ޣައްޒާއިން އިސްރާއީލަށް ރޮކެޓް ޙަމަލާއެއް ދިނޭ ކިޔައިފައި އިސްރާއީލުން ޣައްޒާއަށް ވައިގެ ޙަމަލާތަކެއް ރޭ ދީފިއެވެ. އިސްރާއީލު ބުނާގޮތުގައި މި ޙަމަލާތަކުގެ އަމާޒަކީ ޣައްޒާގައި ހުންނަ ފަލަސްޠީނުގެ މުޖާހިދުންގެ މަރްކަޒުތަކެވެ.
އިސްރާއީލުން އިއްޔެ ހުޅަނގު އައްސޭރީގެ ނާބްލުސްގައި ހިންގި ޤަތުލު ޢާންމުގައި ވަނީ ފަލަސްޠީނުގެ 11 މީހަކު މަރައިލައި ސަތޭކަ އެތައް މީހަކު ޒަޚަމުކޮށްލައިފައެވެ. މިކަމާ ވިދިގެން އިސްރާއީލުން ވަނީ އެތާނގެ ސިފައިންގެ ސަފުތައް ވަރަށް ތައްޔާރީ ޙާލަތަކަށް ގެނެސްފައެވެ.
އިސްރާއީލު ސިފައިންގެ ޓްވިޓާރުގައި ބަޔާންކުރި ގޮތުގައި ދެކުނު އިސްރާއީލު ސަރަޙައްދުގައި އިންޒާރުގެ ކަށިގަނޑު ރޭ ދަންވަރު އެޅުނެވެ. އިސްރާއީލު ބުނާގޮތުގައި ޣައްޒާއިން އިސްރާއީލުގެ ރަށްތަކާ ދިމާއަށް ހަ ރޮކެޓް ފޮނުވައިލައިފާ ވެއެވެ. މީގެތެރެއިން ފަސް ރޮކެޓަށް ދަގަނޑު ޤުއްބާ ނިޒާމުން ހުރަސްއަޅައި ވައްޓައިލިއެވެ. ހަ ވަނަ ރޮކެޓް ވެއްޓިފައިވަނީ ހުސް ބިމަކަށެވެ.
އިސްރާއީލު ސިފައިން އިއްޔެ ހުޅަނގު އައްސޭރީގެ ނާބްލުސް ސަހަރަށް އަރައި ދިން ޢުދްވާނީ ޙަމަލާގައި ފަލަސްޠީނުގެ 11 މީހަކު ޝަހީދުވެ ސަތޭކައަށްވުރެ ގިނަބަޔަކު ޒަޚަމުވިއެވެ. އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި އިސްރާއީލުގެ ހައްދުފަހަނަޅައިފައިވާ ޤައުމީ ސަލާމަތާބެހޭ ވަޒީރު އީތުމާރު ބިން ޣަފީރު އިސްރާއީލުގެ ޕޮލިސް ކަމިޝަނަރާ ބައްދަލުކުރައްވާ ފުލުހުން ތައްޔާރަށް ތިބުމަށް ވަނީ އަމުރުކުރައްވައިފައެވެ. އިސްރާއީލުގެ ހުރިހާ ތަންތަނެއްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރެއްވައިފައިވާ ކަމަށް އޭނާ ދެންނެވިއެވެ.

ހުޅަނގު އައްސޭރީގައި ނުތަނަވަސްކަން އިތުރުވުން
އިސްރާއީލުގެ ބޮޑުވަޒީރު ކަމަށް ނަތަންޔާހޫ އިސްވެވަޑައިގަތުމާ ވިދިގެން ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސް ވަނީ ނުތަނަވަސްވެ ހޫނުވާން ފަށައިފައެވެ. މި ސަރުކާރުން ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި އިތުރު އާބާދީތައް ހަދައި ފަލަސްޠީނުގެ ޢާންމު ރައްޔިތުންނަށް ތަފާތު ސިފަސިފައިގައި އުނދަގޫކުރުން ދަނީ އިތުރުކުރުމުންނެވެ. ނަތަންޔާހޫގެ ސަރުކާރަކީ ހައްދުފަހަނަޅައިފައިވާ ކަނާތުގެ ފިޔައިގެ ޕާޓީތަކާއި ޔަހޫދީ ދީނީ ހަރުކަށި ޕާޓީތައް ބއިވެރިވާ ކޯލިޝަން ސަރުކާރެކެވެ.
އިސްރާއީލުގެ ޤައުމީ ސަލާމަތާބެހޭ ވަޒީރުކަމަށް އިސްކޮށްފައިވާ ބިން ޣަފީރަކީ ޙައްދުފަހަނަޅައި ދިޔުމުގެ ޢަމަލުތައް ހިންގުމުގައި ލޭބަލް ކުރެވިފައިވާ މީހެކެވެ. އޭނާއަށް އެ މަޤާމު ނުދެވޭނެ ކަމަށް އިސްރާއީލުގެ ސުޕްރީމު ކޯޓުން ވަނީ ބުނެފައެވެ. އެއީ އޭނާއާ ދެކޮޅަށް ކޯޓުން އިއްވައިފައިވާ ފަސާދައިގެ ނިޔާތަކަކާ ހެދިއެވެ.



advertisment