މެދުއިރުމަތީގެ ޞުލްޙަޔާ ބެހޭ އދގެ މަންދޫބު ޓޯރ ވިންސްލޭންޑް ޣައްޒާގައި ޙަމާސުގެ އިސްވާރުންނާ ބައްދަލުކުރައްވައިފައެވެ. އެއީ ފަލަސްޠީނުގެ މުޖާހދުންނާ އިސްރާއީލު ސިފައިންނާ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުންތައް އިތުރުވުމުގެ ސަބަބުން މަސްރަޙު ހޫނުވަމުންދާތީއެވެ.
ފަލަސްޠީނުގެ މަޞްދަރުތައް ބުނާގޮތުގައި ވިންސްލޭންޑް ޣައްޒާގައި އެތައް ފައިލްތަކަކާ ބެހޭގޮތުން ބަޙުސްކުރެއްވިއެވެ. އޭގެތެރޭގައި ނުތަނަވަސްކަން ކުޑަކޮށް މަސްރަޙު ފިނިކުރުން ވެއެވެ. ވިންސްލޭންޑް ޣައްޒާއަށް ވަޑައިގަތީ ބައިތު ޙާނޫނު ހުރަސްމަގުންނެވެ.
ޙަމާސް ޖަމާޢާތުގެ މަރްކަޒުތަކަށް އިސްރާއީލުން ވޭތުވެދިޔަ ދެ ދުވަހު ވަނީ މިސައިލް ޙަމަލާތަކެއް ދީފައެވެ. އިސްރާއީލު ސިފައިން ނާބްލުސަށް އަރައި ފަލަސްޠީނުގެ 11 މީހަކު މަރައިލުމުން ޙަމާސުން ވަނީ އިސްރާއީލަށް ފަސް ރޮކެޓް ފޮނުވައިލައިފައެވެ. މިކަމާ ވިދިގެން އިސްރާއީލުން ވަނީ ޢިއްޒުއްދީނުލް ޤައްސާމު ބްރިގޭޑްގެ ދެ ތަނަކަށް ވައިގެ ޙަމަލާތަކެއް ދީފައެވެ.
ނާބްލުސްގައި އިސްރާއީލުން މިދިޔަ ބުދަ ދުވަހު ހިންގި ޤަތުލު ޢާންމާ ވިދިގެން ޙަމާސުން ބުނެފައިވާ ގޮތުގައި އެ ޖަމާޢަތުގެ ކެތްތެރިކަން ކުޑަވެއްޖެއެވެ. އިސްލާމީ ޖިހާދު ޖަމާޢަތުން ވަނީ އިސްރާއީލަށް ރައްދުދޭނެ ކަމަށް ބުނެ އިންޒާރުކޮށްފައެވެ.
އިސްރާއީލުގެ ޙަމަލާއާ ދެކޮޅަށް ރުޅިވެރިކަން ފާޅުކުރުމަށާއި ޝަހީދުވި މީހުންނަށްޓަކައި ހިތާމަ ފާޅުކުރުމަށް ޓަކައި ފަލަސްޠީނުގެ ބިންތަކުގައި އިއްޔެ ޢާންމު ހަޅުތާލެއް ބޭއްވުނެވެ.
އަލުން ސަލާމަތީ މަޖިލީހަށް
ފަލަސްޠީނު ސަރުކާރާ އިސްރާއީލާ ދެމެދުގައި އެމެރިކާ މެދުވެރިވެގެން ޤާއިމުކުރެވުނު ތަފާހުމާތަކާ ޚިލާފަށް އިސްރާއީލުން ނާބްލުސަށް އަރައި ފަލަސްޠީނު މީހުންނަށް ޙަމަލާދީ އެމީހުންގެ ގެތައް ތެޅުމާ ވިދިގެން ފަލަސްޠީނު ސަރުކާރުން މި މަސްއަލަ އަލުން ސަލާމަތީ މަޖިލީހަށް ގެންދާނެކަމަށް ވަނީ ބުނެފައެވެ. އިސްރާއީލުން ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވަން ހަދަމުންދާ އާބާދީތައް އިތުރު ކުރާތީއާއި ފަލަސްޠީނުގެ ބިންތައް މިކަމަށް ޓަކައި އިސްރާއީލުން ނަގަމުންދާތީ މި މަސްއަލަ ސަލާމަތީ މަޖިލީހަށް ހުށައެޅުމަށް ފަލަސްޠީނާއި އިމާރާތުން ވަނީ މަސައްކަތްކޮށްފައެވެ.
އައްސޭރީގެ އިންތިފާޟާ
ނާބްލުސްގެ ޤަތުލު ޢާންމަށް ރައްދު ދިނުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޙަމާސްގެ ސިޔާސީ އޮފީހުގެ ވެރިޔާ އިސްމާޢީލު ހަނިއްޔާ ވިދާޅުވި ގޮތުގައި ހުޅަނގު އައްސޭރީގައި ހެދެމުން ބޮޑުވަމުން އަންނަ އިންތިފާޟާ މަރައިލުމަށް ކުރެވޭ މަސައްކަތާ ދެކޮޅަށް ޙަމާސުން ފިޔަވަޅު އަޅާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ޤަރާރުގެ ވެރިފަރާތަކީ ފަލަސްޠީނު ރައްޔިތުންނެވެ. ކުރިމަގު ކަނޑައެޅުމުގެ ބާރު ލިބިފައި ވަނީ އެމީހުންނަށެވެ.
ޢަރީނުލް އުސޫދި ޖަމާޢަތް
އިސްރާއީލު ސިފައިން ނާބްލުސްއަށް އަރައި ދިން ޢުދްވާނުގައި ޢަރީނުލް އުސޫދި ޖަމާޢަތުން ހަ މުޖާހިދަކު ޝަހީދުވިއެވެ. މި ޖަމާޢަތުގައި މިހާރު 50 މުޖާހިދުން އެބަ ތިބިކަމަށް މި ޖަމާޢަތުން ބުންޏެވެ. މި ޖަމާޢާތުން ފަލަސްޠީނު މީހުންނަށް މި ޖަމާޢާތުގައި ބައިވެރިވުމަށް ގޮވައިލެއްވިއެވެ. މި ޖަމާޢަތް އުފެދުނީ މި ދިޔަ އަހަރު ނާބްލުސްގައެވެ.



advertisment