Support Us

ފަސް ޤައުމުގެ ޢަޤަބާ ބައްދަލުވުން ނިމިއްޖެ

އެމެރިކާގެ ބެލުމުގެ ދަށުން އުރްދުންގެ ޢަޤަބާގައި ބޭއްވި އިސްރާއީލު، ފަލަސްޠީނު، މިޞްރު، އުރްދުންގެ އެއް ދުވަހުގެ ބައްދަލުވުން އިއްޔެ ނިމިއްޖެއެވެ. މި ބައްދަލުވުމުގައި ފަލަސްޠީނުގެ ވެރިކަމުގެ އިދާރާ ބައިވެރިވީތީ ފަލަސްޠީނުގެ ތަފާތު ޖަމާޢަތްތަކުން އެ ސަރުކާރާ ދެކޮޅަށް ދަނީ ފާޑުކިޔަމުންނެވެ.

އުރްދުންގެ ރަސްމީ ނޫސް އޭޖެންސީ ބަތުރާ އޭޖެންސީ ބުނާގޮތުގައި އިސްރާއީލާއި ފަލަސްޠީނުން ކުރީގެ އެންމެހާ އެއްބަސްވުންތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވިއެވެ. އަދި ޢަދްލުވެރި ދާއިމީ ޞުލްޙައަކަށް ޓަކައި ދެ ފަރާތުން މަސައްކަތްކުރާނެކަން ކަށަވަރުކޮށްދިނެވެ.

ހަރުކަށި ޢަމަލުތައް ހުއްޓުވުމަށާއި ނުތަނަވަސްކަން ކުޑަކުރުމަށް ޓަކައި އިސްރާއީލާއި ފަލަސްޠީނުން މަސައްކަތްކުރުމަށް ކަށަވެތިވާކަމަށް ވެސް މި ބައްދަލުވުމުގެ ގުޅިފައިވާ ބަޔާން ބުންޏެވެ.

މި ސިންތާގައި ބައިވެރިވި ފަސް ޤައުމު (އެމެރިކާއާއި އިސްރާއީލާއި ފަލަސްޠީނާއި މިޞްރާއި އުރްދުން) ކަށަވަރުކޮށްދޭ ގޮތުގައި ޤުދުސުގައި ހުރި "މުޤައްދަސް ތަންތަނަށް އެއްވެސް ބަދަލެއް ނުގެނެސް" އެތަންތާނގެ ތާރީޚީ ޙާލަތަށް ރައްކައުތެރިވުމަށް ވެސް މި ފަސް ޤައުމު ކަށަވެތިވިއެވެ. އަދި މިތަންތަން ބެހެއްޓުން މިހާރުވެސް އޮތްގޮތަށް އުރްދުންގެ ދަށުގައި ދެމެހެއްޓުމަށް ވެސް އަލުން އެއްބަސްވިއެވެ.

އިސްރާއީލާއި ފަލަސްޠީނުން އެކަހެރިގޮތުގައި ކުރަމުންދާ އެންމެހާ ޢަމަލުތައް ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ހުއްޓައިލުމަށް ފަލަސްޠީނާއި އިސްރާއީލު އެއްބަސްވިއެވެ.ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި އިސްރާއީލުން ހަދަމުންގެންދާ އާބާދީތައް ހެދުން ހަތަރު މަސްދުވަހުގެ މުއްދަތަށް ހުއްޓައިލުމަށް އިސްރާއީލުން އެއްބަސްވިއެވެ. އަދި ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި އެއްވެސް އައު މަޝްރޫޢެއް ހަ މަސްދުވަހުގެ ތެރޭގައި ކަނޑަނޭޅުމަށް ވެސް އިސްރާއީލުން އެއްބަސްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ފަސް ޤައުމު މި އެއްބަސްވުމަށް ޢަމަލުކުރެވެމުންދާ ގޮތް ބެލުމަށް ޓަކައި މި އަންނަ މާރިޗު މަހުގައި މިޞްރުގެ ޝަރްމުއްޝައިޚުގައި ބައްދަލުކުރުމަށް އެއްބަސްވިއެވެ.

ފަލަސްޠީނާއި އިސްރާއީލާ ދެމެދުގައި އިތުބާރު ބިނާކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް މި ބައްދަލުވުމުގެ ބައިވެރީން އެއްބަސްވިއެވެ.

ފަލަސްޠީނުން ޢަޤަބާ ބައްދަލުވުމާ ދެކޮޅު

އަނެއްކޮޅުން ބަލާއިރު ފަލަސްޠީނުގެ ތަފާތު ޖަމާޢަތްތަކުން މި ބައްދަލުވުމުގައި ފަލަސްޠީނު ސަރުކާރު ބައިވެރިވީތީ އެ ސަރުކާރު ކުށްވެރިކުރަމުން އެބަދެއެވެ.

ޙަމާސް ޖަމާޢަތުން ނެރުނު ބަޔާނުގައި ފަލަސްޠީނު ސަރުކާރު ކުށްވެރިކޮށް އެއީ "ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުންދާ ޢުދްވާނީ ޙަރަކާތްތަކުގައި މަތިޖެހުމަށް ކުރާ މަސައްކަތެއް" ކަމަށް ބުނެފައިވެއެވެ. މި ބަޔާނުގައި އެމެރިކާއާއި ޞިހްޔޫނީންގެ ވަޢުދުތަކުގެ މަޅީގައި ނުޖެހުމަށް ފަލަސްޠީނު ސަރުކާރަށް ގޮވައިލައިފާ ވެއެވެ. ޙަމާސް ބުނާގޮތުގައި މި ވަޢުދުތަކަކީ "ސައިބޯނި ބޮކިތަކެއް" ފަދަ ޙަޤީޤަތެއް ނެތް ދަޅަތަކެކެވެ.

ފަލަސްޠީނު މިނިވަންކުރުމަށް މަސައްކަތްކުރާ ޕޮޕިއުލަރ ފްރޮންޓްގެ ބަޔާނުގައި "ޢަޤާބާގެ ނިންމުންތަކަށް ރައްކައުތެރިވުމަށް" ފަލަސްޠީނުގެ ވެރިކަމުގެ އިދާރާއަށް ގޮވައިލައިފާ ވެއެވެ. މި ބައްދަލުވުން މި ބޭއްވުނީ އިސްރާއީލުން ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ނާބްލުސްގައި ޤަތުލު ޢާންމެއް ހިންގައިފައިވާ ދުވަސްތަކެއްގައި ކަން މި ބަޔާން ފާހަގަކޮށްފައި ވެއެވެ. މި ބައްދަލުވުމަކީ "މި ޤަތުލުޢާންމުގެ މަތީގައި ސިޔާސީ ގޮށްޓެއް ޖެހުން ކަމަށް" އެ ފްރޮންޓުން ބުންޏެވެ.

ފަލަސްޠީނުގެ ޕީޕަލްސް ޕާޓީއާއި ފަލަސްޠީނު މިނިވަން ކުރުމަށް މަސައްކަތްކުރާ "ޑިމޮކްރެޓިކް ފްރޮންޓް" އިން ނެރުނު ގުޅިފައިވާ ބަޔާނުގައި ޢަޤަބާ ބައްދަލުވުމުގައި ބައިވެރިނުވުމަށް ގޮވައިލައިފާ ވެއެވެ. މި ބަޔާނުގައި ޕީއެލްއޯގެ ތަންފީޒީ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވައިލައިފާ ވެއެވެ. މި ބައްދަލުވުމުގެ އަމާޒަކީ އިސްރާއީލާއެކު ސަލާމަތީ ކަންކަމުގައި ވިލަރެސް ކުރުން ހުއްޓައިލުމަށް ފަލަސްޠީނު ސަރުކާރުން ނިންމި ނިންމުން ބާޠިލުކުރުންކަމަށް މި ބަޔާން ބުންޏެވެ.

ފަތަޙަ ޖަމާޢާތުގެ ތެރެއިން ވެސް މި ބައްދަލުވުމާ ދެކޮޅަށް އަޑުތައް އުފުލިގެންގޮސްފައިވާ ތަން ފެނެއެވެ. ޖަނީނުގެ ޒުވާނުންގެ ޙަރަކާތުން މި ބައްދަލުވުމުގައި ބައިވެރިނުވުމަށް ގޮވައިލިއެވެ. މިއީ ކިޔަވާކުދީންގެ ޙަރަކާތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *