ޖަރީމާތައް ބެލުމަށް ބައިނަލް އަޤްވާމީ ޖިނާއީ ކޯޓަށް ގޮވައިލިއެވެ. އިސްރާއީލުގެ ޢަމަލުތަކަކީ ފަލަސްޠީނު ރައްޔިތުން މި ބިންމަތިން ފުހެލުމަށް ޓަކައި ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ކުވައިތުގެ ބަރްލަމާނުން ނެރުނު ބަޔާން ބުނާގޮތުގައި "ބަރްލަމާންތަކުގެ އިއްތިޙާދުން ކަށަވަރުކޮށްދޭ ގޮތުގައި އަޤްޞާ މިސްކިތަކީ މުޤައްދަސް ތަނެކެވެ. އިސްރާއީލުގެ ބާރުތައް މި މިސްކިތަށް ވަދެ އެތާނގައި ނަމާދުކުރާ މީހުންނަށް ޙަމަލާދީ ދުއްތުރާކުރުމަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުން ކުށްވެރިކުރަން ޖެހޭނެ ކަމެކެވެ. މި ޢުދްވާނު ހުއްޓުވުމަށް ސަލާމަތީ މަޖިލީހުން ފިޔަވަޅު އަޅަންޖެހޭނެއެވެ."



advertisment