ދީބޭމީ ދީބޭމީ
ރިވެތި ދިވެހި ދީބޭމީ
އުފަން މަގޭ ދީބޭމީ
ލޯބި މަ ވާ ދީބޭމީ
ހިންދުގެ ކަނޑު މެދުގައި އޮތް
އުތުރުން ފެށި ދެކުނަށް އޮތް
ވަކިވަކި ރަށް ތަކަކަށް އޮތް
ހާރެއް ފަދަ ދީބޭމީ
މިނިވަންކަން ލިބިފައިވާ
ބަހެއް އެކަނި ލިބިގެންވާ
އިސްލާމީ އިމުގައިވާ
މަތިވެރިވީ ދީބޭމީ
ރުއްގަސް ގިނަ މިތާ ހެދޭ
އެއިގެ ނަފާ މޮޅަށަ ލިބޭ
ކަނޑު ރޯދިން ދިރިއުޅެވޭ
ލޮބުވެތިވީ ދީބޭމީ
މަސްވެރިކަން ދަނޑުވެރިކަން
ރައިވެރިކަން ބޭސްވެރިކަން
ކަންވެރިކަން ޅެންވެރިކަން
މޮޅަށް އެނގޭ ދީބޭމީ
ހުރާތަކާ ގިރިގިރިޔާ
ކަނޑާ ފަރާ ކަނޑުއޮޅިޔާ
ދޮންވެލި ހުދު ފިނޮޅުތަކާ
ލިބިގެންވީ ދީބޭމީ
ރަށްރަށު ފަޅު ރީތިވުމުން
ރަށުގެވަށައި ވެލި އޮތުމުން
ވެލިގަނޑު ދޮން ނިކަން ވުމުން
ހިތްފަހި ނަލަ ދީބޭމީ
ތޭރަވަޔާ މާކަނަޔާ
ފިނދަނަ ބޮނޑަނަ ރާބޮންޖާ
އެކިވައްތަރު ދޫނިތަކާ
ވެހިވެ އުޅޭ ދީބޭމީ
ފަރިމާތައް ދެއިރު ފޮޅޭ
ތަރިތައް ރޭގަނޑަށް ދިލޭ
މަރިޔާދުގެ އުފާ ލިބޭ
ދަރިކޮޅު މާތް ދީބޭމީ
