ޝަންގހައި އެއްބާރުލުމާ ބެހޭ ޖަމާޢަތުގައި ސުޢޫދީ ޢަރަބިއްޔާ ބައިވެރިވުމުގެ ރުހުން އެ ޤައުމުގެ ކެބިނެޓުން މިއަދު ދީފިއެވެ.
ސުޢޫދީ ނޫސް އެޖެންސީ ބުނާގޮތުގައި ޝަންގހައި އެއްބާރުލުމުގެ ޖަމާޢަތުގައި ސުއޫދީ ތަމްސީލްކުރާނީ "ބައިވެރިއެއްގެ" ދަރަޖައިގައެވެ.
ޝަންގހައި އެއްބާރުލުމުގެ ޖަމާޢަތަކީ ސިޔާސީ އަދި ސަލާމަތީ މަޖާލުތަކުގައި އެއްބާރުލުން ޤާއިމުކުރުމާ ބެހޭ ޖަމާޢަތެކެވެ. މި ޖަމާޢަތުގައި ޗައިނާއާއި އިންޑިޔާއާއި ރަޝިޔާ ފަދަ އާބާދީ ބޮޑު ޔޫރޯޝިޔާގެ ޤައުމުތައް ހިމެނެއެވެ.
މި ޖަމާޢަތް އުފެދުނީ 2001ވަނަ އަހަރުއެވެ. އޭރު މި ޖަމާޢާތުގެ މެންބަރު ޤައުމުތަކަކީ ރަޝިޔާއާއި ޗައިނާއާއި ކުރީގެ ސޮވިއެޓް ޔުނިއަންގައި ހިމެނޭ މެދުތެރޭ އޭޝިޔާގެ ޤައުމުތަކެވެ. އެއަށްފަހު އިންޑިއާއާއި ޕާކިސްތާނު މި ޖަމާޢަތުގައި ބައިވެރިވިއެވެ. މި ދިޔަ އަހަރު އީރާނަށް ވަނީ މި ޖަމާޢަތުގެ ފުރިހަމަ މެންބަރުކަން ލިބިފައެވެ.
ރޮއެޓަރޒް ބުނާގޮތުގައި ސުޢޫދީ ޢަރަބިއްޔާ މި ޖަމާޢަތުގައި ބައިވެރިވުމާ ބެހޭ ގޮތުން ރައީސް ޝީ ސުއޫދީއަށް ކުރެއްވި ދަތުރުފުޅުގައި ބަހުސްކުރެއްވިއެވެ. ސުޢޫދީ ޢަރަބިއްޔާ މި ވަގުތު އެ ޖަމާޢަތަށް މި ވަންނަނީ "ބައިވެރިއެއްގެ" މެންބަރު ކަމުގައެވެ. ވަރަށް ކައިރި މުސްތަޤްބަލެއްގައި ރިޔާޟަށް ފުރިހަމަ މެންބަރުކަން ލިބޭނެ ކަމަށް ރޮއެޓަރޒް ބުންޏެވެ.
ސުޢޫދީ އެންމެ ބޮޑު ތެޔޮ ކުންފުނިން އިއްޔެ ހާމަކުރި ގޮތުގައި މި ކުންފުނިން ޗައިނާގައި ވަރަށް އަވަހަށް އެތައް މަޝްރޫޢުތަކެއް ތަންފީޒުކުރާން ފަށާނެއެވެ. އިރުމަތީ ޗައިނާގައި ޗައިނާގެ ކުންފުނިތަކާ ގުޅިގެން ހިންގާ މި މަޝްރޫޢުތަކަށް އެތައް ބިލިއަން ޑޮލަރުތަކެއް ވުނަކުރެވޭނެ ކަމަށް ވެސް އަރަމިކޯ އިން ބުންޏެވެ.



advertisment