
މިއީ ޤައުމީމަލޭ ލޮބުވެތި ދިވެހިޤައުމުގެ ޤަދަރުވެރިމާ
މިއީ ވަސްމީރު ފިޔާތޮށި ފަރި ނުހަނު ކުލަރީތި ފިނިފެންމާ
މަލުގެ ބޭނުން އިހުގެ ދިވެހިން ކުރޭ ބޭހާ އެތައް ކަމަކަށް
މަލުގެ ފަރިކަން ދުށުން ނޫނަސް އެދޭ ލިބުމަށް އެ ފިނިފެންމާ
މަލެއް ޤައުމީ އެކަށައެޅުމަށް ކުރައްވައި ބަޙުޘު ކެބިނެޓުގައި
މަލެއް ކަމުގައި ދިވެހިޤައުމުގެ ޝަރަފު ދެއްވެވި އެ ފިނިފެންމާ
މިމަތިވެރި ޝަރަފު ލިބިފައިވީ އެތައް އަހަރެއް ކުރިން ނަމަވެސް
ބިމުން ހުރިހައި ރަށެއްގައި ހެދި ޤަދަރުދެވިފައިވި ފިނިފެންމާ
ކުރާ ޖަލްސާ ތަކާ ޤައުމީ އެފަދަ ހުރިހައި މުނާސަބަތަށް
ކުރާ ތައްޔާރު ދަސްތާގައި ވަނީ ފޮޅިފައި މި ޤައުމީމާ
ޤަދަރުޝަރަފާ އެއިރު އެލިބުނު އެމަތިވެރި ފަޚުރުނެތި ދިއުމުން
ހަނދުމަވާ ކޮންމެ ފަހަރަކު އަދު ރޮވެޔެގިސްލާ މި ޤައުމީމާ
މިހާރު އަޅާލުމެއް ނުލިބޭ ނެތޭ ޙާލެއް ބަލާ މީހެއް
މިޙާލުޖެހެން ޖެހުނު ސަބަބެއް ނުވިސްނުނުމީ އެޤައުމީމާ
ނެތީކީ ނޫނެބިން ރަށުގައި އެހެން ހުރިހައި ގަހެއް ހައްދާ
ނެތީ ޝައުޤާއި ހައްދާ ހިތް ކަމަށް ބުނަމޭ މިޤައުމީ މާ
އަލަށްބޮޑުވާ ޒުވާން ޖީލަށް އެނގޭބާ ކޮން މަލެއް ކަންމީ
މަލެއް ފެނިފައި ނުވާހާ މަދު މިއަދު ވެއްޖޭ މިޤައުމީމާ
ހިނގާ ހައްދާ މިމާ އާލާ ކުރަންއާ ހިތްވަރެއް ލައިގެން
އަގާ ޤަދަރާ ޝަރަފުމަތިވެރި ކުރަން ޤައުމީ މިފިނިފެންމާ
މަލޭ ޤައުމީ މިއީ ފިނިފެން މިއީ ރަމްޒޭ ދިވެހި ޤައުމުގެ
މަލުން ސިފަކޮށްދެނީ ޤައުމޭ ދިވެހި ޤައުމީ މިފިނިފެންމާ
