އެތައް ދަހަރަކަށް ފަހު ދިމާވެއްޖެ އޭނާ
ހިތަށް ދީފި ހަނދުވަރު، ނިތުން ރީތި މޫނާ
އަތާ ދަތުގެ ކޫރެއް ނިޝާނެއް ޒަމާނުގެ-
ނެތޭ!- ދިން ގަނާއެއް މެ ފިންޏާއި ހޫނާ
މިއަދު ފޮޅުނު ކުލަ ރީތި ފަރިފަރި މަލެއް ފަދަ
ހިޔަނި ނޭޅި މާބުރުގެ އިން ނުލިބި ގޯނާ
ބަހާރެއް! ޚަރީފުގެ ލޮލަށް ފޮރުވިފައި ވާ
ވަހާ ކުލަ، ދުރަށް ލާނެ މޮޅިއާއި ވޭނާ
ހުވާ! މިއަދު ވެސް ފުން ލޮލުގެ ކަނޑުގެ ފުންކަން
ގޮވާ ކަހަލަ! އާދޭ! އެރޭ! ލާށަ ފީނާ
އެރޭށޭ ބުނޭ ހިތް، ކުރިން ގައިދު އޮތަކަސް
ކެރޭށޭ ކޮށައިލާން އެ ކަސްތަޅު މެ ޗޭނާ
އެހެންނަމަވިޔަސް އަދު ޚަރީފޭ މި ކޮޅުގައި
"ރެހަންޖެހިޔަކަސް" އަބަދު ތާއަބަދު ހީނާ
ޒަމާން ޝާހިދަށް ކީއްވެބާ ރަޙުމުނުކުރީ
މިޔާން މި ޖެހެނީ ހުރެ ހިތަށް ނުލިބި ކާނާ
