ގަދަފަދަވިޔަސް ގިނަ ކާރިސާ ބިރުވެތި ނުވޭ އަދު މީސްތަކުން
ޢަދަދެއް ނުވާހައި ބިންހެލުން މިބިމަށް އަޔަސް އިރުއިރު ކޮޅުން
ނިމުމާ ދިމާޔަށް ދުނިޔެދާ ދިއުމުގެ ޢަލާމާތް ފުލުފުލުން
ބިމުގައިހިނގާ ފަދައިން އުޑުން ފެނިގެންދިޔަސް ހެވެ ގިނަވަމުން
ޤުރުއާނުގައި ސާބިތުވެފައި ފެންނާން އެހެރަ އާޔަތްތަކާ
ޙުރުމަތްތެރިވި އެތަކެއް ޙަދީސްފުޅުތައް އަޔަސް ކަށަވަރު ވަމުން
ހަނގުރާމަތައް ބިޔަ ފެށެވުމާ ލޭ އޮހޮރުވުންތައް ގިނަވުމާ
ބަނގުރާގެ މަސްތައް މަގުކޮށޭ ވިޔަފާރި ދާނޭ ގިނަވަމުން
ވާރޭ ވެހޭ ވަގުތާ އަޅައި ވެހިލާ ވަގުތު މަދު ކަމަކު ވެސް
ވާރޭގެ ފެން ޢަދަދުގެ ގޮތުން ދާނޭ ވެހޭވަރު ގިނަވަމުން
ބިރުވެރި ދުމެއް ދުނިޔޭގެ ބިން ފޮރުވައި ލުމާމެދު އޮތް ޚަބަރު
ބިރުވެރި ކަމާއެކުގައި ދުޚާނު ސޫރަތުގެ ދިހައެއްގައި އޮތުން
ބިރުވެރި އެތައް ގިނަ ކަންކަމާ ބަލިބަލި ބަލާ އާފާތްތަކާ
އިރުހަނދު ހިފާ ގިނަ ކޭތަތައް ގާތްގާތު ދާނޭ ފެންނަމުން
ދައްޖާލު އެރުމާ ގާތުގައި ހުޅަނގުން ލަހެއް ނެތި އިރު އަރައި
ލައްޕައި ލެވެޔެ ތައުބާގެ ދޮރު ޣާފިލުވެ ތިއްބައި މީސްތަކުން
ނަފުސާ ފުރާނަ ސަލާމަތުން މަތިވެރިވި ޖަންނަތުގައި ވުމަށް
ސަފުގައި ލަފާ ޞާލިޙް އަޅުން ތެރެއިން އޮތީ ނިމިގެން ދިއުން
އިންކާރު ކުރިޔަސް ކާފިރުން ދިރުމާ މަރަށް ޝައްކެއް ނެތޭ
އިންޒާރު ތަކުގައި ވާގޮތަށް ކަންކަން ދެކޭނޭ އެދުވަހުން
