ތަނެއްގައި ޞުލްޙަ އޮތްހިނދުގައި ފަސާދަ ކުރަން ވެދާނޭތޯ
ތަނެއްގައި އޮންނަ އަމްނު ކަތުން ނަގައިލާން ހެޔޮ ވެދާނޭތޯ
ސަލާމަތް ބުއްދި ބޭނުންކޮށް ހެވެއް ތަނަކަށް އެދޭ މީހާ
ހަލާކުވެ ތަން ހިނގައިދާނޭ ކަމެއް ކޮށްގެން ވެދާނޭތޯ
ބަދަލު ހިފުމާ ތަޢައްޞުބުގައި ހިތާ ނަފްސާ ޚަރާބު ނުކޮށް
ދަބަރު ނަފްސާ ހިތުން ފިލުވައި ލުމުން ދެރައެއް ލިބޭނޭތޯ
ހިތަށްއެރި ކޮންމެ މަގަކުން ވެސް މިދުނިޔޭގައި ދުވެވިދާނޭ
މިތަނުގައި އުޅެވުނަސް އެގޮތަށް އެހެން އުޅެގެން ވެދާނޭތޯ
ރިވެތި އަޚުލާޤުގައި އުޅެގެން ރުހުން މީހުންގެ ހޯދައިގެން
ރިވެތި ގޮތުގައި އުޅޭ މީހާ ޤަދަރު މަތިވެރި ނުވާނޭތޯ
އަލަށް އައު ފަލްސަފާއެއްގައި އުޅޭން ތަން ދުނިޔެއެއް ނުދެޔޭ
ގަލަން ލިޔެފައި ނުވާ ގޮތްގޮޮތް ހިފާން ފަހެ، ހެޔޮ ވެދާނޭތޯ
ރަސޫލުންނާ ނަބިއްޔުންނާ ގެނެސް ދެއްވެވި ޝަރީޢަތަށާ
ރަސޫލުން ދައްކަވައި ދެއްވެވި މަގުން ނުހިނގައި ވެދާނޭތޯ
ފަސާދަ ކުރުން އެއީ ޤަތުލަށް ވުރެންވެސް މާ ނުބައި ކަމެކޭ
ސަޒާ އެކަމަށް ޤިޔާމަތް ދުހު ލިބުން ލާޒުމު ނުވާނޭތޯ