Support Us

ރަޝިޔާ- ޔުކްރޭން ހަނގުރާމައިން ދުނިޔެއަށް ލިބުނީ ކޮން ފައިދާއެއް

އަސާސަށް ބަލާއިރު ރަޝިޔާ– ޔުކްރޭން ހަނގުރާމައަކީ ބޭކާރު ހަނގުރާމައެކެވެ. ރަޝިޔާއިން ސިފަކުރާ ގޮތުގައި އެއީ "ޢަސްކަރީ ޚާޢްޞަ ޢަމަލެކެވެ." ހުޅަނގުން ސިފަކުރާ ގޮތުގައި އެއީ "އެއްވެސް ބަހަނާއެއް ނެތް ހަނގުރާމައެކެވެ." ހައެއްކަ މަސް ފާއިތުވެގެން ގޮސްފައިވާ މި ހަނގުރާމައިން ދުނިޔެއަށް ލިބުނީ ކޮން ފައިދާއެއް ބާވައެވެ.

ހުޅަނގުން ބުނާގޮތުގައި މިއީ ދީމުޤްރާޠީ ނިޒާމު ޙިމާޔަތްކުރުމަށާއި ޤާނޫނަށް އިޙްތިރާމު ކުރުމަށް ޓަކައި ކުރެވޭ "މުޤައްދަސް ހަނގުރާމަ" އެކެވެ. ޔުކްރޭން ހަނގުރާމައަކީ ޙަޤީޤަތުގައި ހަމަ އެ ފަދަ ހަނގުރާމައެއް ހެއްޔެވެ؟ މި ހަނގުރާމައިގައި ނަޞްރު ލިބޭނެ ބައެއް އެބަ ތިބިހެއްޔެވެ؟

ރަޝިޔާއިން ވަނީ އިރުމަތީ ޔުކްރޭނުގައި ކާމިޔާބީތަކެއް ހޯދައިފައެވެ. އެހެނަސް މި ކަމަށް ޓަކައި ވަނީ އެތައް އަގުބޮޑު ލޭތަކެއް އޮހުރުވައިފައެވެ. އެތައް  ބިލިޔަނުން ފައިސާ  ހޭދަކޮށްފައެވެ.

އެމެރިކާ ވަނީ ޔޫރަޕަށް އަލުން އަތްގަދަކޮށްފައެވެ. އެހެނަސް އެމެރިކާއަށް ވަނީ އެތައް ގެއްލުންތަކެއް ތަޙައްމުލު ކުރާން ޖެހިފައެވެ.ކުރިމަގުގައި ބަރުދާސްތު ކުރަން ޖެހޭ ގެއްލުންތައް އަދި މާ އިތުރުވާނެއެވެ.

މިއީ އެމެރިކާއިން އެތާނގެ ދާޚިލީ މަސްއަލަތަކާ ފިލަންވެގެންނާއި  އެމެރިކާގެ އަތްގަދަކުރުން  އަލުންވެރިކުރުވުމުގެ އެދުމުގައި އެމެރިކާގެ އޭޖެންޓުން ލައްވާ ކުރުވާ ހަނގުރާމައެކެވެ. މިއީ ރަޝިޔާއިން އެ ޤައުމުގެ ސަރަޙައްދު އަމާންކުރުމަށާއި އިސްތިރާތީޖީ ފުނަށް އެރުމާއި އެމެރިކާގެ އަތްގަދަކުރުމާ ދުރަށް ފިލުމަށް ކުރާ ހަނގުރާމައެކެވެ.

އަވަސް ނިމުމެއް އަންނާނެކަމަށް ލަފާނުކުރެވޭ މި ހަނގުރާމައިގެ ސަބަބުން ދުނިޔެ ވަނީ ރަހީނު ކުރެވިއެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔެއާ ކުރިމަތިވެފައިވާ މުޞީބާތްތަކުގެ ތެރޭގައި ކާބޯތަކެތީގެ  ދަތިކަމާއި އޭގެ އަގު މައްޗަށް ދިޔުމާއި ގޭހާއި ތެލުގެ އަގު ބޮޑުވުމާއި މޫސުމީ ކާރިސާތައް ގިނަވުންފަދަ އެތައްއެތައް ކަންތައްތަކެއް ވެއެވެ.

ފެބްރުވަރީ 24، 2022 ގައި ހަނގުރާމަ ފެށީ ތިން ހަތަރު މަހެއްހާ ދުވަސްވާންދެން "ނާމާންކަން ފަތުރާނެ ހަނގުރާމައެއްގެ ޑަނޑޫރާ ޖެހުމަށް" ފަހުގައެވެ. އެއީ ޙަޤީޤަތަށް ބަލާއިރު އެމެރިކާގެ ރައީސް ޖޯ ބައިޑްނާ ރޫސީ ރައީސް ވްލެޑިމީރު ޕޫޓިނާ ދެމެދުގައި ފަޅައިގެން ދިޔަ އަލިފާނުގެ ގޮވުމެކެވެ. އެއީ އެމެރިކާގެ ޖިއޯސިޔާސީ ގަނޑުބަޑެއްގެ ގޮވުމެކެވެ. އެއީ ޑިޕްލޮމެޓިކް ޙައްލެއް ލިބިގެންނުވާކަމަށާއި ހަނގުރާމައިގެ ވަގުތު ޖެހިއްޖެކަމަށް ރަޝިޔާއިން ނިންމިނިންމުމުމަކާ ހެދި ފަޅައިގެން ދިޔަ ޢާލަމީ ކާރިސާއެކެވެ.

ޔުކްރޭންގެ ރައީސް ޒިލެންސްކީއަށް ބަލާއިރު އޭނާ ދަނީ އޭނާގެ ލަޝްކަރާއި ޢާންމު ރައްޔިތުން ކަތިލައްވަމުންނެވެ. އޭނާ ދަނީ ވަރަށް "ފިނޑި ގޮތަކަށް" ހުޅަނގުގެ ރަހީނަކަށް ވެގެން ހުންނަވާ އެ ޤައުމުގެ އިޤްތިޞާދާއި ބިނާރުތަކާއި މަދަނީ އަރުތަތައް ފުޑުފުޑު ކުރައްވަމުންނެވެ. ޖަރްމަނުގެ މުސްތަޝާރު ޝުލްޓްސް ވިދާޅުވާ ގޮތުގައި ޔުކްރޭނުގެ މުޅި ސަރަޙައްދުގެ 25% އޮތީ ރަޝިޔާއިން ފުރިހަމައަށް ހިފައިފައެވެ. އެ ޤައުމު  އަލުން އާރާސްތު ކުރުމަށް އެތައްއެތައް ބިލިއަނެއްގެ ފައިސާ ބޭނުންވާނެތެވެ. އެހެންވީމާ ކިޔީވަށް ލިބުނީ ކޮން ނަޞްރެއް ހެއްޔެވެ؟

އެމެރިކާ ހަނގުރާމައިގެ އަޞްލު

އެތައް ދަހަރުތަކެއް ކުރިން މި ގަޑުބަޑު ފަށައި މި ގަޑުބަޑަށް ތެޔޮ ޖަހާ ވަރުގަދައަށް ރޯކުރަމުންދާ ފަރާތަކީ އެމެރިކާއެވެ. ޔުކްރޭނަކީ ރަޝިޔާއާއި ބިލޫރޫސިޔާއާއެކު ސޮވިއެޓް ޔުނިއަން ޤާއިމުކުރުމުގައި އިސް  ދައުރެއް ކުޅުނު ތައުސީސީ ޤައުމެކެވެ. މިދިޔަ ސައްތައިގެ  ނުވަދިހައިގެ ކުރީކޮޅުގައި ސޮވިއެޓް ޔުނިއަން ރޫޅި ފަނާވެ ދިޔުމާއެކު ވޮޝިންގްޓަނުން މޮސްކޯއަށް ކަށަވަރުކޮށްދީ ވަޢުދުވި ކަންތައްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ކަމަކީ ނޭޓޯ އިރުމަތީ ފަރާތަށް އެންމެ އިންޗިއަކަށް ވެސް ފުޅައު ނުކުރާނެކަމުގެ ޢަހްދު ކަށަވަރެވެ.

ނަމަވެސް ނޭޓޯ މަޑުމަޑުން އިރުމަތީ ފަރާތަށް ފުޅައުކުރެވެމުން ދިޔައެވެ. ސޮވިއެޓް ޔުނިއަންގެ ޒަޢާމަތުގެ ދަށުގައި އޮތް ވޯރސޯ ޖަމާޢަތުގެ އެތައް ޖުމްހޫރިއްޔާތުތަކެއް ނޭޓޯއަށް ވެއްދިއެވެ. އެ ދުވަސްވަރު ރަޝިޔާ އޮތީ ވަރަށް ނިކަމެތި ޙާލެއްގައެވެ. ހުޅަނގުގެ ހަންފެތުރުމާ ދެކޮޅު ހެދޭވަރުގެ ޤާބިލުކަމެއް މޮސްކޯގެ ކިބައިގައެއް ނެތެވެ. މި ޙާލަތުގެ ބޭނުން ނާޖާއިޒުގޮތުގައި ހިފައިގެން ހުޅަނގުން ދިޔައީ ރަޝިޔާގެ ހުޅަނގު ފަރާތުން ރަޝިޔާއާ ކައިރިވަމުން ރަޝިޔާ ފިއްތަމުންނެވެ.

ޔުކްރޭނަށް ބަލާއިރު އެ ޤައުމަކީ އަޞްލުގައި ދެ ފަޅިވެފައިވާ ދެ ފިކްރެއްގެ ދެ ޤައުމެކެވެ. ޔުކްރޭންގެ ހުޅަނގު ފަރާތަކީ ހުޅަނގުގެ ފިކްރުތަކަށް ތާއީދު ކުރާ ފަޅިއެކެވެ. އެހެނަސް ޔުކްރޭންގެ އިރުމަތީ ފަރާތަކީ ރަޝިޔާއާ އެކު އެކުވެރިކަން ދަމަހައްޓާން ބޭނުންވާ ފަޅިއެކެވެ.

މިކަމާހެދި ޔުކްރޭނުގައި ކޯޅުންތަކާއި ގަޑުބަޑުތައް ހިނގަން ފެށިއެވެ. މި ކަމުގައި އަޑީގައި ވެސް އޮތީ ހަމަ އެމެރިކާއެވެ. މި އަރާރުންތަކާއި ކޯޅުންތަކުގެ ނަތީޖާއަކަށްވީ 2014 ގައި ރަޝިޔާއިން ވަރަށް ކުއްލި ގޮތަކަށް ޔުކްރޭނުގެ ސަރަޙައްދެއްކަމުގައި ކްރެމިޔާ ހިފާ ރަޝިޔާގެ ބިމަކަށް ހެދުމެވެ. މީގެއިތުރަށް ޔުކްރޭނުގެ ބާރުގެ ދަށުން ވަކިވެގަންނަން އެދޭ މީހުން ވަގުތު ބަލައިފާ ޔުކްރޭންގެ ދެ ސަރަޙައްދެއް ކަމުގައިވާ ލޮގަންސްކާއި ޑޮނެސްޓްކް ކިޔީވްގެ ވެރިކަމުން ބޭރުކޮށްލައި ރަޝިޔާގެ އެހީގައި މިނިވަންކަން އިޢުލާން ކުރިއެވެ. ރަޝިޔާއަށް  އަދަބުދިނުމުގެ ގޮތުން އަށް ޤައުމުގެ  ޖަމާޢަތުން ރަޝިޔާ ބޭރުކޮށްލައި އެއީ ހަތް ޤައުމުގެ ޖަމާޢަތަކަށް ހެދިއެވެ.ޖަރްމަނާއި ފަރަންސޭސިވިލާތް މެދުވެރިވެގެން ރަޝިޔާއާއި ޔުކްރޭނާ ދެމެދުގައި މިންސްކްގައި ޞުލަޙައާބެހޭ އެއްބަސްވުމެއް ޤާއިމު ކުރިއެވެ. އޭރު ވަނީ ރަޝިޔާއަށް ތާއީދު ކުރާ ޔުކްރޭނުގެ ބާރުތަކުން ޑޮންބާސް ސަރަޙައްދުގެ ތިން ބައި ކުޅައެއްބައި ހިފައިފައެވެ.

ޔުކްރޭން މި ޙާލަތުގައި އޮތްވާ އެމެރިކާގެ ރައީސް ކަމަށް 2021 ގައި ރައީސް ބައިޑްން ވަޑައިގެންނެވިއެވެ. "ދުނިޔޭގެ ޒަޢާމަތަށް އެމެރިކާ އަތުވެއްޖެކަން" އޭނާ އިޢުލާން ކުރެއްވިއެވެ. އެހެނަސް އޭނާއަށް މަޖްބޫރުވެ ވަޑައިގަންނަވައިގެން އޮގަސްޓް 2021 ގައި އަފްޣާނިސްތާނުން އެމެރިކާގެ ބާރުތައް ބޭލުއްވިއެވެ. މި ކަން ވެގެން ދިޔައީ އެމެރިކާގެ ހައިބަތަށް ލިބުނު ވަރަށް ބޮޑު އުނިކަމަކަށެވެ. އެމެރިކާގެ ބައިވެރީންގެ ހިތުގައި ވޮޝިންގްޓަނަށް އޮތް އިތުބާރު ކަމީނާވެގެން ދިޔަ ކަމަކަށެވެ. ރައީސް ޓްރަމްޕްގެ "އެންމެ ފުރަތަމަ އެމެރިކާ" މި ސިޔާސަތުގެ ސަބަބުންނާއި އޭނާގެ ގެންގުޅުއްވި ދުނިޔެއާ އެކަހެރިވެ އޮތުމުގެ ސިޔާސަތުގެ ސަބަބުން ވެސް ބައިނަލްއަޤްވާމީ މަސްރަޙުގައި އެމެރިކާއަށް ލިބިފައިވާ ހައިބަތާއި އިތުބާރު ކުޑަވެގެން ނިކަމެތިވެގެން ދިޔައެވެ.

ދެން އައީ އެމެރިކާގެ ރިޔާސީ އިންތީޚާބެވެ. މި އިންތިޚާބުގައި ރައީސް ޓްރަމްޕަށް ނާކާމިޔާބު ލިބިވަޑައިގަތުމާ ވިދިގެން އެ ނަތީޖާ ޤަބޫލު ކުރެއްވުމާ އޭނާ ދެކޮޅު ހެއްދެވިއެވެ. މި އިންތިޚާބުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެއްދެވުމުން އޭނާއަށް ތާއީދު ކުރާ މީހުން މިދިޔަ ޖަނަވަރީ ހައެއ1ގައި ކޮންގްރެސް މަބްނާތެރެއަށް ވަދެގަތެވެ. މި ކަމުގެ ސަބަބުން އެމެރިކާގެ ސިޔާސީ މޫނު ދުނިޔޭގެ ކުރިމަތީގައި ހުތުރުވެގެން ދިޔައެވެ. އެހިސާބުން އެމެރިކާގެ އެތެރެ ގަޑުބަޑުވެ އަހްލީ ހަނގުރާމައެއްގެ ތުންމައްޗަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އެހިސާބުން އެމެރިކާ ބޮޑު ބާރެއްގެ ގޮތުގައި އޮތްއޮތުން އޮއްސިއްޖެ ކަމަށް ދުނިޔެއަށް ފެނި ތަޞައްވުރުވެގެން ދިޔައެވެ.

ރަޝިޔާއން ބޭނުންވި ޖާމިނުވުން ނުލިބުން

ޔުކްރޭން ހަނގުރާމައަށް ބަލާއިރު ޔުކްރޭން  ނޭޓޯއަށް ނުވައްދާނެކަމުގެ ޖާމިނުވުން އެމެރިކާއިން މޮސްކޯއަށް ދިނުމަށް ރައީސް ޕޫޓިން އެމެރިކާގެ ރައީސް ބައިޑްންގެ އަރިހުން އެދިވަޑައިގަތެވެ. ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާގެ ބަހަކީ ނޭޓޯގެ ބަހެވެ. ނަމަވެސް އެމެރިކާގެ ރައީސް މި ހަނގުރާމަ ހިނގިޔަ ނުދިނުމަށް ޓަކައި ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި އޭނާ ސިފަކުރެއްވީ ޔުކްރޭން ހަނގުރާމައަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕް ދެކެމުންދާ އެންމެ ބޮޑު ހަނގުރާމަ ކަމަށެވެ. އެމެރިކާގެ ދާޚިލީ މަސްއަލަތަކާއި ދުނިޔެ މީގެ ހަތަރު ދަހަރެއްހާ ދުވަސްކުރީން ދެކެފައިނުވާ ފަދަ އިޤްތިޞާދީ ދަތިކަމާއި ލާދަ މައްޗަށް ދިޔުމާއި ކާބޯތަކެތީގެ އަގުމައްޗަށް ދިޔުންފަދަ ހުރިހާ މަސްއަލަތަކެއްގެ  ފޫޅު ބައިޑްން ކެނޑުއްވީ ޔުކްރޭން މަސްއަލައިގެ ބޮލަށެވެ. ވައިޓްހައުސް އެކަމަކާއިގެން މަޝްޣޫލުވެ އަވަދިނެތިވީ ޔުކްރޭންގައި ރަޝިޔާ ބަލި ކުރުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *