މަތީގައި އެ ފެންނަނީ 2015ގައި އެންމެ ގިނަ ބަޔަކަށް އަސަރުކުރުވި ތަސްވީރޭ ބުނެވޭ ތަސްވީރެވެ. ސީރިޔާގައި ކުއްޖެއްގެ ފޮޓޯއެއް ނެގުމަށް ކެމެރާ ދިއްކޮށްލުމުން، ކެމެރާއަކީ ކޮންމެވެސް ކަހަލަ ހަތިޔާރެއް ކަމަށް ހީކޮށް އެކުއްޖާފުޅު ބިރުން ދެއަތް މައްޗަށް ނަގައި އަމާންދޭ ތަނެވެ. އާދެ، ލޮލުން ކަރުނަ ފާއްދާލާ ތަސްވީރެކެވެ!
މި ތަސްވީރު ކިޔައިދޭ ވާހަކައަކީ ކޮބާ ހެއްޔެވެ؟ ތަނުގެ ސިޔާސީ ނިޒާމު ފޭލިވެފައިވާ ވާހަކައެވެ. ގައުމުގެ ސިޔާސީ ވެރިންނަކީ ތަން ހިންގުމަށް އިސްކުރެވިފައިވާ ބަޔެއް ކަމުގައި ވީ އިރުވެސް، އެވެރިން، ގައުމަކީ އެމީހުންގެ އަމިއްލަ ތަރިކަ މުދަލެއްކަމަށް ދެކި، ހަމަ އެކަނި، އެމީހުންގެ ޒާތީ މަސްލަހަތު ރައްކާތެރިކޮށް، ވެރިކަމުގައި މުޅި އުމުރަށް ހުރުމުގެ ހިތި ނަތީޖާގެ ވާހަކައެވެ. އެކަމުގެ ސަބަބުން، މުޅި ގައުމު ބައިބައިވެ، ގައުމު ހަލާކުވެ، ގައުމު ނެތި ދިިޔުން މެދުވެރިވެދާނޭ ވާހަކައެވެ. ގައުމުގެ މުސްތަގުބަލު ބަނަވެ، ޚާއްސަ ގޮތެއްގައި ކުޑަކުދިންގެ ކުރިމަގު ގެއްލިގެންދާ ގޮތުގެ ވާހަކައެވެ!
މިއީ ހަމަ އެކަނި ސީރިޔާގެ ވާހަކައެއް ނޫނެވެ. މި ނަންގަތް ގޮތަށް ކަންތައްތައް ކުރާ ވެރިން ތިބޭ ހުރިހާ ތަނެއްގެ ވާހަކަ ވެސް މެއެވެ. މިކަމުން އިބުރަތް ލިބިގަނެ، ވެރިކަމަކީ އެއްވެސް ބަޔެއްގެ ހައްގެއް ނޫންކަމާއި، އެއީ މުގައްދަސު އަމާނަތެއްކަމުގައި ދެކިގެން، އެ އަމާނަތް ތެދުވެރިކަމާ އެކު ރައްކާތެރިކޮށް، ވެރިކަމުގެ މަސްއޫލިއްޔަތު އެންމެ ހެޔޮ ގޮތުގައި އުފުލައި، ގައުމާއި ރައްޔިތުންނަށް ޚިޔާނަތްތެރިނުވެ ޒިންމާދާރު ގޮތެއްގައި ވެރިންގެ ވާޖިބު އަދާކޮށް، އަދުލުވެރި ހެޔޮ ވެރިކަމެއް ހިންގާލާނީ ކޮން ބައެއްބާވައެވެ؟
