ރޫސީ ރައީސް ޕޫޓިން ޔުކްރޭނުގައި ހަނގުރާމަކުރުމަށް ޓަކައި ރަޝިޔާގެ ޢަސްކަރީ ޚިދްމަތަށް ވަކިވަރަކަށް މީހުން އިތުރަށް ނެރުމަށް މިއަދު ނިންމެވުމުން އެ ޤަރާރާ ދެކޮޅަށް ބައިނަލްއަޤްވާމީ ރައްދުތައް އޮހެން ފަށައިފިއެވެ.
ޔޫރަޕްގެ ކަމިޝަނުން ބުނިގޮތުގައި ރައީސް ޕޫޓިންގެ މި ޤަރާރުން އެނގެނީ "މޮސްކޯ މާޔޫސްވެއްޖެ" ކަމެވެ. އަދި އެއީ ހަނގުރާމަ އިތުރަށް ހޫނު ކުރާން މޮސްކޯއިން އެދޭކަން ހާމަކޮށްދޭ ކަމެކެވެ. ޔޫރަޕްގެ ކަމިޝަނަކީ ޔޫރަޕްގެ އިއްތިޙާދުގެ ތަންފީޒީ ގުނަވަނެވެ. އެ ކަމިޝަނުން ބުނާގޮތުގައި މި ޤާރާރާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެ އިދާރާއިން އަޅާނެއެވެ.
ރައީސް ޕޫޓިންގެ މި ޤަރާރާ ވިދިގެން ޔޫރަޕްގެ ޤައުމުތައް ބުނާގޮތުގައި މި ކަމުގެ ސަބަބުން ތެލާއި ގޭސް ލިބުމަށް އިތުރު ދަތިތަކާ ކުރިމަތިވާނެކަމުގެ ބިރު އިތުރުވެއްޖެއެވެ.
ޔޫރަޕްގެ ކަމިޝަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ތަރްޖަމާނު ޕީޓަރ ސްޓާނޯ ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ. "މިއީ ޕޫޓިން ޞުލްހައަށް އަހައްމިއްޔަތު ނުދެއްވާ ކަމުގެ ދަލީލެކެވެ. އޭނާ އިސްކަން ދެއްވަނީ ހަނގުރާމަ އިތުރަށް ކުރިއަށް ގެންދަވާށެވެ!"
ޖަރްމަނުގެ ރަސްމީ ތަރްޖަމާނު މުސްތަޝާރު ޝުލްޓްސްއާ ޙަވާލާ ދެއްވާ ވިދާޅުވިއެވެ. "މިއިން އެނގެނީ މޮސްކޯއިން ޔުކްރޭނަށް ދެމުން ގެންދާ ޙަމަލާތަކަށް ކާމިޔާބު ލިބެމުންނުދާ ކަމެވެ."
ފިންލެންޑުގެ ދިފާޢީ ވަޒީރު ހާމަކުރެއްވި ގޮތުގައި ރައީސް ޕޫޓިންގެ މި ޤަރާރާ ވިދިގެން ފިންލެންޑުން މި ދަނީ އަވަށްޓެރި ރަޝިޔާގެ ޢަމަލުތަކަށް ވަރަށް ގާތުން ކަޅިއަޅަމުންނެވެ.
ލިޓްވާނިޔާގެ ދިފާޢީ ވަޒީރު އަނޮނޮސްކާސް ވިދާޅުވި ގޮތުގައި އޭނާގެ ޤައުމުން މިހާރު ވަނީ އެ ޤައުމުގެ ޢަސްކަރިއްޔަތުގެ ތައްޔާރީ އެންމެ މަތީ ދަރަޖައަށް އުފުއްލައިފައެވެ. އޭނާގެ ފޭސްބުކްގައި ލިޔުއްވިއެވެ. "ޕޫޓިންގެ މި ޤަރާރު އަހަރެމެންނާ އަވަށްޓެރި ކެލިނިންގްރާޑްގައި ވެސް ތަންފީޒު ކުރެވޭނެތީ ލިޓްވޭނިޔާއަށް ދެ އަތް އުރައިލައިގެން ބަލާކަށް ނޯވެވޭނެއެވެ."
ދުނިޔޭގެ ބާޒާރަށް ލޮޅުން އެރުން
ރައީސް ޕޫޓިންގެ މި ޤަރާރާ ވިދިގެން ތެލުގެ ބާޒާރުގައި ތެލުގެ އަގުތައް 2% ށް މައްޗަށް އުފުލިގެން ދިޔައެވެ. އަދި ޔޫރަޕްގައި ޠަބީޢީ ގޭހުގެ އަގު 7% ށް މައްޗަށް ދިޔައެވެ.
ޕޫޓިންގެ ޤަރާރާ ވިދިގެން ޔޫރޯގެ އަގު ވަރަށް ބޮޑަށް ވެއްޓިގެން ދިޔައެވެ. މިއަދުގެ ބާޒާރުގައި ޔޫރޯއެއްގެ އަގަކީ 0.9885 ޑޮލަރެވެ. މިއީ ވޭތުވެ ދިޔަ ދެ ދަހަރުގެ ތެރޭގައި ދަށަށް ނުދާ ފަދަ ބޮޑު މިންވަރެކެވެ.



advertisment