ބަސް މާދަރީ ނުއެނގިއެއް ފަހުމެއް ސަފުން ނުވާނޭ
ދަސްކޮށްފުމުންމެ ނޫނީ ފަހުމެއް ސަފުން ނުވާނޭ
ކަން އަދި އަކުރު ޒަމާނާ ވަކިކޮށް މުޅިން ފިލާފައި
ނަން ވަކިކުރަން ނުއެނގިއެއް ފަހުމެއް ސަފުން ނުވާނޭ
ސިފަދޭގޮތާއި ސިފަޔާ ސިފަދޭ ފަރާތް ނުއެނގިއެއް
ސިފައިން އެނގޭންވި ގޮތުގައި ފަހުމެއް ސަފުން ނުވާނޭ
ޖުމުލައިގެ ބާވަތެއްގައި އެއްޗެެއްގެ މިލްކުވެރިކަން
ޖުމުލައިގެ ބާވަތުންނެއް ފަހުމެއް ސަފުން ނުވާނޭ
ޙުކުމެއް ޝަރީޢަތެއްގައި ކުރަނީ ބަހުން ކަމަކުވެސް
ޙުކުމެއް ބަހުން ނުއެނގިއެއް ފަހުމެއް ސަފުން ނުވާނޭ
ވަޢުޡެއް ފިލާވަޅެއް ވެސް ދެއްވާހުށީ ބަހުންނޭ
ޤައުލެއް އެޒާތު އިވުނަސް ފަހުމެއް ސަފުން ނުވާނޭ
ޢީދާއި ރޯދަ ކަށަވަރު ކުރުމަށް ބަލާ "ހުޅެވި ހަނދު"
ސީދާ ޢިބާރަތުންނެއް ފަހުމެއް ސަފުން ނުވާނޭ
ހީވާގޮތުން އެބަލަނީ ހަނދުކަމުގައޭ ވަނީހީ
ހީވާކަމަކު "ހުޅެވި" ވެސް ފަހުމެއް ސަފުން ނުވާނޭ
ހުރުމުން މިހެން މިކަންކަން ބަސްދަސްކުރަން ޖެހޭނޭ
ކުރުމާނުލައި ބަހެއްދަސް ފަހުމެއް ސަފުން ނުވާނޭ
