Support Us

އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އަނެއްކާވެސް އަޤްޞާ މިސްކިތަށް ވަދެގެންފި

އިސްރާއީލުގެ ބާރުތަކުން ރޭ ފަތިހު އަޤްޞާ މިސްކިތަށް ވަދެ އެތާނގައި އަޅުކަންކުރަންތިބި އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފަލަސްޠީނުގެ އަސީރުންނާބެހޭ އިދާރާ ބުނާގޮތުގައި އިސްރާއީލުގެ ބާރުތަކުން އަޤްޞާ މިސްކަތަށް ވަދެ 500 މީހުން ހައްޔަރުކޮށް އެތައް ބަޔަކު މިސްކިތުން ބޭރަށްލިއެވެ. މިއީ ޔަހޫދީންގެ ޢީދުލް ފަޞްޙަށް ޓަކައި އަޤްޞާ މިސްކިތް ޔަހޫދީންނަށް ތަނަވަސްކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށް މި އިދާރާއިން ބުންޏެވެ. މި ޢީދު މިއަދު ފެށިއްޖެއެވެ. ނިމޭނީ 12 ގައެވެ. 

އިސްރާއީލުގެ ބާރުތައް އަޤްޞާ މިސްކިތަށް ވަދެ މިސްކިތުގައި އަޅުކަންކުރާން ތިބި ބައެއް މީހުން ގަދަކަމުން ބޭރަށްލީ އެމީހުންގެ ފައިގައި ބިޑިއަޅުވައިގެންނެވެ.

ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާ ބުނާގޮތުގައި އިސްރާއީލު ސިފައިން މި މިސްކިތަށް ވަނުމުގެ ތެރޭގައި ފަލަސްޠީނުގެ އެތައް ބަޔަކު ޒަޚަމުވިއެވެ. ރެޑް ކްރެސެންޓް މީހުން ޒަޚަމުވި މީހުންނަށް ފުރަތަމައެހީ ދިނުމަށް ޓަކައި ދިޔުމުން އިސްރާއީލުގެ  ބާރުތަކުން އެމީހުންނަށް ހުރަސްއެޅިއެވެ. ބައެއް އެންބިއުލެންސްތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިލިއެވެ. 

ފަތިސް ނަމާދުކޮށް އަވަދިވިތަނާ ޔަހޫދީންތައް އަޤްޞާ މިސްކިތގެ ގޯތިތެރެއަށް ވަދެގަތީ އިސްރާއީލު ސިފައިންގެ ޙިމާޔަތާއި ރައްކައުތެރިކަން ލިބިގެންނެވެ. 

"ހައިކަލް ފަރުބަދައަށް އެނބުރި އަންނަނީ" ނަމަކަށް ކިޔާ ޖަމާޢަތް ބުނާގޮތުގައި މި ޢީދުތެރޭގައި އަޤްޞާ މިސްކިތްތެރޭގައި "ޤުރްބާނެއް" ކަތިލި މީހަކަށް ފަސް ހާސް ޑޮލަރުގެ އިނާމެއް ދެވޭނެއެވެ. 

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި މިސްކިތުގައި ތިބި ފަލަސްޠީނު މީހުންތައް ބޭރަށްލުމަށްފަހު މިސްކިތުގެ ދޮރުކޮޅުތައް ވަނީ ފަލަސްޠީނުގެ ކުރިމަތީގައި ބަންދުކޮށް ޔަހޫދީންނަށް ހުޅުވައިދީފައެވެ. 

އިސްރާއީލުގެ މި އަނިޔާވެރިކަމަށް ރައްދު ދިނުމުގެ ގޮތުން ޣައްޒާއިން ރޭ ވަނީ ރޮކެޓް ޙަމަލާތަކެއް ދީފައެވެ.މި ރޮކެޓްތަކުގެތެރެއިން ރޮކެޓެއް ސަދީރޫތުގެ ކާރުޚާނާއަކަށް ވެއްޓުނު ކަމަށް އިސްރާއީލުން ބުންޏެވެ. މި ޙަމަލާގެ ސަބަބުން މީހަކަށް ގެއްލުމެއް ނުލިބެއެވެ. އެހެނަސް ކާރުޚާނާއަށް ކުޑަކޮށް ގެއްލުން ލިބުނެވެ. 

އިސްރާއީލުގެ ބާރުތައް އަޤްޞާ މިސްކިތަށް އަރައިގަނެ އެތާނގެ ޙުރްމަތް ކެނޑުމުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި އިސްރާއީލާ ދެކޮޅަށް އިޙްތިޖާޖުތައް ރޭ ބޭއްވުނެވެ.

ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުގެ ރޮކެޓް  ޙަމަލާއާ ވިދިގެން އިސްރާއީލުން ރޭ ޣައްޒާއަށް ވައިގެ ޙަމަލާތަކެއް ދިނެވެ. މި ޙަމަލާތަކުގެ އަމާޒަކަށް ވެފައިވަނީ ނުޞައިރާތު ފޭލިގެ އަވަށާއި ޣައްޒާ ސަހަރުގެ ދެކުނު ސަރަޙައްދެވެ. ވައިގެ ޙަމަލާތަކުގެ އިތުރަށް ޣައްޒާގެ އުތުރުދެކުނު ސަރަޙައްދަށް ބޮޑު ބަޑިން ވެސް ޙަމަލާދިނެވެ. 

މީގެ އިތުރަށް އިސްރާއީލު ބުނާގޮތުގައި ޣައްޒާއިން ރޭ ފަތިހު 10 ރޮކެޓް ފޮނުވައިލިއެވެ. އިސްރާއީލުގެ ދަގަނޑު ޤުއްބުން ވަނީ މި ރޮކެޓްތަކަށް ހުރަސްއަޅައިފައެވެ.  

ހުޅަނގު އައްސޭރިން ޖަޒީރާ ރިޕޯޓަރު ބުނިގޮތުގައި އިސްރާއީލު ސިފައިން ރޭ ވަނީ ހުޅަނގު އައްސޭރީގެ ނާބްލްސްއަށާއި ޠަލްކަރަމުގެ ނޫރު ޝަމްސު ފޭލިގެ އަވަށާއި ޚަލީލު ސަހަރުގެ އުތުރުގެ ރަށެއްކަމުގައިވާ ބައިތު އައްމަރަށް އަރައިފައެވެ.

އިސްރާއީލު ކުށްވެރިކުރުން

އިސްރާއީލުގެ ބާރުތަކުން އަޤްޞާ މިސްކިތަށް ރޭ ވަދެ އެ ތާނގައި އަޅުކަންކުރަން ތިބި މީހުންނަށް ޙަމަލާދިނުމުން ޤަޠަރުންނާއި އުރްދުނުންނާއި މިޞްރުންނާއި ސުޢޫދީ ޢަރަބިއްޔާއިން އެކަން ވަރަށް ބޮޑަށް ކުށްވެރިކުރިއެވެ. މި ޤައުމުތަކުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާންތަކުގައި އެ މިސްކިތުގެ ޙުރްމަތް ކެނޑުން ވަގުތުން ހުއްޓައިލުމަށް ގޮވާލައިފައި ވެއެވެ.

ބައިނަލްއަޤްވާމީ ދާއިރާއަށް ބަލާއިރު ތުރްކީއާއި އީރާނުން އިސްރާއީލުގެ  މި ޢަމަލު ކުށްވެރިކުރިއެވެ. އިސްލާމީ ޤައުމުތަކުން އިސްރާއީލަށް ރައްދު ދިނުމަށް އީރާނާއި ތުރްކީން ގޮވައިލިއެވެ.   

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *