އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ގެންނަވަން މަސައްކަތްކުރައްވާ ޤަޟާއީ އިޞްލާޙުތަކުގެ ބިލާހެދި ސިޔާސީ އިދިކޮޅު ޙަރަކާތްތަކުގެ ފިއްތުންތަކާއި އޭނާގެ ސަރުކާރުގެ ކޯލިޝަން ހިމެނޭ ބައެއް ޕާޓީތަކުގެ ފިއްތުންތައް އިތުރުވަމުންދާ ވަގުތެއްގައި އިސްރާއީލުގައި ހަޅުތާލުތައް ޢާންމުވެ ޙަރަކާތް މުޅިން ވާ ވެއްޖެއެވެ.
މި ހަޅުތަޅުތަކުގެ ސަބަބުން ވަޔާއި ކަނޑުގެ ދަތުރުފަތުރުތައް ހުއްޓި އިޤްތިޞާދު ވަނީ ވާވެފައެވެ. މީގެ އިތުރަށް ޔުނިވަރސިޓީތަކާއި މަތީ ތަޢުލީމުދޭ މަރްކަޒުތައް ވެސް ވަނީ ބަންދުކޮށްފައެވެ.
އިސްރާއީލުގައި ރޭ ބޭއްވި އެތައް ލައްކަ ބަޔަކު ބައިވެރިވި މުޒާހަރާތައް މިއަދު ހެނދުނާ ހަމައަށް ކުރިއަށް ދިޔައެވެ. މި މުޒާހަރާތައް ތައްލު އަބީބާއި ޤުދުސު ފަދަ މައި ސަހަރުތަކުގައި ބާއްވައިފައިވަނީ ނަތަންޔާހޫ އޭނާގެ ދިފާޢީ ވަޒީރު ޔުއާފު ގެލެންޓް މަޤާމުން ވަކިކުރެއްވުމާއި ޤަޟާއީ އިސްލާހުތަކާ ބެހޭ ބިލާ ދެކޮޅު ހަދާކަން ފާޅުކުރުމަށް ޓަކައެވެ. މި ބިލާ ދެކޮޅަށް އިސްރާއީލުގައި އެތައް ލައްކަ ބަޔަކު މުޒާހަރާތައް ކުރަމުންދާތާ 12 ހަފުތާ ވެއްޖެއެވެ.
ޤަޟާއީ އިޞްލާޙުތަކާ ހެދި ޝާމިލު ތަޅުލުމެއް
ނަތަންޔާހޫގެ ޤަޟާއީ އިޞްލާޙުގެ ބިލާ ދެކޮޅުހެދުމަށް ޓަކައި އިސްރާއީލުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، ޑޭވިޑް ބެން ގޯރިއަން ވައިގެ ބަނދަރު މިއަދު ވަނީ ބަންދުކޮށްފައެވެ. ފުރާ ބޯޓަކަށް އަދި އަންނަ ބޯޓަކަށް ވެސް ދަތުރު ނުކުރެވޭނެކަން ވަނީ އިޢުލާންކޮށްފައެވެ. މި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ޖަމްޢިއްޔާގެ ރައީސް ބެން ޝާޝް އީދާން ވައިގެ ބަނދަރުން ފުރުން މަނާކުރުމަށް ވަނީ އަމުރުކުރައްވައިފައެވެ. އޭނާ އިސްރާއީލުގެ ރޭޑިއޯއަށް ވިދާޅުވިއެވެ. "މިހާރުން ފެށިގެން އެއްވެސް ބޯޓަކަށް ނުފުރޭނެއެވެ."
ޓައިމްސް އޮފް އިސްރާއީލު ބުނާގޮތުގައި އޭނާ ވިދާޅުވިއެވެ. "ބޯޓުފަހަރުގެ ދަތުރުތައް ވަގުތުން ހުއްޓުވުމަށް އަހުރެން ވާނީ އަމުރުކޮށްފައެވެ." އޭނާ މި ހަޅުތާލުގެ މުއްދަތެއް ވިދާޅެއް ނުވެއެވެ.
ނަތަންޔާހޫ ގެންނަވަން މަސައްކަތް ކުރައްވާ ޤަޟާއީ އިޞްލާޙުތަކާ ބެހޭ ބިލް ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާތީ އެކަމާ ދެކޮޅު ހެދުމަށް ޓަކައި އިސްރާއީލުގެ މަސައްކަތުމީހުންގެ އިއްތިޙާދުން މިއަދު ވަނީ އިޤްތިޞާދީ ހުރިހާ ތަންތަނެއްގައި މަސައްކަތް ކުރުން ހުއްޓައިލައިފައެވެ. މި އިއްތިޙާދުގެ ރައީސް ބާރު ޑޭވިޑް މިއަދު ދެއްވި ބަޔާނުގައި ދިފާޢީ ވަޒީރު ގެލެންޓަށް އަލުން ވަޒީރުކަންދެއްވުމަށާއި ޤަޟާއީ އިޞްލާޙާ ބެހޭ ބިލް ބަރްލަމާނުން ބޭރަށް ގެންދެވުމަށް ގޮވައިލެއްވިއެވެ.
ބާރު ޑޭވިޑް އިސްރާއީލުގެ ރޭޑިއޯއަށް ވިދާޅުވިއެވެ. "އަހުރެންމެންގެ ބަސް އަޑުއަހަން ވީ ވަގުތު އަތުވެއްޖެއެވެ. ތިބާއަށް ވެސް ކަންތައް ކުރެވޭނީ ވަކި ޙައްދެއްގެ ތެރޭގައެވެ." އޭނާ ވިދާޅުވިގޮތުގައި "ޢާންމު ހަޅުތާލަކަށް ނުގޮސްވޭތޯ އެ އިއްތިޙާދުން މަސައްކަތް ކުރިއެވެ. އެހެނަސް ޤައުމު ބައިބައިގެންދާއިރު އަހުރެމެންނަށް ވެސް މަޑަކުން ނޯވެވޭނެއެވެ."
ޓައިމްސް އޮފް އިސްރާއީލު އޭނާއާ ޙަވާލާދީ ބުންޏެވެ. "އިސްރާއީލުގެ ކުރިމަގާމެދު އަހުރެމެން އެންމެން ވެސް ކަންބޮޑުވަމެވެ.ފުދިއްޖެއެވެ. ފިހާރަތަކާއި ކާރުޚާނާތައް ބަންދުކުރެވޭނެއެވެ. "
ޑަކްޓަރުން ހަޅުތާލަށް ދަނީ
އަނެއްކޮޅުން އިސްރާއީލުގެ ޑަކްޓަރުންގެ ޖަމްޢިއްޔާ ބުނާގޮތުގައި ނަތަންޔާހޫ ގެންނަވަން ބޭނުންފުޅުވާ ޤަޟާއީ އިޞްލާހުތައް ގެންނެވުން ހުއްޓައިލައްވަންދެން ޑަކްޓަރުން މިއަދު ފަށަ ހަޅުތާލު ކުރިއަށް ދާނެއެވެ. މ ހަޅުތާލުގައި ސަރުކާރުގެ ހުރިހާ ހަސްފަތާލުތަކަކާއި ޢާންމު ހުރިހާ ކްލިނިކްތަކެއް ބަންދު ކުރެވޭނެއެވެ. ޞިއްޙީ އެއްވެސް ޚިދްމަތެއް ނުލިބޭނެއެވެ. ޟަރޫރީ ފަރުވާއެއް މެނުވީއެވެ. އެއީ ޟަރޫރީ ކަމެއްތޯ ކަނޑައަޅާނީ ޚާއްޞަ ބޯޑަކުންނެވެ."
ޑަކްޓަރުންގެ ޖަމްޢިއްޔާގެ ރައީސް ޕްރޮފެސަރ ތިސްޔޫން ޙާގާއި ވިދާޅުވާ ގޮތުގައި "ރަނގަޅު މުޖްތަމަޢެއްގެ އަސާސަކީ ދީމުޤްރާޠީ ނިޒާމާއި މިނިވަން ޤަޟާއީ ނިޒާމާއި ތަރައްޤީވެފައިވާ ޞިއްޙަތާ ބެހޭ ޚިދްމަތް ދޭ ނިޒާމެވެ. ފުދިއްޖެއޭ ބުނަންޖެހޭ ވަގުތު އަތުވެއްޖެއެވެ."
ރަށްރަށުގެ ވެރީން ހައިހޫނުކަމުގެ ހަޅުތާލެއް ފަށްޓަވަނީ
އިސްރާއީލުގައި ފެށިފައިވާ މި ހަޅުތާލުގައި އިސްރާއީލުގެ ކުދިކުދި ރަށްރަށުގެ ވެރީން ބައިވެރިވެ ވަޑައިގަންނަވާނެ ކަން މިއަދު އިޢުލާނުކުރެއްވިއެވެ. މި ރަށްރަށުގެ މެޔަރުން ވިދާޅުވާގޮތުގައި އެބޭފުޅުން ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީސް ކުރިމަތީގައި ހައިހޫނުކަމުގެ ހަޅުތާލެއް މިއަދު ފަށްޓަވާނެއެވެ. އެއީ އިސްރާއީލާ ކުރިމަތިވަމުންދާ ކާރިސާއިން ޤައުމު ސަލާމަތް ކުރުމަށް ޓަކައި ތެދުވުމަށް ސަރުކާރަށް ގޮވައިލެއްވުމަށެވެ.
ޔުނިވަރސިޓީތައް ބަންދު ކޮށްފި
ނަތަންޔާހޫގެ ޤަޟާއީ އިޞްލާޙާ ބެހޭ ބިލާ ދެކޮޅު ހެދުމުގެ ގޮތުން އިސްރާއީލުގެ ޔުނިވަރސިޓީތައް މިއަދުން ފެށިގެން ބައްދަލު ކުރެވޭނެކަމަށް އެ ޔުނިވަރސިޓީތަކުގެ ރައީސުން ރޭ ވަނީ އިޢުލާން ކުރައްވައިފައެވެ. މި ޔުނިވަރސިޓީތަކުގެ ރައީސުން ނަތަންޔާހޫއަށް މި ބިލް ފާސްކުރުމުމގެ މަސައްކަތް ވަގުތުން ހުއްޓަވައިލެއްވުމަށް ގޮވައިލެއްވިއެވެ. އިސްރާއީލުގެ ޔުނިވަރސިޓީތަކާއި މަތީ ތަޢުލީމުދޭ މަރްކަޒޫތައް ދެން ހުޅެވޭނީ ކޮން ދުވަހަކުން ކަމެއް އެ ބޭފުޅުން ހާމައެއް ނުކުރައްވައެވެ.



advertisment