ހިތް ނުތަނަވަސްވެގެން މި އުޅެނީ ކީއްވެގެން؟
އަތް ނިތުން ނުނެގިގެން މި އުޅެނީ ކީއްވެގެން؟
އެނދުމަތީ، ނުނިދިގެން ހަތަރުދަމު ފުރޮޅެނީ
ނިދި ލޮލާ ރުޅިވެގެން މި އުޅެނީ ކީއްވެގެން؟
ސައިނުބޮއި، ބަތްނުކައި، ރޯދައެއް ގައިމު ނޫން!
ހައިބަނޑަށް ރުހެވިގެން މި އުޅެނީ ކީއްވެގެން؟
ގޭގެ ބަންދެއް ނެތަސް ގޭތެރޭ އިނދެވެނީ
ބޭރު މާ ދުރުވެގެން މި އުޅެނީ ކީއްވެގެން؟
އިއްޔެ ހިތަކުން ނުދޭ ނުކުމެގެން، އެކަމު އަދު-
އިއްޔެއަށް ނުހެދިގެން މި އުޅެނީ ކީއްވެގެން؟
ގޭތެރޭ ފިނިތެރޭ، ހޫނެކޭ ހިތުތެރޭ!
މޭ އަލުން ނުފިހިގެން މި އުޅެނީ ކީއްވެގެން؟
ތަލިހިކޭތީ އަބަދު ދެއްކުމުން، ޑަކުޓަރަށް-
ބަލި ބަލާން ނުކެރިގެން މި އުޅެނީ ކީއްވެގެން؟
ދާ ގޮތަށް އެނބުރެމުން ދުނިޔެ އެބަ ދާ ކަމެއް
ޝާހިދަށް ނޭނގިގެން މި އުޅެނީ ކީއްވެގެން؟
