ސޫރިޔާގެ މަސްއަލައާ ބެހޭގޮތުން ހަތަރު ޤައުމެއްގެ ބައްދަލުވުމެއް މޮސްކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރަޝިޔާއިން ބުނެފިއެވެ.
މި މަހު 15ން 16 ށް ބާއްވާ މި ބައްދަލުވުންތަކުގައި ބައިވެރިވާނީ ރަޝިޔާއާއި ތުރްކީއާއި އީރާނާއި ސޫރިޔާގެ ނައިބު ވަޒީރުންނެވެ. މި ބައްދަލުވުމުގެ އިސް މަޤްޞަދަކީ އަންކަރާ- ދިމިޝްޤު ގުޅުން ޠަބީޢީ ކުރުމާ ބެހޭގޮތުން ބަހުސްކޮށް ފިޔަވަޅުއެޅުމެވެ.
ތުރްކީގެ ޑިޕްލޮމެޓިކް މަޞްދަރުތަކާ ޙަވާލާދީ އަނާޟޫލު ނޫސް އޭޖެންސީ ބުނިގޮތުގައި ތުރްކީ ވަފްދުގެ ރިޔާސަތުގައި އިންނަވާނީ އެ ޤައުމުގެ ޚާރިޖީ ވަޒީރުގެ ނައިބު ބުރާޤު އަޤްޗާބާރެވެ. ރަޝިޔާ ވަފްދުގެ ރިޔާސަތުގައި އިންނަވާނީ ރައީސް ޕޫޓީންގެ މެދުއިރުމައްޗާއި އެފްރިކާއާ ބެހޭ ޚާއްޞަ މަންދޫބު މީޚާއިލް ޕޮގްޑަނޯވެވެ. އީރާނު ވަފްދުގެ ރައީސަކަށް ވާނީ އީރާނުގެ ޚާރިޖީ ވަޒީރުގެ ސިޔާސީ މުޝީރު ޢަލީ އަޞްޣަރު ޙައްޖީއެވެ. ސޫރިޔާއިން ބައިވެރި ވާނީ ސޫރިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު އައިމަން ސޫސަނެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން ވިދާޅުވާ ގޮތުގައި ތުރްކީ ސޫރިޔާ ގުޅުންތައް ރަނގަޅުވުމަކީ ޠަހަރާނުން ބާރުއަޅައި ކަމެކެވެ. އީރާނުން މި ވާހަކަދެއްކުންތަކުގައި ބައިވެރިވާ ބައިވެރިވުމަށް އަންކަރާއިން ވަނީ މަރްޙަބާ ކިޔައިފައެވެ.
ތުރްކީގެ ޚާރިޖީ ވަޒީރު މައުލޫދު އޮޣުލޫ ވިދާޅުވާ ގޮތުގައި ސޫރިޔާއާއެކު މުޢާމަލާތު ކުރުމަށް އޮތް ރާސްތާއަކީ "އާސްތާނާ ވަށަލި" އެވެ. އޭނާ ވިދާޅުވި ގޮތުގައި ނައިބު ވަޒީރުންގެ ފެންވަރުގައި ބޭއްވޭ މި ބައްދަލުވުމަށް މެހެމާންދާރީ އަދާކުރުމަށް ރަޝިޔާއިން ވަނީ އިސްނަގައިފައެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު މީޚާއީލް ޕޮގްޑަނޯވް ވިދާޅުވާ ގޮތުގައި ދިމަޝްޤު– އަންކަރާގެ ދެބަސްވުންތައް ގިރާކުރެވިދާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މޮސްކޯއިން އެ ދެފަރާތަށް ބަލައިގަނެވޭ ފަދަ ޙައްލަކާ ހަމައަށް ވާޞިލުކޮށްދިނުމަށް މޮސްކޯއިން މަސައްކަތްކުރާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ސޫރިޔާއާއި ތުރްކީ އަކީ އަވަށްޓެރި އިސްލާމީ ދެ ޤައުމެވެ.
ރަޝިޔާއާއި ތުރްކީއާއި ސޫރިޔާގެ ބައްދަލުވުންތަކުގައި އީރާން ބައިވެރިވުމަށް އެންމެ ފުރަތަމަ ދަޢުވަތު ދެއްވީ ތުރްކީގެ ރައީސް އުރްދުޣާނެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ވަރަށް ލާބަހުރި ކަމެކެވެ.
ރަޝިޔާ މެދުވެރިވެގެން ތުރްކީއާއި ސޫރިޔާގެ ޖާސޫސީ އިދާރާތަކުން ބައްދަލުވުންތައް ބާއްވަމުންދާތާ އެތައް މަހެއް ވެއްޖެއެވެ. މި ބައްދަލުވުން ފެށިފައިވަނީ މިދިޔަ ޑިސެންބަރު 28ގައެވެ. މިއީ ތުރްކީ– ސޫރިޔާ ގުޅުންތައް ރަނގަޅުކުރެވޭތޯ ރަޝިޔާއިން ފެށި މަސައްކަތެކެވެ. އެމެރިކާއިން ސޫރިޔާގެ އުތުރުގައި ކުރްދީންނަށް ދައުލަތެއް ޤާއިމުކޮށްދޭން ކުރާ މަސައްކަތަކީ އެކަމާމެދު އަންކަރާ ވަރަށް ކަންބޮޑުވާ ކަމެކެވެ. އަދި މިއީ ރައީސް ބައްޝާރު ވެސް ތާއީދު ކުރައްވާ ކަމެއްނޫނެވެ. މިކަމުގެ ސަބަބުން ސޫރިޔާ އިތުރަށް ވީދި ހަލާކުވެގެންދާނެތީއެވެ. މިކަމަށް ހުރަސްއެޅުމަށް ޓަކައި ސޫރިޔާ– ތުރްކީ ގުޅުންތައް ރަނގަޅު ރާސްތާއަކަށް މިސްރާބު ކުރެވެން ވަނީ ޖެހިފައެވެ.



advertisment