ފަތްފުށް ޒަމާނުގެ އެއްލެމުން އުކެމުންދެޔޭ ފޮތް ހުސްވަމުން
ފަތްފަތް ނުކުތްހައި ދޮންވުމުން ވެއްޓޭ އިސާހިތު ލުހިތަނޑުން
ފަޖުރުގެ އަލިން ފެއްޓޭދުވަސް ޢަޞުރަށްފަހުން ނިމިގެންދެޔޭ
ނަޖުމުން ވިދާބަބުޅާ އުޑުން ނަލަކަން ދެޔޭ އިރު އުދަވުމުން
ކޫރެއްގެ ޒާތުން ފާޅުވާ ހުޅެވީގެ ހިމަހިމަ ފަށަލަތައް
ނޫރެއްގެ ފުރިހަމަ ބަދުރަކުން ޢުރުޖޫނަކަށް ދޭ ފަނޑުވަމުން
މާހަނދުގެ ރަން ހަނދުވަރު ބިމަށް ދޭ ރޭތަކުގެ ހިތްފަހިކަމާ
ރާހަތު ދެޔޭ އެކުގައި ފިލަައި އިރު ފޯރުވައިލާ ދޯއްޖަކުން
ފަތިހަށް ފޮޅޭފަރި މާމަލުން ދިންހައި ޝަޒާ ފޮނި މީރުކަން
މަތިވެރި ޠަބީޢީ ފިޠުރަތުން ޢަޞުރުގެ ކުރިންދޭ މިލެވެމުން
މޭވާވުމުން ދޮން އަންނަހައި މުނިޔާ ގުރާތައް އެނބުރިދޭ
ނޭވާފަށެއްހައި ހިނދުކޮޅެއްގައި ހުސްވުމުން މޭވާ ގަހުން
ހަޅަދިޔަވަރަށް ފަޅުފަޅު އުޅޭ ބިޔަމަސްތަކަށް އޮތްގޮތްމަތީން
ދަޅަދަޅަމަތީ ދިޔަވަރު ހިކޭ ހިނދުގައި ޖެހޭ ދާން ނުކުމެގެން
ޅަފަތުގެ އުނގަށްފަހު ބޮޑުވެގެން ގަދަފަދަވި އިންސާނާ ފަހުން
ކަފަފަދަވެ ބޯ، ގައި ބާރުގޮސް ޅަފަތަށް ރުޖޫޢަ ވެޔޭ އަލުން
اَللّٰهُ ފިޔަވައި ނެތިފަނާ ނުވެޔެއް ނުދޭ އެއްޗެއް ތަނެއް
رَبُّ الْعُلٰى ވޮޑިގެން ވިޔަސް ތަޤްދީރު އެގޮތަށް އޮތްކަމުން
