އިތިޔޮޕިޔާގެ ވެރިރަށް އެޑިސް އަބާބާގައި މިމަހު 18 އިން 19 އަށް ބާއްވަމުންދާ އެފްރިކާ ސަމިޓް ބައްދަލުވުމުގެ އިފްތިތާޙީ ޖަލްސާގެ ތެރެއަށް އިސްރާއީލު ވަފްދު ވަނުމުން ޖަޒާއިރާއި ދެކުނު އެފްރިކާ އެކަމާ ދެކޮޅު ހެދުމުން އެ ވަފްދު މާލަމުން ބޭރަށް ނެރެފިއެވެ.
މިއީ އެފްރިކާގެ ސަމިޓްގެ 36 ވަނަ ޢާންމު ބައްދަލުވުމެވެ. މި ސަމިޓް ބޭއްވެނީ އެފްރިކާ ބަރޫދުގެ މިނިވަން ވިޔަފާރި ސަރަޙައްދު ޤާއިމުކުރުން އަވަސްކުރުމުގެ ޝިޢާރުގެ ދަށުންނެވެ.
އެފްރިކާގެ އިއްތިޙާދުގެ ކަމިޝަނުން މި ސަމިޓްގައި ބައިވެރިވުމަށް އިސްރާއީލަށް ދަޢުވަތު ދިނުމަށްފަހު މި ދަޢުވަތު ކެންސަލްކޮށްފައިވާ ކަމަށް މީޑިއާ ޚަބަރުތައް ބުންޏެވެ. މި ދަޢުވަތު ކެންސަލް ކުރަން މަޖްބޫރުވީ ޖަޒާއިރާއި ދެކުނު އެފްރިކާއިން ފިއްތުންތައް އިތުރު ކުރުމުންނެވެ. އިސްރާއީލަށް ދީފައިވާ މުރާޤިބު (އޮބްޒަރވަރު) މެންބަރުކަން އިސްރާއީލުގެ ކިބައިން ނިގުޅައިގަތުމާމެދު މި ސަމިޓްގައި ބަޙުސްކުރެވޭނެއެވެ.
މި ސަމިޓްގައި އދ ގެ އަމީން ޢާންމު ގުޓަރެޝް ބައިވެރިވެވަޑައިގަންނަވާކަން ފާހަގަ ކުރެވެއެވެ.



advertisment