Support Us

ކޮލަމް ކޯދު: ޗާޓަކާ ބެހޭ ތާރީޚީ ވާހަކަކޮޅެއް

މަތީގައިވާ ޗާޓުން އެ ފެންނަނީ މައްކާއާއި މަދީނާގެ ދެމެދުގެ އޮތް ރާސްތާއާއި ދުރުމިނެވެ. މިދެމެދުގައި ހަތަރު ސަތޭކަ ދިހަވަރަކަށް ކިލޯމީޓަރުގެ މަސާފަތެއް ވެއެވެ. މިއަދު، ގަޑިއަކު އަށްޑިހަ ވަރަކަށް ކިލޯމީޓަރު ބާރު މިނުގައި ކާރުގައި ދުއްވާފައިދާ ނަމަ މި މަސާފަތު ގާތްގަނޑަކަށް ހަތަރުވަރަކަށް ގަޑިއިރުގެ ތެރޭގައި ކަޑައްތުކޮށް މައްކާއިން މަދީނާއަށް ދެވެއެވެ.

ސަލާމާއި ސަލަވާތް ލެއްވި މާތް އިތުރު ރަސޫލާ މި މަސާފަތް، އެކަލޭގެފާނުންގެ މިތުރު، މާތްﷲ ރުއްސުން ލެއްވި އަބޫބަކުރުގެފާނާއެކު ކަޑައްތު ކުރައްވަން އަށެއްކަ ދުވަސް ނެންގެވިއެވެ. ގަދަ އަވީގައެވެ. ޖަމަލު މަތީގައްޔާއި ހިންގަވާފައެވެ.

އެކަލޭގެފާނު މި ވަރުބަލިފުޅުވުމާއި މި ބޮޑު ބުރަ އުފުއްލެވުމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ މާތްﷲގެ ދީނަށް ނަސްރު ދެއްވުމަށެވެ. އެ ދީން، މީސްތަކުންނަށް ފޯރުކޮށްދެއްވުމަށެވެ. އެ ބުރަ އުފުއްލަވައި އެ ދަތުރު ކުރެއްވުމުގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ އިސްލާމީ ނޫރު މުޅި ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރި ދިޔުމެވެ. އަދި އިނބައާއި އަޅުގަނޑަށް ވެސް އެ ދީނުގެ ހިދާޔަތުގެ ނޫރު ފޯރައި، އެކަމުގެ މަތިވެރި ނިއުމަތް ލިބުމެވެ. އެމަކަށްޓަކައި މާތްﷲއަށް ގިނަގިނައިން ހަމްދުކޮށް، އެކަލޭގެފާނުންގެ މައްޗަށް ސަލަވާތް ލެއްވުމަށް އެދި ދުއާކުރުން ގިނަ ކުރުން ވެސް ހުއްޓެވެ.