ދިވެހި ޅެންވެރި ކަމުގެ ތިންސިފަ ގެއްލިގެން އެ އޮޔާދަނީ
ރިވެތި ހަމަތައް އެގޮތުގައިވާ ތިން ރުކުން އުވިގެންދަނީ
އެންމެ ކުޑަމިނު ކާފިޔާ އެއްގޮތް ވުމަަށް ލާޒިމުވެފައި
ދެން ޅެމުގެ ފިލިކޯޅި ބަނޑުވައް އަކުރު އެއްގޮތްވާންވަނީ
ކޮންމެ ބައިތެއް ފެށުމުގައި މުލައަކުރުގައި އޮތްފިލި ބަލައި
އޮންނަ ހަމައިން އެއަކުރުގެ ފިލި ޞަދުރު، އަޖުޒު،ގެ ގެންނަނީ
ބައިތުގައި ފުރަތަމަ ބައީ ޞަދުރޭ އެކަން ދަންނަން ޖެހޭ
ބައިތުގައި އޮތް ދެވަނަ ފޮޅުވަތް (އަޖުޒު) ކަމުގައި އެކުވަނީ
އިސްވެ ފާހަގަ ރަތް ކުލައިގައި ކުރިކުރުން އަންގައިދެނީ
ވިސްނުމަށް ފަހި ކޮށްލެވޭ ފާހަގައަކަށް ކަމުގައިވަނީ
ޞަދުރު، އަޖުޒު،ގެ ފެށުމުގައި ބަނޑުވައްއަކުރު ޖެހިގެން އޮތުން
މަދު ފަހަރަކަށް ވެސް އެ ހަމަތައް ދޫކުރީމާ އުނިވަނީ
އަޖުޒުގައި އޮތް ފަހު އަކުރު ފިއްޔާ އެކީ އެޔެ ކާފިޔާ
އަޖުމަ ބެލިނަމަ އަޑު ކުރާ އެއްގޮތް ކުރުން ކަމުގައިވަނީ
ފަހުކަމެއްގެ ގޮތުން މި ތިންކަމުގައި ޅެމުގެ ވަޒަނޭ އޮތީ
އަހުރެނަށް ދެ ވަޒަން މިޅެމުގައި ހިނެނިފައި އޮތް ފެންނަނީ
ހޯދަމާހޭ، ހޯދަމާހޭ، ހޯދަމާހޭ، "ހޯދަމާ"
ހޯދަނީ ނަމަ ޅެމުގެ ވަޒަނޭ އެފަދައިން ފެނިގެންދަނީ
އިތުރު ކަމަކަށް ފޮރުވިފައި އޮތް މާނައެއް ޅެމުގައި އޮތުން
މިތުރުނަށް ލާޒިމު ވެގެންވޭ ބުނެލަމުން ޅެން ނިންމަނީ
ޅެމުގެ ވަޒަނާ ކާފިޔާ ފިލިކޯޅި ބަނޑުވައް އަކުރު ވެސް
އެމުނި އެކުލެވި ފޮރުވިފައިވާ މާނަ އޮތުމޭ އޮންނަނީ
