Support Us

ރަޝިޔާއިން ޔުކްރޭނުގައި ނިޔުކްލިއަރ ހަތިޔާރުގެ ބޭނުންކޮށްފާނެތީ އެމެރިކާ ކަންބޮޑުވެއްޖެ

ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން "ބާރު ދައްކަވާލެއްވުމުގެ ގޮތުން" ޔުކްރޭނުގައި ނިޔުކްލިއަރ ހަތިޔާރު ބޭނުންކުރައްވައިފާނެކަމުގެ ބިރު އެބައޮތް ކަމަށް އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިވްޔޯރކް ޓައިމްސް އެމެރިކާގެ ބައެއް މަސްއޫލުވެރީންނާ ޙަވާލާދީ ރޭ ބުނިގޮތުގައި ރޫސީ ރައީސް ޕޫޓިން "ފަންނީގޮތުން" ނިޔުކްލިއަރ ހަތިޔާރު ބޭނުންކުރައްވަވާފާނެއެވެ. އެއީ ދައްކައިލުމުގެ ގޮތުން ކަޅު ކަނޑު މަތީގައި ނުވަތަ އުތުރު ގަނޑުފެން ކަނޑުގައި ނުވަތަ ޔުކްރޭންގެ ބިމުގެ ސަރަޙައްދުގެ ތެރޭގައެވެ.

ނަމަވެސް އެމެރިކާގެ މަސްއޫލުވެރީން މި ނޫހަށް ވިދާޅުވިގޮތުގައި ރައީސް ޕޫޓިން ނިޔުކްލިއަރ ތަޖްރިބާއެއް ކުރައްވާން އުޅުއްވާކަމުގެ ނުވަތަ ނިޔުކްލިއަރ ހަތިޔާރު ތަނަކަށް ގެންދަވާން އުޅުއްވާކަމުގެ އެއްވެސް ދަލީލެއް ލިބިވަޑައިގަންފައެއް ނުވެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ޔުކްރޭންގައި ފަހަކަށް އައިސް ރަޝިޔާއަށް ލިބިފައިވާ ބައެއް ނާކާމިޔާބީތަކަށް ރައްދު ދެއްވުމަށް ޓަކައި ރައީސް ޕޫޓިން ދަނީ ޢަސްކަރީ އިތުރު ތައްޔާރުވުމަކަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.

ޖާސޫސީ ބަހުސްތަކެއް

އެމެރިކާގެ ޖާސޫސީ އިދާރާގެ އިސް މަސްއޫލުވެރިއަކާ ޙާވާލާދީ މި ނޫސް ބުނާގޮތުގައި މިފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރައްވައިފިނަމަ ރައީސް ޕޫޓިން މުޅި ދުނިޔެއާ އެކަހެރިވެގެން ދާނެކަމުގެ ބިރު އެބަ އޮތެވެ. ރައީސް ޕޫޓިން ވަނީ ޗައިނާއާއި އިންޑިޔާފަދަ ބޮޑެތި ޤައުމުތަކުގެ ތާއީދަށް ބޭނުންފުޅުވެފައެވެ. އެހެންކަމުން މިފަދަ އާހިތަ ކަމަކަށް އޭނާ ހާސާވެވަޑައެއް ނުގަންނަވާނެއެވެ

އެމެރިކާގެ ރައީސް ޖޯ ބައިޑްން އެމެރިކާގެ ސީބީއެސް ޓީވީ ޗެނެލަށް ދެއްވި ބަސްދީގަތުމެއްގައި ނިޔުކްލިއަރ ހަތިޔާރުގެ ބޭނުންނުކުރުމަށް މޮސްކޯއަށް ވަނީ އިންޒާރު ދެއްވައިފައެވެ. ބައިޑްން ވިދާޅުވިއެވެ. "ޔުކްރޭނުގައި ރަޝިޔާއިން ނިޔުކްލިއަރ ހަތިޔާރު ބޭނުންކޮށްފިނަމަ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެ ނުދެކޭފަދަ ބަދަލުތަކެއް ދުނިޔެއަށް އަންނާނެއެވެ."

މި ނޫސް ބުނާގޮތުގައި އެމެރިކާގެ ޢަސްކަރީ މުއައްސަސާތަކުގެ ތެރޭގައި ރަޝިޔާއިން ނިޔުކްލިއަރ ތަޖްރިބާއެއް ކޮށްފިނަމަ ނުވަތަ ނިޔުކްލިޔަރ ކުޅިސަމާއެއް ބާއްވައިފިނަމަ އެކަމަށް ރައްދުދޭނެ ގޮތްތަކާމެދު ވަރަށް ވަރުގަދައަށް ބަހުސް ކުރެވެމުން އެބަ ދެއެވެ.

އެމެރިކާގެ މި އިންޒާރުތަކަށް ރައްދުދެމުން ރޭ ރަޝިޔާއިން ބުނިގޮތުގައި ރަޝިޔާއިން "ނިޔުކްލިއަރ ހަތިޔާރުގެ ބޭނުން ކުރާނީ އެ ޤައުމުގެ ނިޔުކްލިއަރ ޢަޤީދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ."

ރަޔާ ނޮވެސްޓީ ނޫސް އޭޖެންސީ ބިލޮރޫސިޔާގެ ރައީސް އެކްސަންޑަރ ލޮކްޝަންކޯއާ ޙަވާލާދީ ބުނާގޮތުގައި "އިންސާނިއްޔަތު އޮތީ ނިޔުކްލިއަރ އަރާރުމެއްގެ ތެރެއަށް ވަނުމާ ވަރަށް ގާތުގައެވެ." އޭނާ ވިދާޅުވިއެވެ. "އެމެރިކާއިން ދަނީ ޔުކްރޭނުގައި ރަޝިޔާއާ ކުރިމަތިލުމަށް ޓަކައި ޔޫރަޕް ކުރިއަށް ކޮއްޕަމުންނެވެ."

މެޑްވެޑޭވްގެ އިންޒާރެއް

ނިވްޒްވީކް މަޖައްލާ ބުނާ ގޮތުގައި ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑީވް މީގެ ދެ ހަފުތާ ކުރިން ވަނީ އެމެރިކާއަށާއި އެމެރިކާގެ ބައިވެރީންނަށް ނިޔުކްލިއަރ އިންޒާރެއް ދެއްވައިފައެވެ. އޭނާ ތުހްމަތު ކުރެއްވި ގޮތުގައި ޔުކްރޭނުގައި ހިނގަމުންދާ ކުރިމަތިލުންތަކުން ނާޖާއިޒު ފައިދާ ނެގުމަށް އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ދަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ބޭނުމަކީ ރަޝިޔާ ރޫޅައިލައި ސިޔާސީ މައިދާނުން ރަޝިޔާ ދުރަށް ލުމެވެ. މެޑްވެޑީވަކީ ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އެންމެ އިސް ދެވަނަ ޝަޚްޞިއްޔަތެވެ. ސޮވިއެޓް ޔުނިއަންގެ އެންމެ ފަހު ރައީސް މީޚާއީލް ގަރްބަޗޯފްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށްފަހު މެޑްވެޑީވް އޭނާގެ ޓެލެގްރާމުގައި ލިޔުއްވިއެވެ. "މިއީ ޙައްދުފަހަނަޅައިފައިވާ އެންގްލޯ ސެކްސަނުންގެ ހުތުރު ހުވަފެނެވެ. އެމީހުން ނިދާފައި ތިބެނީ އަހުރެމެންގެ ދައުލަތް ރޫޅައިލުމުގެ ޚިޔާލީ ފޮލާގެ ތެރޭގައެވެ. އެމީހުން އަބަދުވެސް ވިސްނަމުންދަނީ އަހުރެމެން ފޮތިފޮތި ކުރާނެ ގޮތްތަކާމެދުއެވެ."

މެޑްވެޑީވް އިތުރަށް ވިދާޅުވިއެވެ. "މިއީ ވަރަށް ނުރައްކާތެރި މަސައްކަތެކެވެ. އަހުރެމެން އެކަމާމެދު ފަރުވާކުޑަކޮށްލައިގެން ނުވާނެއެވެ. ނިޔުކްލުއަރ ބާރެއް، ބާރުގެ ބޭނުންކޮށްގެން ރޫޅައިލުމަކީ މަރާއެކު ރާޒުވާ ކުޅުން ފަދަ ކަމެކެވެ. ކުޅިގަނޑު ނިމޭނެ ވަގުތު ކަނޑައެޅިގެން އެނގޭނެއެވެ. އެއީ އިންސާނިއްޔަތުގެ ނިމުމެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *