ސުޢޫދީ ޢަރަބިއްޔާއާއި އޯޕެކް+ ޖަމާޢަތުގައި ހިމެނޭ އެހެނިހެން ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް ނިންމައިފިއެވެ. އެ ޤައުމުތަކުން މި ކަން ކުރަނީ އެއްވެސް މަޖްބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައެވެ.
ސުޢޫދީ ޢަރަބިއްޔާ ބުނާގޮތުގައި މި އަންނަ މޭ މަހުން ފެށިގެން އެ ޤައުމުގައި ދުވާލަކު އުފައްދާ ތެލުން 500 ހާސް ފީފާ މަދުކޮށްލެވޭނެއެވެ. މި މިންވަރަށް ތެޔޮ މަދުކުރުން މި އަހަރު ނިމެންދެން ދެމެހެއްޓޭނެކަމަށް ވެސް ސުޢޫދީ ރަސްމީ ނޫސް އޭޖެންސީ ބުންޏެވެ. މި ކަމުގެ ބޭނުމަކީ ތެލުގެ ބާޒާރަށް ހަމަޖެހުން ގެނައުން ކަމަށް ވެސް ސުޢޫދިޔާއިން ބުންޏެވެ.
ސުޢޫދީ ޢަރަބިއްޔާގެ ހަކަތަޔާ ބެހޭ ވުޒާރާ ބުނާގޮތުގައި މިއީ ތެލުގެ ބާޒާރު ރައްކައުތެރިކުރުމަށް ޓަކައި އަޅައި ރައްކައުތެރިކަމުގެ ފިޔަވަޅެކެވެ. މި ފިޔަވަޅު މި އަޅަނީ ޢޯޕެކްގެ ޤައުމުތަކާއި އޯޕެކުން ބޭރުގެ ޤައުމުތައް އެއްބާރުލައިގެން ގުޅިގެން ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މޮސްކޯއިން ތެޔޮ އުފެއްދުން މަދުކުރާނެ
މޮސްކޯއިން ބުނާގޮތުގައި މި އަހަރު ނިމެންދެން އެ ޤައުމުން ދުވާލަކު އުފައްދާ ތެލުން ވެސް 500 ހާސް ފީފާ މަދުކޮށްލެވޭނެއެވެ.ރޫސީ ބޮޑުވަޒީރުގެ ނައިބު އެލެކްސަންޑަރ ނޮވެކް ވިދާޅުވާގޮތުގައި މޮސްކޯއިން މި ފިޔަވަޅު އަޅަން ނިންމީ ދުނިޔޭގެ ތެލުގެ ބާޒާރަށް ގަޑުބަޑުކަމެއް އަތުވެދާނެތީ ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ޢަރަބި ޤައުމުތަކުން ވެސް ތެޔޮ އުފެއްދުން މަދުކުރާނެ
ސުޢޫދީ ޢަރަބިއްޔާއިން ތެޔޮ އުފެއްދުން މަދުކުރުމަށް ނިންމުމުން އިމާރާތާއި ކުވައިތާއި ޢިރާޤާއި ޢުމާނާއި ޖަޒާއިރުން ވެސް ތެޔޮ އުފެއްދުން މަދުކުރުމަށް ވަނީ ނިންމައިފައެވެ.އިމާރާތުގެ ތެލާއި ބިނާރާ ބެހޭ ވަޒީރު ސުހައިލުލް މަރްޒޫޤީ ހާމަކުރެއްވި ގޮތުގައި އެ ޤައުމުން ދުވާލަކު އުފައްދާ ތެލުން 144 ހާސް ފީފާ މަދުކޮށްލެވޭނެއެވެ.އިމާރާތުން ބުނިގޮތުގައި އެ ޤައުމުން މިފިޔަވަޅު އެޅުމަށް ނިންމީ އޯޕެކް+ގެ ޤައުމުތަކާއެކު ވިލަރެސްކޮށްގެންނެވެ. އިމާރާތުން ބުނިގޮތުގައި މިއީ 2022ގެ އޮކްޓޯބަރުގައި އޯޕެކް+ގެ ޤައުމުތަކުގެ 33ވަނަ ބައްދަލުވުމުގައި އެއްބަސްވެފައިވާ އުޞޫލާ އެއްގޮތަށް އެޅި ފިޔަވަޅެކެވެ.
ކުވައިތުން އެ ޤައުމުގެ ތެލާބެހޭ ވަޒީރު ބަދްރުލް މުއްލާ ހާމަކުރެއްވި ގޮތުގައި އެ ޤައުމުގައި އުފައްދާ ތެލުން ދުވާލަކު 128 ހާސް ފީފާ މަދުކުރެވޭނެއެވެ.
މި ޤައުމުތަކާއެކު އެއްބާރުލުމުގެ ގޮތުން ޢިރާޤު ބުނާގޮތުގައި އެ ޤައުމުން އުފައްދާ ތެލުން ދުވާލަކު 211 ހާސް ފީފާ މަދުކުރެވޭނެއެވެ. ޢުމާނުން ބުނާގޮތުގައި އެ ޤައުމުން ދުވާލަކު އުފައްދާ ތެލުން 40 ހާސް ފީފާ މަދުކޮށްލެވޭނެއެވެ. ޖަޒާއިރު ބުނާގޮތުގައި އެ ޤައުމުން އުފައްދާ ތެލުން ދުވާލަކު 48 ހާސް ފީފާ މަދުކުރެވޭނެއެވެ. މި ހުރިހާ ޤައުމުތަކެއް ވެސް ބުނާގޮތުގައި މި ފިޔަވަޅު މިއަޅަނީ އޯޕެކް+ގެ ޤައުމުތަކާއެކު ވިލަރެސްކޮށްގެންނެވެ. މަޤްޞަދަކީ ތެލުގެ ބާޒާރު ޙިމާޔަތްކޮށް ރައްކައުތެރިކުރުމެވެ.



advertisment