Support Us

ޝައިޚު މަންޞޫރު ބިން ޒާއިދު

އިމާރާތުގެ ނައިބު ރައީސް ކަމަށް ރައީސްގެ ކޮއްކޯފުޅު 

އެކުވެރި އަރަބި އިމާރާތުގެ ރައީސް ޝައިޚު މުޙައްމަދު ބިން ޒާއިދު އާލު ނަހްޔާން އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ޝައިޚު މަންޞޫރު ބިން ޒާއިދު އިމާރާތުގެ ނައިބު ރައީސްކަމަށް އިއްޔެ އިސްކުރައްވައިފިއެވެ.

އިމާރާތުގެ ނޫސް އޭޖެންސީ ބުނާގޮތުގައި މި މަޤާމަށް ޝައިޚު މަންޞޫރު އިސްކުރެއްވީ ދުބައިގެ ވެރިޔާ މުޙައްމަދު ބިން ރާޝިދު އެ މަޤާމުގައި ބަހައްޓަވައިގެން އިތުރު ނައިބެއްގެ ގޮތުގައެވެ. ޝައިޚު މަންޞޫރު ބޮޑުވަޒީރުގެ ނައިބު ކަމުގައްޔާއި ރިޔާސީ އޮފީހުގެ ވަޒީރުކަމުގައި ވެސް ދެމިހުންނަވާނެއެވެ. އިމާރާތުގެ ބޮޑުވަޒީރަކީ ދުބައިގެ ޙާކިމު މުޙައްމަދު ބިން ރާޝިދު އާލު މަކްތޫމެވެ.

އަބޫ ޡަބްއިގެ ޙާކިމުގެ ހައިސިއްޔަތުން ޝައިޚު މުޙައްމަދު ބިން ޒާއިދު އޭނާގެ ދަރިކަލުން ޝައިޚު ޚާލިދު ބިން މުޙައްމަދު އަބޫ ޡަބްއިގެ ވަލީ ޢަހްދުކަމަށް ވެސް އިއްޔެ އިސްކުރެއްވިއެވެ. ޝައިޚު ޚާލިދަކީ އަބޫ ޡަބްއިގެ ތަންފީޒީ މަޖިލީހުގެ މެންބަރެއް ވެސް މެއެވެ.

އިމާރާތުގެ ރައީސް އިއްޔެ ވަނީ އޭނާއާ އެއްބަނޑުއެއްބަފާ ދެ ކޮއްކޯފުޅުން ކަމުގައިވާ ޝައިޚު ހައްޒާޢު ބިން ޒާއިދާއި ޝައިޚު ޠަޙްނޫން ބިން ޒާއިދު އަބޫ ޡަބްއިގެ ޙާކިމުގެ ނައިބުންކަމަށް ހަމަޖައްސަވައިފައެވެ.

އިމާރާތުގެ އިއްތިޙާދީ އެންމެ މަތީ މަޖިލީހުން ޝައިޚު މުޙައްމަދު ބިން ޒާއިދު އިމާރާތުގެ ރައީސްކަމަށް އިސްކުރީ މިދިޔަ އަހަރުގެ މޭ މަހުގެ 14ވަނަ ދުވަހުއެވެ. އޭނާގެ ބޭބޭފުޅު ޝައިޚު ޚަލީފާ ބިން ޒާއިދު އަވަހާރަވުމުންނެވެ. އިއްތިޙާދީ އެންމެ އިސް މަޖިލީހުގައި ތިއްބަވާނީ އިމާރާތުގެ ހަތް ސަރަޙައްދުގެ ޙާކިމުންނެވެ. މިއީ ދުސްތޫރީ އެންމެ ބާރުގަދަ މަޖިލީހެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *