Support Us

އެކުގައިވާ ތިން މަހާނަ

މަތީގައިވާ ފޮޓޯގައި އެ ވަނީ ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ތިން ބޭފުޅެއްގެ ތިން މަހާނައެވެ. މި މަހުގެ ތިން ދުވަހެއްގައި އަވަހާރަވި ތިން ބޭފުޅުންނެވެ. އެހެން ނަމަވެސް އާ ސަހަރާގައި މި ތިން ބޭފުޅުންގެ މަހާނަ މިހިރީ ޖެހިޖެހިގެންނެވެ. އާ ސަހަރާގައި މީހުން ވަޅުލަމުން އަންނަ ގޮތަށް ބަލާއިރު މި ތިން މަހާނަ ޖެހިޖެހިގެން ހުންނަ ގޮތް ދިމާވެފައިި މިވަނީ އިއްތިފާޤަކުން ކަމަށް ބެލެވެއެވެ.

ފޮޓޯގެ ކަނާތް ފަރާތުގައި އެވާ މަހާނައަކީ 13 މާރިޗުގައި އަވަހާރަވި ގ. އަރިސް، އަލްމަރުޙޫމް ޢަބްދުﷲ ޢަލީ ނަޞީރު، 81، ގެ މަހާނައެވެ. އެއީ އަތޮޅުތަކާ ބެހޭ ވުޒާރާގައި ޚިދުމަތްކުރެއްވި ބޭފުޅެކެވެ. އަތޮޅުތައް ހިންގެވުމުގެ ތަޖުރިބާކާރެކެވެ. ހިތްތިރި، މަޑުމައިތިރި ޝަޚްޞިއްޔަތެކެވެ.

މެދަށް މިހިރީ 22 މާރިޗުގައި އަވަހާރަވި ގ. އޯކަމް، އަލްމަރުޙޫމް އިބްރާހީމް މުޙައްމަދު މަނިކު (އިސްތަފާ އިބްރާހީމް މަނިކު)ގެ މަހާނައެވެ. އިސްތަފާ، 83، އަކީ ދިފާޢީ ވުޒާރާގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވި އިދާރީ ހިންގުންތެރިއެކެވެ. ޤައުމުގެ އެތެރޭގެ ސުލުހައާއި އަމަން އަމާންކަމާ ގުޅޭ ތަފާތު މަޤާމުތައް ފުރުއްވި، ސަރުކާރަށް ވަފާތެރި ބޭފުޅެކެވެ. ޖަލު ބެލެހެއްޓުމާ ބެހޭ އެންމެ އިސް ވެރިޔަކަށް ވެސް ގިނަ ދުވަސްތަކަކު ހުންނެވިއެވެ.

ފޮޓޯގެ ވާތް ފަރާތުގައި މިހިރަ މަހާނައަކީ 27 މާރިޗުގައި އަވަހާރަވި ގ. ހާއުފާ، އަލްމަރުޙޫމް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރު (ދޮން އެނބޫ ޅަހުއްތު)ގެ މަހާނައެވެ. ވާފިރު، 71، އަކީ ސިފައިންގެ ބޭފުޅެއްގެ ގޮތުގައި 41 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިޚްލާޞްތެރި އޮފިސަރެކެވެ.

މި ތިން ބޭފުޅުންގެ ޝަޚްޞިއްޔަތުން ވެސް ފާހަގަވާ އެއްގޮތް އެއްކަމަކީ މި ބޭފުޅުންގެ މަޑުމައިތިރިކަމެވެ. ދިވެހި ސަރުކާރަށް ދިގު މުއްދަތެއްގައި ކުރެއްވި ޚިދުމަތަށްފަހު ވެސް މި ބޭފުޅުންގެ ފަރާތްޕުޅުން ފެނިގެންދިޔައީ އެ މަޑުމައިތިރި ކަމެވެ. ފަހަކަށް އައިސް މި ބޭފުޅުން ފެންނަމުންދިޔައީ މިސްކިތްތަކުންނާއި ޢުމުރާ ފަދަ މަތިވެރި އަޅުކަންތަކުންނެވެ. އުމުރުގެ ބޮޑު ބައެއް ދައުލަތަށް ޚިދުމަތް ކުރެއްވުމަށް ހުސްކޮށްލެވުމަށްފަހު، އުމުރުގެ އަނެއްބައި ޢާއިލާއަށް ހިބަކޮށްދެއްވި ތަނެވެ.

މި މަރުހޫމުންގެ ފާފަފުއްސަވައި ފުރާނަތަކަށް ރަހުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *