Support Us

ތޫނިސްގެ ރައީސާ ދެކޮޅަށް އެތައް ހާސްބަޔަކު މަގުމައްޗަށް 

 ތޫނިހުގެ ވެރިރަށުގެ މަގުތައް މައްޗަށް ރައީސް ޤައިސް ސުޢައްޔަދާ ދެކޮޅަށް އެތައް ހާސް ބަޔަކު މިއަދު ނުކުމެ އާދަޔާ ޚިލާފު ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ. މި ބޮޑު މުޒާހަރާ ބޭއްވީ ރައީސް ސުޢައްޔަދު އިދިކޮޅު ބާރުތަކާ ދެކޮޅަށް ޤާނޫނާ ޚިލާފަށް ފިޔަވަޅުތައް އަޅުއްވަން ފެށްޓެވުމުން ކަމަށް މި މުޒާހަރާ އިންތިޒާމު ކުރި އިއްތިޙާދުން ބުންޏެވެ.

ރޮއެޓަރޒް ބުނާގޮތުގައި މިއަދުގެ އިޙްތިޖާޖަކީ ތޫނިހުގެ މަސައްކަތްތެރީންގެ އިއްތިޙާދުން އިންތިޒާމުކުރި މުޒާހާރާއެކެވެ. ވެރިރަށުގެ މެދުތެރޭގައި ބޭއްވި އިޙްތިޖާޖުގައި ރައީސް ސުޢައްޔަދާ ދެކޮޅަށް ޝިޢާރުތައް ފާޅުކޮށްފައިވެއެވެ. މި މުޒާހަރާގައި ލިޔެ އުފުލައިފައިވާ ފޮތިގަނޑުތަކުގައި "ފަރްދީ ވެރިކަމަށް ނޫން" އާއި "އިއްތިޙާދަށް ޙަމަލާ ދިނުން ހުއްޓައިލާ!" އާއި "ފިނޑި ސުޢައްޔަދަށް އިއްތިޙާދަށް އިހާނެތިކޮށް ނުހިތޭނެ" އާއި "މިނިވަންކަން… ފުލުހުންގެ ދައުލަތް ވޭތުވެ ހިނގައްޖެ" ފަދަ ޢިބާރާތްތައް ވެއެވެ. 

ތޫނިހުގެ ރައީސް ޤައިސް ސުޢައްޔަދު ވަނީ ބަރްލަމާނު އުވާލައްވާ ރައީސް ނެރުއްވާ ޤަރާރުތަކުން ސަރުކާރު ހިންގަވަން ފަށްޓަވައިފައެވެ. 

މި އިޙްތިޖާޖުގައި ބައިވެރިވި ބައެއް މީހުން ބުނިގޮތުގައި "ރައީސް ސުޢައްޔަދު ދަނީ ހުރިހާ ބަޔަކަށް ބިރުދައްކަވަމުންނެވެ. ސިޔާސީ ޕާޓީތަކަށާއި މަސައްކަތްތެރީންގެ އިއްތިޙާދުތަކަށާއި މަދަނީ މުޖްތަމަޢުތަކަށެވެ. ތޫނިހުގެ ރައްޔިތުން މިއަދު މި ނުކުތީ ޤައުމުގައި ވަކި ހިއްޕަމުންދާ ޚުދްމުޚްތާރު ވެރިކަމަށް ނޫނެކޭ ބުނާށެވެ."

ތޫނިހުގެ މަސައްކަތްތެރީންގެ އިއްތިޙާދުގެ އިސް މަސްއޫލުވެރިއެއް ކަމުގައިވާ އަނީސުލްކަޢުބީ ހަޅުތާލެއް އިންތިޒާމު ކުރެއްވުމުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. މި ކަމާވިދިގެން މި އިއްތިޙާދުގެ ދުވަހު ނޫސް ބުންޏެވެ. "ސުޢައްޔަދު އެ އިޢުލާން ކުރެއްވީ މަސައްކަތްތެރީންގެ އިއްތިޙާދާއި މި އިއްތިޙާދުގެ މެންބަރުންނާ ދެކޮޅަށް ހަނގުރާމައެވެ." މި އިއްތިޙާދުގެ މެންބަރުންގެ ޢަދަދު މިލިޔަނަކަށް ވުރެ ގިނައެވެ.

 ވޭތުވެދިޔަ ދެތިން ހަފުތާގެ ތެރޭގައި ސަރުކާރުން ވަނީ ތޫނިހުގެ އިދިކޮޅު އެތައް މަސްއޫލުވެރީންނެއް ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ތެރޭގައި އިދިކޮޅު ޕާޓީއެއް ކަމުގައިވާ "ނަހްޟާ ޙަރަކާތް"ގެ އެތައް ބޭފުޅުންނަކާއި ތޫނިހުގެ މިނިވަން ރޭޑިއޯ "މޮޒައިކް އެފްއެމް"ގެ ޑިރެކްޓަރު ވެއެވެ. ނަހްޟާ ޙަރަކާތަކީ ތޫނިހުގެ ބަރްލަމާނުގައި ހިމެނޭ އެންމެ ބޮޑު ސިޔާސީ އިދިކޮޅު ޕާޓީއެވެ.

ތޫނިހުގެ މަސައްކަތްތެރީންގެ އިއްތިޙާދުގެ އަމީން ޢާންމު  ނޫރުއްދީނުއް ޠަބޫބީ މުޒާހިރީންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. "ޢާންމު މިނިވަންކަމާއި ފަރްދީ މިނިވަންކަމާއި މަސައްކަތްތެރީންގެ ޙައްޤުތަކަށް ސަރުކާރުން އަރައިގަންނަމުންދާއިރު އަހުރެމެންނަށް ހަނުހިމޭނަކުން ނުތިބެވޭނެއެވެ." އޭނާ ވިދާޅުވިއެވެ. "ތޫނިހުގެ އިންޤިލާބުގެ ނަރުތައް އަލުން ރަނގަޅު އަޑު ނުކުންނަ ގޮތަށް ބަދަލުކުރަން ވަނީ ޖެހިފައެވެ. އަހުރެމެން އިއްތިޙާދުން މިކަމަށް ޓަކައި ކުރާ މަސައްކަތް ކުރިއަށް ގެންދާނަމެވެ." 

މި ހުސްވި ފެބްރުވަރީ މަހުގެ އަށް ވަނަ ދުވަހު ރައީސް ސުޢައްޔަދު ވަނީ ޔޫރަޕިއަން ލޭބަރ ޔުނިއަންގެ އަމީން ޢާންމު  އެސްޓަރ ލަންޝް ތޫނިހުން ބޭރަށް ފޮނުވައިލައްވައިފައެވެ. އެއީ އޭނާ މުޒާހަރާއެއްގައި ސަރުކާރާ ދެކޮޅަށް ފާޑުވިދާޅުވުމުގެ ސަބަބުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *