ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 18 މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.
މި ބަލިން މިހާތަނަށް 11 މިލިއަން މީހުން ރަނގަޅުވެފައި ވާއިރު މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 690،000 އަށް އަރައިފަ އެވެ. ދުނިޔޭގައި ބަލި ފެތުރިފައިވާ ޤައުމުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އެމެރިކާގަ އެވެ. އެ ޤައުމުގައި 4.7 މިލިއަނަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ، 155،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ޤައުމަކަށް ބްރެޒިލް ވެފައިވާއިރު، 1.8 މިލިއަން އާއެކު ތިންވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަވަށްޓެރި އިންޑިއާގަ އެވެ. އެ ޤައުމުގައި މިހާތަނަށް މި ބަލީގައި 38،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ފެތުރެން ފެށި ކޮވިޑް-19 އަށް ފަރުވާ ހޯދުމުގެ މަސައްކަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް އަންނަނީ ކުރަމުންނެވެ.



advertisment