ހެއި ނަކަތް ހުސް ވެއްޖެޔޭ މޫސުން ހުޅަނގު ބަލި ވެއްޖެޔޭ
ރެއި ވިހާ ލައިގަތް ހިނދުން މޫސުން ދަހަނގު ވެސް ވެއްޖެޔޭ
އޮޑިފަހަރު ގަނޑުލައި ކޮޅައި ތެޔޮވެސް އަޅައި ތެޔޮލައި ހަދައި
ބޮނޑި ލިބުން ނެތް މައި މަހުގެ ކަޅިޔަށް އަލުން އޮޑި ބޭލިޔޭ
މުލަ ނަކަތް ލައިގަތް ދުވަހު އިރުވައި ފެށުނު ހިނދު އުފަލުގައި
މުލަކު ބޭރުން ރަށް އޮބާންދެން އޮޑި އިރަށް ދުއްވައިފިޔޭ
ޢަޞްރު ވީއިރު ވެސް ކަނޑުން ބޮތްކެއް ޖަހާތީ ނުފެނެޔޭ
ފަޞްލުގައި އިރުވަރުގެ ފޮތު އޮތް ގޮތް ތަފާތެެއް ވެއްޖެޔޭ
ހަޅަހަޖައި ނިމުނަސް މި އިރުވައި ވައި ޖެހުންވެސް މަޑު ނުވޭ
ފަަޅަކު ބޯއްޖެއް ހަލަކު މުގުރާމެއް މި އިރުވައި ނޭރިޔޭ
ދިނަށަ ލައިގަނެ ދިނަށަ ނަލަވައި ނުކުމެޔޭ އިހުގައި ގަހާ
މިނަކަތަކު މިފަހަރު ގަހާއިން ނަލަވައެއް ޖެހި ނުމެލިޔޭ
އޮޑިވެރިން ގޮސް އެދުރު ގާތަށް ހުށަހަޅައިފި ޝިކާޔަތެއް
އޮޑި މަހަށް ކޮށިވީހެ؟ މޫސުން ހެއު މި އިރުވައި ނުމެވިޔޭ