މިކައުނުގެ ބޮޑުމިނުން ޒައްރެއް ނުވޭ ދުނިޔޭގެ ބޮޑުމިނުގައި
މިކަން އިޙްސާސް ވެވޭ މީހުން މަދޭ ދުނިޔޭގެ ކުޑަބިމުގައި
މިކުޑަކުޑަ "އަރުޟު" ގައި ލެއްވެވި ތަކެއްޗާ ކަންކަމުން ފަދައެއް
ނިކުންނާނޭ ދިރާސާއެއް ކުރާނެ ގޮތެއް ނެތޭ އެނގިފައި
ސަނަދުވެރި ޢިލްމު ނެތް މީހުން ބޮލަށް މިކަމެއް ނުވަތްނަމަވެސް
ތަނަކުނެތް ދަންނަ މީހަކު އަދި އެވަރު ނޭނގޭވަރަށް އޮޅިފައި
نَبَأُ ތަކުގައި ނަބިއްޔުން ދެއްވި ހުރިހައި ބިޔަ ޚަބަރު އެހެރީ
ސަބަބުތަކުގައި ހިފައިގެން ތިބެ ބަލައި ހޯދައިލެވޭ ގޮތުގައި
އުޑާބިން ހޯދުމަށް ޔޫނުސު ސަތޭކަ އެކެއްގެ އަމުރު ފުޅުން
ބުޑާއެކު ކާއިނާތު އެކަށް އޮތީ ހޯދައި ބަލަން ޖެހިފައި
ފަޒާގެ ނިޒާމުތަކުގައްޔާ ބިމާ ކަނޑުފަޅުގެ ސިއްރުތަކުން
ޢަޒާބު، ސަވާބު، ލެއްވެވި މާތްކަލާނގެ ޔަޤީން ވެޔޭ އެނގިފައި
ޒަމާނީ ޢިލްމު ހޯދުމުގައި ސައިންސަށް އިސްކަމެއް ދީގެން
ސަމާލުކަމެއް ފޮތަށް ޤުރުއާން ދިނުން ލާޒިމުވަނީ ވެވިފައި
