އަށް އަހަރަށް ފަހުން ޠަހަރާނުން އަބޫ ޡަބްއިއަށް ސަފީރަކު ޢައްޔަންކޮށްފިކަން ރޭ އިޢުލާންކޮށްފިއެވެ. އީރާން ބުނާގޮތުގައި މި އައު ސަފީރު ވަރަށް ކައިރި މުސްތަޤްބަލެއްގައި އަބޫ ޡަބްއިއަށް ވަޑައިގަންނަވާނެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ޢަލީ ބާޤިރީ ހާމަކުރެއްވި ގޮތުގައި އިމާރާތަށް ޢައްޔަން ކުރެވުނު އައު ސަފީރަކީ ރިޒާ ޢާމިރީއެވެ. އީރާނުގެ އިސްނާ ނޫސް އޭޖެންސީ ބުނާގޮތުގައި އޭނާއަކީ އީރާނުގެ ޚާރިޖިއްޔާގައި އީރާނުގެ ރައްޔިތުންގެ ބޭރުގެ މަސްއަލަތަކާ ބެހޭ ޑިރެކްޓަރު ޖެނެރަލެވެ.
ރިޒާ ޢާމިރީއަކީ މީގެކުރިން ޖަޒާއިރާއި ސޫދާނާއި އެރިތުރިޔާ ފަދަ ބައެއް ޤައުމުތަކުގައި ސަފީރުކަން ކުރައްވައިފައިވާ ތަޖްރިބާކާރު ޑިޕްލޮމެޓެކެވެ.

ދެ ޤައުމުގެ އެއްބަސްވުން
އީރާނާއި އިމާރާތާ ދެމެދުގައި 2022ގައި ބޭއްވުނު ވާހަކަދެއްކުންތަކުގެ ސަބަބުން އެ ދެ ޤައުމުގެ ޑިޕްލޮމެޓިކު ގުޅުން ވަނީ ސަފީރުންގެ ފެންވަރަށް މަތިކުރުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމާ ވިދިގެން އީރާނުގައި ހުންނެވި އިމާރާތުގެ ސަފީރު ސައިފު މުޙައްމަދު ޢަބީދުއްޒައްޢާބީ މި ދިޔަ އަހަރު ވަނީ ޠަހަރާނަށް އެނބުރި ވަޑައިގަންފައެވެ.
ކުރިއަށް އޮތް ދަހަރު ތަފާތު ވާނެ
އިމާރާތުގެ ރައީސްގެ މުޝީރު އަންވަރު ޤަރްޤާޝް ވިދާޅުވާގޮތުގައި ފާއިތުވި ދަހަރަށްވުރެ ކުރިއަށް އޮތް ދަހަރު މާރަނގަޅުވާނެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ސަރަޙައްދީ ސިޔާސީ ނުތަނަވަސްކަން ކުޑަކުރުމަށް ޓަކައި އިޤްތިޞާދީ އެއްބާރުލުން ވަސީލަތަކަށް ހެދޭނެއެވެ.
އަންވަރު ޤަރްޤާޝް ވިދާޅުވި ގޮތުގައި ސަރަޙައްދުގައި އިމާރާތަކީ އީރާނާ އިދިކޮޅު ނާރެހުގައި ހިމެނޭ ފަރާތެއްނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދަހަރުގައި ގުޅުންތައް ދެމެހެއްޓުމަށް ޓަކައި ނުތަނަވަސްކަން ކުޑަކުރުން ތަޅުދަނޑިއަކަށް ހެދޭނެއެވެ.



advertisment