Support Us

ހުޅަނގުން ޔުކްރޭނަށް ޔޫރޭނިއަމް އުންޑަ ދީފިނަމަ ރަޝިޔާއިން ވެސް އެ ހަތިޔާރު ނަގާނެ: ޕޫޓިން

ފަންވަރު ދެރަ ޔޫރޭނިއަމް (depleted uranium) އުންޑަ ހުޅަނގުން ޔުކްރޭނަށް ދީފިނަމަ ރަޝިޔާއިން ވެސް އެ ހަތިޔާރު ޔުކްރޭނުގައި ބޭނުންކުރާނެކަމުގެ އިންޒާރު ރޫސީ ރައީސް ޕޫޓިން ދެއްވައިފިއެވެ.

ރަޝިޔާގެ ރަސްމީ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕޫޓިން ވިދާޅުވިއެވެ. "ރަޝިޔާ އަތުގައި ރައްދު ދެވޭނެ ވަސީލަތްތައް އެބަ ހުށްޓެވެ. އަހުރެމެން އަތުގައި އެ ބާވަތުގެ އުންޑައިގެ އެތައް ހާހެއް އެބަހުއްޓެވެ. މިއީ ފޮނިތޮށިކާފޫރުތޮޅި އަޅައިގެން ކަންބޮޑުކޮށްލައިގެން ދައްކާ ވާހަކައެއް ނޫނެވެ."

އިނގިރޭސި ވިލާތުގެ ދިފާޢީ ވަޒީރުގެ ނައިބު މިދާކަށް ދުވަހު ވަނީ ޔުކްރޭނަށް ފަންވަރު ދެރަ ޔޫރޭނިއަމުގެ އުންޑަތައް ލަންޑަނުން ދޭނެކަމަށް ވިދާޅުވެފައެވެ. ޕޫޓިން ހުޅަނގަށް އިންޒާރުދެއްވަމުން ވިދާޅުވި ގޮތުގައި "މި ހަތިޔާރަކީ ވެށްޓަށާއި އިންސާނުންނަށް ނުރައްކާތެރިކަން ބޮޑު ހަތިޔާރެކެވެ."

ފަންވަރުދެރަ ޔޫރޭނިއަމު އުންޑައަކީ އާޓިލަރީ އުޅަނދުތަކާއި ޓޭންކުތައް ވަރަށް ފަސޭހައިން ފޫއަޅުވައިލުމުގެ ޤާބިލުކަން ލިބފައިވާ ހަތިޔާރެކެވެ. މިއީ އެ ބޭނުންކުރާ ސިފައިންނަށާއި އެ ސަރަޙައްދުގެ ޢާންމުންނަށް ވަރަށް ގެއްލުން ބޮޑު ވިހަ ހަތިޔާރެކެވެ.

ފަންނީ ނިޔްކްލިޔަރ ހަތިޔާރުތައް

މި މައުޟޫޢުގެ ސިޔާޤުގެ ތެރޭގައި ރައީސް ޕޫޓިން ރޭ އިޢުލާންކުރެއްވި ގޮތުގައި ރަޝިޔާއިން އަވަށްޓެރި ބިލޫރޫސިޔާގައި ފަންނީ ނިޔުކްލިޔަރ ހަތިޔާރު ބަހައްޓަން މިހާރު ވަނީ ނިންމައިފައެވެ.ރައީސް ޕޫޓިން ވަނީ ނިޔުކްލިއަރ ހަތިޔާރު ބޭނުންކުރައްވަން ޖެހިވަޑައިގަންފިނަމަ ބޭނުން ކުރައްވާނެ ކަމުގެ އިންޒާރު ނުސީދާކޮށް ދެއްވައިފައެވެ. ޕޫޓިން ވިދާޅުވިއެވެ. "އެމެރިކާއިން ދަނީ މީގެ އެތައް ދަހަރަކުން ފެށިގެން އެކަން ކުރަމުންނެވެ. އެމެރިކާއިން އެ ޤައުމުގެ ބައިވެރީންގެ ބިންތަކުގައި ފަންނީ ނިޔުކްލިއަރ ހަތިޔާރު ބަހައްޓައިފައި އެބަ ހުށްޓެވެ. އެހެންވީމާ އަހުރެމެން އެ ފަދަ ހަތިޔާރު ބެހެއްޓުމަކީ އާދަޔާ ޚިލާފު ކަމެއް ނޫނެވެ." ޕޫޓިން ވާހަކަފުޅު ކުރިއަށްގެންދަވަމުން ހާމަކުރެއްވި ގޮތުގައި އެކަމަށް މިންސްކް ވަނީ އެއްބަސްވެފައެވެ.

ރައީސް ޕޫޓން ވިދާޅުވި ގޮތުގައި ނިޔުކްލިއަރ ހަތިޔާރު ފެތުރުން މަނާކުރާ މުޢާހަދާއާ ޚިލާފުނުވާ ގޮތަށް އަހުރެމެން ވެސް ވާނީ ބިލޫރޫސިޔާގައި ފަންނީ ނިޔުކްލިއަރ ހަތިޔާރު ބޭނުންކުރެވޭ ގޮތަށް 10 މަތިންދާބޯޓު ތައްޔާރުކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަންނަ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ޓީމުތަކަށް ތަމްރީންދޭން ފެށޭނެއެވެ. އަދި ޖުލައި މަހުގައި ބިލޫރޫސިޔާގައި ފަންނީ ނިޔުކްލިއަރ ހަތިޔާރުތައް ބެހެއްޓުމަށް ބޭނުންވާ ގުދަންތައް ހަދައި ނިމޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *